ކޮންޓެންޓުތައް ގެނެސްދިނުމުގައި ކުޑަކުދިންގެ އަބުރާއި ކަރާމާތް ނުގެއްލޭނެ ގޮތަށް ސަމާލުކަން ބެހެއްޓުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން އިލްތިމާސްކޮށްފި އެވެ.
ބްރޯޑްކޮމް މިފަދަ ބަޔާނެއް އާންމުކޮށްފައި މިވަނީ، މިދިޔަ ހަފްތާގައި އިދިކޮޅު އެމްޑީޕީ ބޭއްވި އެއްވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އުމުރުން 16 އަހަރުގެ ދަރިކަލަކަށް ނިސްބަތްކޮށް ވާހަކަ ދެއްކި މައްސަލައެއް ހޫނުވެފައި ވަނިކޮށެވެ. އެ ދުވަހުގެ އެއްވުމުގައި ޕާޓީގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރު (މަންދި) ދައްކަމުން ދިޔަ ވާހަކަތައް ބައެއް މީޑިއާތަކުން ލައިވްކޮށް، ކަވަރޭޖު ގެނެސްދީފައި ވެއެވެ.
ކޮމިޝަނުން މިއަދު ނެރުނު ސާކިއުލާއެއްގައި ވަނީ، ބްރޯޑްކާސްޓަރުން އަމަލު ކުރަން ޖެހޭނެކަމަށް އެކުލަވާލާފައިވާ ހަމަތަކާއި ގައިޑްލައިންތަކަށް އަމަލު ކުރުމަށް އެދޭކަމަށެވެ. އަދި ހާއްސަކޮށް ކުޑަކުދިންނާއި ގުޅޭ މައުލޫމާތުތައް ގެނެސްދިނުމުގައި ހާއްސަ ސަމާލުކަމެއް ބެހެއްޓުމަށް ވެސް ވަނީ އެދިފަ އެވެ.
ބަޔާނުގައި ބުނެފައި ވަނީ ބްރޯޑްކާސްޓު ކުރުމުގައި ކުޑަކުދިން ހިމާޔަތް ކުރުމުގައި އަމަލު ކުރަންވީ ގައިޑްލައިންގެ ހަމަތަކާއި އެއްގޮތަށް އަމަލު ކުރުމަށް އިލްތިމާސް ކުރާކަމަށެވެ. އަދި ކުޑަކުދިންގެ ކަރާމާތާއި އަބުރުވެރިކަން ނުގެއްލޭ ގޮތަށް ކޮންޓެންޓު ފޮނުވުމަށް އެދޭކަމަށް ވެސް ވެއެވެ.
މީގެއިތުރުން ކޮމިޝަނުގެ ބަޔާނުގައި ވަނީ ހުއްދަ ދޫކޮށްފައިވާ ހުރިހާ ބްރޯޑްކާސްޓަރުން ވެސް ފޮނުވަނީ ރާއްޖޭގެ ގާނޫނުތަކާއި ގަވައިދު އަދި އާންމު އިޖްތިމާއީ މިންގަނޑުތަކާއި ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑަށް ފެތޭ ކޮންޓެންޓުތައްތޯ ބަލަން ޖެހޭކަމަށެވެ.

