މާޗު މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް 5.72 ބިލިއަން ރުފިޔާ މި އަހަރުގެ ބަޖެޓުން ބޭނުުންކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސްއިންވަނީ މާޗު މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ބަޖެޓުން ކޮށްފައިވާ ބޭނުންތަކުގެ މައުލޫމާތު ހަފްތާގެ ތަފާސްހިސާބުގެ ގޮތުގައި އާންމުކޮށްފައެވެ. އެ މިނިސްޓްރީން އާންމުކޮށްފައިވާގޮތުން ނިމިދިޔަ އަހަރަށްވުރެ މި އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބިފައިވާ މިންވަރު އިތުރެވެ. އެގޮތުން ނިމިދިޔަ އަހަރު 7.17 ބިލިއަން ލިބުނުއިރު މި އަހަރު 7.20 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް އާންމުކޮށްފައިވެއެވެ.
ޖުމުލަ ހޭދައިގެ ތެރެއިން 5.34 ބިލިއަން ރުފިޔާއަކީ ރިކަރެންޓު ހަރަދުކަމަށް ބުނެފައިވާއިރު ކެޕިޓަލް ހަރަދުގެ ގޮތުގައި 394.6 މިލިއަން ރުފިޔާ ބޭނުންކޮށްފައިވާކަމަށްވެސް ބުނެފައިވެއެވެ. މުސާރަ ދިނުމުގެ ގޮތުން 2.43 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު އިދާރީ އަދި ހިންގުންތެރިކަމުގެ މަސައްކަތްތަކަށް 2.91 ބިލިއަން ހަރަދުކޮށްފައިވާކަން ފިނޭންސްގެ ތަފާސްހިސާބުން ފެނިގެންދެއެވެ.
އާމްދަނީގެ ތެރެއިން ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 5.95 ބިލިއަން ރުފިޔާއެވެ. މިއީ ނިމިދިޔަ އަހަރުގެ މާޗު 6 ވަނަ ދުވަހުގެ ނިޔަލަށް ލިބުނު ވަރަށްވުރެ މަދު އަދަދެއްކަމަށްވާއިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު އަދަދުކަން އިތުރުވެފައިވާކަން ފެނިގެންދެއެވެ. ނިމިދިޔަ އަހަރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި މާޗު 6 ވަނަ ދުވަހުގެ ނިޔަލަށް ލިބިފައިވަނީ 1.08 ބިލިއަންކަމަށްވާއިރު މި އަހަރު 1.21 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

