ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުއްޖެއްގެ އަބުރަށް ބެލުމެއް ނެތި، ހަނގާކުރި މައްސަލަ ކުށްވެރި ކުރަން: ޗިލްޑްރަންސް އޮމްބަޑްޕާސަން އޮފީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުއްޖެއްގެ އަބުރަށް ބެލުމެއް ނެތި، އެ ކުއްޖާގެ ކަރާމާތަށް ގެއްލުންވާ ގޮތަށް ސިޔާސީ ޕާޓީއެއްގެ ހަރަކާތެއްގައި ދެކެވުނު ވާހަކަތައް ކުށްވެރި ކުރާކަމަށް ޗިލްޑްރަންސް އޮމްބަޑްޕާސަން އޮފީހުން ބުނެފި އެވެ.

ޗިލްޑްރަންސް އޮމްބަޑްޕާސަން އޮފީހުން ބަޔާނެއް އާންމުކޮށްފައި ވަނީ، މުޒާހަރާއެއްގައި އެމްޑީޕީގެ ސެކްރެޓޭރިއެޓްގެ މެމްބަރު މަރިޔަމް ޒުބެއިރު (މަންދީ) ރައީސް މުއިއްޒުގެ 18 އަހަރު ނުވާ ދަރިކަލަކާއި ގުޅުވައި ވާހަކަ ދައްކަވާފައި ވަނިކޮށެވެ. މަންދީއަކީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމްގެ މަންމަ އެވެ.

މަންދީ ދެއްކި ވާހަކަތައް ކުށްވެރިކޮށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އާއި އިލެކްޝަންސް ކޮމިޝަން (އީސީ) ބަޔާނެއް އާންމު ކުރި އެވެ.

އޮމްބަޑްޕާސަން އޮފީހުން އާންމު ކުރި ބަޔާނުގައި ބުނީ، ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަތުވެދާނެ ގޮތަކަށް ވާހަކަ ދައްކާ މަންޒަރު ފެންނަ ވީޑިއޯ ބްރޯޑްކާސްޓުކޮށް ދައުރު ކުރަމުން ދާތީ ކަންބޮޑުވާކަމަށެވެ.

ބަޔާނުގައި ބުނެފައި ވަނީ ގާނޫނުއަސާސީގެ ދެވަނަ ބާބުގެ 35 ވަނަ މާއްދާގައި ކުޑަކުދިންނަކީ އާއިލާގެ ފަރާތުންނާއި ޖަމާއަތްތަކުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ހާއްސަ ރައްކާތެރިކަމެއް ލިބެން ޖެހޭ ބައެއްކަމަށެވެ. އަދި އެ ގާނޫނުގެ 27 ވަނަ މާއްދާގެ ދަށުން މިނިވަންކަމާއި އެކު ފިކުރު ކުރުމާއި އިސްލާމް ދީނުގެ އަސްލަކާއި، ހިލާފު ނުވާ ގޮތެއްގެ މަތީން ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ލިބިގެންވާކަމަށެވެ.

އެހެން ނަމަވެސް އެ ހައްގު ބޭނުން ކުރުމުގައި އެހެން އެއްވެސް ފަރާތެއްގެ ހައްގަކަށް ނުވަތަ ކަރަމާތަށް، އުނިކަމެއް ނާޏްނަކަން ކަށަވަރު ކުރުމާއި އެ ހައްގު ގާނޫނީ ތަރަހައިގެ ތެރެއިން ބޭނުން ކުރުމަކީ މުޖްތަމައުގެ ފަރުދުންނަށް އޮތް ޒިންމާއެއް ކަމަށެވެ.

ޗިކްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ބުނީ ގާނޫނުއަސާސީއާއި ކުޑަކުދިންނާއި ބެހޭ ބައިނަލްއަޤުވާމީ މުއާހަދާތަކުން ރިއާޔަތްކޮށް އެކުލަވާލާފައިވާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނަށް ބަލާއިރު އެ ކުދިންނަށް ލިބިގެންވާ ހައްގުތަކާއި މައިންބަފައިންނާއި އާއިލާއާއި ޖަމާއަތްތަކާއި އަދި ދައުލަތާއި މުޖްތަމައުގެ ބައިވެރިވުން އޮންނަން ޖެހޭ ގޮތް ބަޔާން ކުރާކަމަށެވެ. އަދި ގާނޫނުއަސާސީގެ 33 ވަނަ މާއްދާގެ ދަށުން އެ މީހެއްގެ ނަމާއި އަބުރު ރައްކާތެރި ކުރެވިފައި އޮތުމުގެ ހައްގު ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށް ފާހަގަކުރި އެވެ.

ކުޑަކުއްޖެއްގެ އަބުރަށް ބެލުމެއް ނެތި، އެ ކުއްޖާގެ ކަރާމާތަށް ގެއްލުންވާ ގޮތަށް ސިޔާސީ ޕާޓީއެއްގެ ހަރަކާތެއްގައި ވާހަކަ ދެއްކިއިރު އެ މަންޒަރުތައް ލައިވްކޮށް ބްރޯޑްކާސްޓު ކުރަމުން ދިއުން ކުށްވެރި ކުރާކަމަށް ބަޔާނުގައި ވެއެވެ. އަދ ބުނެފައި ވަނީ ކުޑަކުދިންނާއ މެދު ހިންގާ މިފަދަ އަމަލުތަކަކީ އޭގެ ސަބަބުން އެ ކުދިންގެ އަމިއްލަ ނަފްސަށް އިތުބާރު ކުޑަވެ ނަފްސާނީ ގޮތުން ބޮޑެތި އަސަރުތައް ކުރާނެ ފަދަ ވާހަކަތައްކަމަށެވެ.

އެހެންވެ އެ އޮފީހުން ގޮވާލީ ކުޑަކުދިންގެ ކަރާމާތް ގެއްލޭ މިފަދަ ހަރަކާތްތަކާއި އަމަލުތައް ނުހިންގުމަށެވެ. އަދި ކުޑަކުދިންނަށް ލިބެން ޖެހޭކަމަށް ބަޔާން ކުރާ ހުރިހާ ހައްގެއް ވެްސ ކަށަވަރުކޮށްދިނުމުގައި ދެމިތިބުމަށް އިލްތިމާސް ކުރި އެވެ.

މި މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާގެ އާއިލާގެ ފަރާތުން އިއްޔެ ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި އެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަބަލުން ސާޖިދާ މުހައްމަދު ދަރިފުޅުގެ ދިފާއުގައި ނެރުނު ބަޔާނުގައި ވަނީ، ސިޔާސީ ބޭނުމަށް ސްކޫލު ދައުރު ފުރިހަމަ ކުރަމުންދާ ކުއްޖެއްގެ އަބުރު ނަގައިލުން ކުށްވެރި ކުރާކަމަށެވެ. އަދި އެ ކުއްޖާގެ މުސްތަގުބަލަށް އަސަރު ކުރާ ގޮތަށް، ހަނގާކޮށް ދައްކާ މިފަދަ ވާހަކަތަކާއި ދެކޮޅަށް މަންމައެއްގެ ހައިސިއްޔަތުން ނިކުންނާނެކަމަށް ބުންޏެވެ.

އާއިލާއިން ނިންމާފައި ވަނީ މައްސަލައިގައި މަންދީއަށާއި، އެމްޑީޕީގެ އިތުރުން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ މައްޗަށް މަދަނީ ދައުވާ ކުރުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: