ހައިކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު ”ހުތުރު ބަހުން“ ވާހަކަ ދެއްކިކަމަށް ބުނާ މައްސަލައިގައި ޖުޑިޝަލް ސާވިސް ކޮމިޝަނުން ކުރާ ތަހުގީގުގައި ހާޒިރުކޮށް ސުވާލު ކުރީ އެ ހާދިސާއާއި ގުޅޭގޮތުން ނޫންކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ގާނޫނީ ވަކީލު ވިދާޅުވެއްޖެ އެވެ.
ފަނޑިޔާރު މަހާޒް މިއަދު ދެވަނަ ފަހަރަށް ޖޭއެސްސީއަށް ހާޒިރުކޮށްފައި ވަނީ، މީގެ ތިން އަހަރު ކުރިން ސުޕްރީމް ކޯޓަށް މުހައްމަދު ހަނީފް ހާޒިރުކޮށް ސުއޫދު ހުތުރު ބަހުން ވާހަކަ ދެއްކިއިރު މަހާޒް ވެސް އެ ތަނުގައި ހުންނެވިކަމަށް ބުނެ އެވެ. އެކަމާއި ގުޅުވައި ޖޭއެސްސީ ބަލަމުންދާ ސުލޫކީ މައްސަލައިގައި ވަނީ މަހާޒްއާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އެ މަޖިލީހުގައި ތިއްބެވުމުން އެކަމަށް ޒިންމާ ނަގަން ޖެހޭކަމަށެވެ.
ޖޭއެސްސީގެ މިއަދުގެ ތަހުގީގާއި ގުޅޭގޮތުން ”ސަންގު“ އަށް މަހާޒްގެ ގާނޫނީ ވަކީލު މުހައްމަދު ފައިސަލް ވިދާޅުވީ ކޮމިޝަނަށް ހާޒިރުވީ މައްސަލައިގައި ބުނާ މަޖިލީހުގައި ހާޒިރުވެ އިންކަމަށް ބުނާތީ އެކަމަށް ޖަވާބުދާރީވުމަށް ތައްޔާރުވެގެން ކަމަށެވެ. އެހެން ނަމެވެސް ޖޭއެސްސީގެ ތަހުގީގު ކޮމިޓީން ސުވާލުކޮށްފައި ވަނީ ހައިކޯޓުގެ މުވައްޒިފެއް އެގޮތަށް ސުޕްރީމް ކޯޓަށް ހާޒިރު ކުރެވިދާނެތޯ އާއި އެފަދަ ހާލަތެއް އޮތް ނަމަ އެ އިޖުރާއަތުތަކަކީ ކޮބައިތޯކަމަށް ފައިސަލް ވިދާޅުވި އެވެ.
މީގެއިތުރުން ސުޕްރީމް ކޯޓުން މައްސަލައެއް ބަލަމުންދާއިރު، އެކަމާއި ގުޅޭ ލިޔެކިއުންތައް ހައިކޯޓުން ގެނެވޭނެ ގޮތަކީ ކޮބައިތޯ ވެސް ސުވާލު ކުރިކަމަށް ފައިސަލް ވިދާޅުވި އެވެ.
ދެން އެ މައްސަލަ ބަލަން ނޯޓިސްގައި އޮތީ، އެހެން ނަމަވެސް އެކަމާއި ގުޅޭގޮތުންނެއް އަޅުގަނޑުމެންނާއި ސުވާލެއް ނުކުރޭ.. މި ދެންނެވީ ހައިކޯޓުގެ މުވައްޒަފަކާއި ހަޑި ހުތުރު ބަހުން ވާހަކަ ދެއްކިތޯ.. ކޮން ވާހަކައެއްތޯ ދެއްކީ.. އެފަދަ އެއްވެސް ސުވާލެއް ނުކުރޭ.. އަޅުގަނޑުމެންނާއި ކުރި ސުވާލަކީ ހައިކޯޓުގެ ދެ މުވައްޒަފަކު ސުޕްރީމް ކޯޓަށް ގެނެވިދާނެތޯ.. ގެންނަންޏާ އެ ގެންނަ ގޮތަކީ ކޮބައިތޯ.. އެއީއެއް ނޫން ހުށަހެޅިފައި އޮތް މައްސަލައަކީ، އެކަމަކު ދެން އެހެން ނަމަވެސް ފަނޑިޔާރު ޖަވާބު ދެއްވި.. އެކަން ކުރެވޭ ގޮތާއި އެކަން ކުރާ ގޮތާއި އެއްޗެހި ޖަވާބު ދެއްވި.. ދެން އެހީ ހައިކޯޓުން ލިޔެކިއުމެއް ސުޕްރީމް ކޯޓަށް ހޯދަން ވެއްޖެއްޔާ އެކަން ކުރަނީ ކިހިނެއްތޯ.. އެނެއްކާ އެއީ ވެސް މައްސަލައިގައި ހިމެނޭކަމެއް ނޫން.. ދެން ފަނޑިޔާރު އެކަމަށް ޖަވާބު ދެއްވި..
ފައިސަލް ވިދާޅުވީ ހައިކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާއާއި ހަޑިހުތުރު ބަހުން ވާހަކަ ދެއްކި މަޖިލީހެއްގައި މަހާޒް ހުރިކަމަށް ބުނެ ނޯޓިސް ފޮނުވުމަށް ފަހު އެކަމާއި ގުޅޭ އެއްވެސް ސުވާލެއް ނުކުރާކަމަށެވެ. އަދި މައުޟޫއުގައި ނުހިމެނޭ އެހެން ސުވާލުތައް ކުރި ނަމަވެސް އެކަމަށް މަހާޒް ޖަވާބު ދެއްވިކަމަށް ފައިސަލް ވިދާޅުވި އެވެ.
މި މައްސަލައިގައި މިއަދު ޖޭއެސްސީއަށް އަޒްމިރަލްދާ ވެސް ހާޒިރުކޮށްފައި ވެއެވެ. އެ ތަހުގީގާއި ގުޅޭގޮތުން އަޒްމިރަލްދާގެ ވަކީލު އިބްރާހިމް ޝަމީލް ވިދާޅުވީ މިއީ އިންސާފުން ބޭރުން ހިންގާ ތަހުގީގެއްކަން ފަނޑިޔާރު ވިދާޅުވެފައިވާނެ ކަމަށެވެ.
2022 ވަނަ އަހަރު ހިނގިކަމަށް ބުނާ މި ހާދިސާގެ ތަހުގީގު އަހަރުތަކެއް ފަހުން ފެށުމުން ގިނަ ބަޔަކު އެކަމަށް ދަނީ ފާޑުކިޔަމުންނެވެ.
މި މައްސަލައިގައި ތަހުގީގުތައް ފަށައި ސަސްޕެންޑު ކުރުމުން ފަނޑިޔާރުކަމުން ސުއޫދު ވަނީ އިސްތިއުފާ ދެއްވާފަ އެވެ.
ތިން ފަނޑިޔާރަކާއި ގުޅޭ މައްސަލަތަކެއް ކޮމިޝަނުން ބަލަން ފެށީ، މެމްބަރުންގެ ގޮނޑިއާއި ގުޅޭ ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުގައި ހިނގަމުން ދަނިކޮށެވެ. ފުލް ބެންޗުން ބަލަމުންދާ އެ މައްސަލައަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރިކަމަށް މަހާޒާއި، އަޒްމިރަލްދާ އަދި ސުއޫދު ވަނީ ވިދާޅުވެފަ އެވެ.

