ތެލަސީމިއާ ސެންޓަރ (މޯލްޑިވިއަން ބްލަޑް ސަރވިސަސް) އަށް ނަރުހުން ހޯދުމަށް އިއުލާނުކޮށްފިއެވެ.
އެ އިދާރާއިން ކުރި އިއުލާނެއްގައި ބުނީ، މޯލްޑިވިއަން ބްލަޑް ސަރވިސަސް ގައި މަސައްކަތް ކުރެއްވުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި، މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި މަސައްކަތަށް ޤާބިލު މުވައްޒަފުން ކަމަށެވެ. މި ވަޒީފާއަށް ހޮވޭ ނަރުހުން މަސައްކަތް ކުރަންޖެހޭނީ ބްލަޑް ކަލެކްޝަން، ސްޓޯރޭޖް އެންޑް އިޝޫ ސެކްޝަންގައެވެ.
މި މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ލޭއަޅާކުދިންނަށް ބޭނުންވާ ޖިސްމާނީ، އިޖްތިމާއީ އަދި ނަފްސާނީ ފަރުވާދިނުމުގައި ނާރސިންގ ކެއަރގެ ޕްލޭންތައް އެހެން ސިއްހީ ފަންނުވެރިންނާއެކު ވިލަރެސްކޮށްގެން ރާވައި އެ ޕްލޭންތަކާއި އެއްގޮތަށް ފަރުވާދިނުން ހިމެނެއެވެ.
މީގެ އިތުރުން، ލޭއަޅާކުދިންނަށް ބޭނުންވާ ހޯލިސްޓިކް ކެއަރ ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް ދެވޭނެގޮތް އިންތިޒާމްކޮށް، ރައްކާތެރިކަމާއެކު ދެވޭޚިދުމަތްތައް ދިނުމާއި، ތެލަސީމިއާ ސެންޓަރުގައާއި މުޖުތަމައުގައި ހިންގާ ނަރުހުންނަށް އުނގަންނައިދިނުމުގެ ހަރަކާތްތަކާއި، ސިއްހީ ހޭލުންތެރިކަމާއި ސިއްހަތު ކުރިއެރުވުމަށް ހިންގާޕްރޮގްރާމްތައް ރޭވުމުގައާއި ހިންގުމުގައި ބައިވެރިވުންވެސް މަޤާމުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނެއެވެ.
ހަމައެއާއެކު، ލޭއަޅާކުދިންގެ އާއިލާތަކުން، ބަލިން ރައްކާތެރިވުމާއި ފަރުވާކުރުމާއި ކެއަރ އާބެހޭގޮތުން ކުރާ ސުވާލުތަކަށް ޖަވާބުދީ އޮޅުންފިލުވައިދިނުމާއި، ބަލިމީހުންނަށާއި ޑޯނަރުންނަށް ޕާރސަނަލްކެއަރދޭ އެހެން ސިއްހީ ޚިދްމަތްތެރިންނާއެކު މަސައްކަތް ރާވާހެދުމުގެ އިތުރުން، ބަލިމީހުންނަށް ލިޔެދީފައި ހުންނަ ޑޮކްޓަރީބޭހާ އެއްގޮތަށް ފަރުވާދީ އެފަރުވާއަށް ބަލިމީހާގެ ހާލަތު ބަދަލުވަމުން އަންނަގޮތް ބަލަމުންގެންދިއުމާއި، ބަލިމީހާއަށް ޚާއްސަ ސިއްހީ ޕްރޮފެޝަނަލުންގެ ޚިދުމަތް ބޭނުންވާ ހާލަތްތަކުގައި އެކަންތައްތައް ފެސިލިޓޭޓް ކޮށްދިނުންވެސް ހިމެނެއެވެ.
