މާލޭ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރަކަށް މާފަންނު ހުޅަނގު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަރީޝް އިންތިޚާބުކޮށްފިއެވެ.
އޭނާ އެ މަޤާމަށް އިންތިޚާބުކޮށްފައިވަނީ ކުރިން އެ މަޤާމުގައި ހުންނެވި އަހުމަދު ނަރީޝް މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މާލެ ސިޓީގެ މޭޔަރުކަމުންނާއި، ސިޓީ ކައުންސިލްގެ މެމްބަރުކަމުން އަހުމަދު ނަރީޝް އިސްތިއުފާ ދެއްވާފައިވާއިރު، ނަރީޝް މިހާރު އައްޔަނު ކުރައްވާފައިވަނީ މިނިސްޓަރު ފެންވަރުގައިި، މިނިސްޓާ އޮފް ޔޫތު އެމްޕަވަމަންޓް އިންފޮމޭޝަން އެންޑް އާޓްސްގެ އެޑްވައިޒަރެއްގެ މަޤާމަށެވެ.
އެހެންކަމުން ސިޓީ ކައުންސިލުން ވަނީ ބައްދަލުވުމެއް ބާއްވައި، ޑެޕިއުޓީ މޭޔަރު އިންތިޚާބު ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މި މަގާމަށް ކުރިމަތިލެއްވީ ވެސް އަރީޝް އެކަންޏެވެ.
އެހެންކަމުން ކައުންސިލުން ފެންނަ ނުފެންނަ ވޯޓެއް ނަގާފައިވާއިރު، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ކައުންސިލަރުންގެ ވެސް ތާއީދާ އެކު އޭނާ މި މަޤާމަށް ވަނީ އިންތިޚާބު ކޮށްފައެވެ.
އަރީޝްއަކީ އެމްޑީޕީގެ ޓިކެޓުގައި ހޮވުނު ކައުންސިލަރެކެވެ. ނަމަވެސް ފަހުން އޭނާ ވަނީ ވެރިކަން ކުރާ ޕާޓީއާ ގުޅިވަޑައިގެންފައެވެ.