އަދި ޅޭއަޅަކުދިންނާއި ޑޯނަރުންގެ ސިއްހީ މައުލޫމާތާއި ދެވުނު ބޭސްފަރުވާ ރެކޯޑްކުރާ ނިޒާމުގައި ލިޔެ އަދާހަމަކުރުމާއި، ބްލަޑްކޭމްޕްތައް ހިންގަން ބޭނުންވާ އެއްޗިހި ހަމަޔަށް ހުރިތޯބެލުމާއި ކޭމްޕްތަކުގައި ގަވާއިދުން ބައިވެރިވުމާއި، ބަލިމީހުންނަށް ލިޔެދީފައި ހުންނަ ޑޮކްޓަރީ ބޭހާ އެއްގޮތަށް ފަރުވާދީ، އެ ފަރުވާއަށް ބަލިމީހާގެ ހާލަތު ބަދަލުވަމުން އަންނަ ގޮތް ބަލަމުން ގެންދިއުމާއި ބަލިމީހާއަށް ޚާއްޞަ ޞިއްޙީ ޕްރޮފެޝަނަލުންގެ ޚިދުމަތް ބޭނުންވާ ހާލަތްތަކުގައި އެކަންތައްތައް ފެސިލިޓޭޓް ކޮށްދިނުންވެސް ހިމެނެއެވެ.
އެމްބީއެސްއިން ބުނީ، އޮފީހުގެ ރަސްމީ މަސައްކަތާއި ގުޅޭގޮތުން ހަވާލު ކުރެވޭ އެންމެހާ ކަންތައްތައްކުރުމާއި، އަދި ސިއްޚީ އެމަރޖަންސީތަކާއި، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުންވެސް މި މަޤާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ.
އެމްބީއެސްއިން ދެމުންދާ ޚިދުމަތްތައް ދޯދިޔާވެ، ވަސީލަތްތަކުގައިވެސް މައްސަލަތައް ހުރިކަމަށް ލޭ އެޅުމުގެ ޚިދުމަތް ލިބިގަންނަ އާއިލާތަކުން ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން، އެ އިދާރާގައި ބޭއްވުނު ބައްދަލުވުމެއް ހޫނުވެ، އާއިލާތަކުން އިހުތިޖާޖުކުރި ހާދިސާއާ ގުޅިގެން ރައީސް މުޢިއްޒު ވަނީ އެތަނަށް ވަޑައިގެން ހުރިހާ ޑިޕާޓްމަންޓްތަކެއްގެ ހާލަތު ބައްލަވާފައެވެ.
މި ޒިޔާރަތުގައި ރައީސް ވަނީ އެވަގުތު ތަނުގެ ޚިދުމަތްތައް ލިބިގަންނަމުންދިޔަ ޕޭޝަންޓުންގެ އާއިލާތަކާ ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ. އަދި ސަރުކާރުން މިހާރުވަނީ އާއިލާތަކުގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމުގެ ގޮތުން ވަގުތުން އިސްލާހުކުރެވެން ހުރި ކަންކަން ކުރުމަށް އިދާރާތަކުގެ ވެރިންނާ މަޝްވަރާކޮށް، ފިޔަވަޅުތައް އަޅަން ފަށާފައިކަން ފާހަގަކުރެވެއެވެ.
އެމްބީއެސްއަކީ ޒަމާނުއްސުރެ ގިނަ މައްސަލަތަކެއް ހުރި ތަނެއްކަމަށްވާއިރު، އެ މައްސަލަތައް ހައްލުކުރުމަށް ވޭތުވެދިޔަ އަހަރުތަކުގައި އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިފައިނުވާކަން ފާހަގަކުރެވެއެވެ. ނަމަވެސް މިހާރު އެ މަސައްކަތްތައް ފެށިފައިވާއިރު، ސީދާ ރައީސް ވަޑައިގެން އިސްނެންގެވުމަކީ އަވަސް ހައްލުތަކެއް ލިބިގެންދާނެކަމުގެ އުންމީދު އާއިލާތަކަށް ލިބިގެންދާނެ ކަމެއްކަން ފާހަގަކުރެވެއެވެ.

