މިއަދު އެމްޑީޕީއަކީ އެއްވެސް ތާއީދެއް ނެތް ރައްޔިތުން ބަލައިނުގަންނަ ޕާޓީއެއްކަމަށް އެނގޭ އެންމެ ބޮޑު ސަބަބަކީ އެކުގައި މުޒާހަރާއަށް ނިކުންނާނެ ބަޔަކު ނެތުމުންކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހިމް ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި މުސްތަފާ ވިދާޅުވީ އެމްޑީޕީ މަގުތަކަށް ނިކުމެ ސަރުކާރާއި ދެކޮޅަށް ސީދާ ހަރަކާތަށް ނިކުންނަން ޖެހޭ ހިސާބަށް ކިރިޔާ ވެސް ހާލަތު ގޮސްފައި ނުވާކަމަށެވެ. މުސްތަފާ ވިދާޅުވީ ރޯދަ މަހުގެ ތަރާވީސް ނަމާދު ވަގުތުގައި އެމްޑީޕީން މުޒާހަރާކޮށް، މަގުމަތީ އަޑުގަދަ ކުރަމުންދާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތައީދު އޮތްކަން އެނގޭ ގޮތަކީ އެ ޕާޓީއާއި ގުޅޭނެ ބަޔަކު ނުވުމެވެ. އަދި ވިދާޅުވީ މުޒާހަރާއަށް މަގުމައްޗަށް ނިކުތީ ވަރަށް މަދު ބައެއް ކަމަށެވެ.
މުސްތަފާ ވިދާޅުވީ އެމްޑީޕީ ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ، އެ ޕާޓީއަށް އެއްވެސް ތާއީދެއް ނެތްކަމާއި އަދި ރައްޔިތުން އެބޭފުޅުން ބަލައި ނުގަންނަކަމެވެ. އެހެންކަމުން ސަރުކާރަށް އަހަރެއްވެފައި ވަނިކޮށް މަގުމައްޗަށް ނިކުމެ ސަރުކާރު ވައްޓާލަން ޖެހޭ އެއްވެސް ހާލަތެއް އޮތްކަމަށް ރައްޔިތުން ގަބޫލު ނުކުރާކަމަށް މުސްތަފާ ވިދާޅުވި އެވެ.
އޭގެ މާނައަކީ ރައްޔިތުން އެމްޑީޕީއެއް ބަލައެއް ނުގަނެއޭ.. ރައްޔިތުން ގަބޫލެއް ނުކުރެއޭ އެ ލެވެލްއަށް އަދި މުޒާހަރާކޮށްގެން.. ސަރުކާރު ވައްޓާލަން ޖެހޭ ހިސާބަށް ދިޔަކަމަށް ވެސް..
މީގެއިތުރުން މުސްތަފާ ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރު، އަވަސް ފިޔަވަޅުތައް ނާޅައިފި ނަމަ ރާއްޖެ ބަނގުރޫޓުވެދާނެކަމަށް ބައިނަލްއަޤުވާމީ މަލީ އިދަރާތަކުން ދިޔައީ ރަތް ސިގްނަލްތައް ދެމުން ކަމަށެވެ. އެހެން ނަމަވެސް އެފަދަ އެއްވެސް ހާލަތެއް ދިމާ ނުވެ، ރާއްޖެ ކުރިޔަށް ދަނީ ރައީސް މުއިއްޒުގެ ހަރުދަނާ ރަނގަޅު ސިޔާސަތުތަކުގެ ސަބަބުންކަމަށް މުސްތަފާ ވިދާޅުވި އެވެ.
މުސްތަފާ ވިދާޅުވީ އެމްޑީޕީ އުނދަގޫވެގެން އުޅެނީ، އެ ޕާޓީން ބޭނުންވި ހާލަތު ރާއްޖެއަށް ދިމާ ނުވެ ސަލާމަތްވުން ކަމަށެވެ. އެ ޕާޓީން ބޭނުންވީ ރާއްޖެ ބަނގުރޫޓުވެ އެކަން ސަރުކާރާއި މަތިކޮށް ރައްޔިތުންގެ ހިތުގައި ސަރުކާރާއި މެދު ނަފްރަތާއި ރުޅިވެރިކަން އުފެއްދުމަށްކަމަށް މުސްތަފާ ވިދާޅުވި އެވެ.
މުސްތަފާ ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި މާލީ ގޮތުން ގައުމަށް ފައިދާ ހުރި އެއްވެސް މަސައްކަތެއް ކުރެވިފައި ނެތް ކަމަށެވެ. އަދި ބޮޑެތި އިންޓްރެސްޓު ރޭޓުތަކުގައި ލޯނުތައް ނަގާފައި ހުރި އެ އަނބުރާ ދައްކާނެ ގޮތެއް ނެތިކަން ފާހަގަކޮށް ވިދާޅުވީ މި ސަރުކާރަށް ޖެހިފައި ވަނީ އޭގެ ދަތިތައް ކަމަށެވެ.
އެމްޑީޕީން ފައިސާ ޗާޕު ކުރުމުގެ ސަބަބުން އިންފްލޭޝަނަށް އޭގެ އަސަރުކޮށް، ތަކެތީގެ އަގު އިންތިހާއަށް އުފުލިގެން ދިޔައިރު މާލީ ހާލަތު މިހާ ދަށަށް ދިއުމުގެ އެ ޒިންމާ އެ ޕާޓީން ނަގަން ބޭނުން ނުވާ ސަބަބެއް ނުވިސްނޭކަމަށް މުސްތަފާ ވިދާޅުވި އެވެ.
މުސްތަފާ ވިދާޅުވީ ރައްޔިތުންލައްވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މަސައްކަތް ކުރުވައި، ދައުރު ނިންމާލީ އެ ފައިސާ ކުންފުނިތަކަށް ދޫނުކޮށް ކަމަށެވެ. އެސްއޯއީތަކުން ބޭނުންވާ އެކި މެޝިނަރީތަކާއި އެހެނިހެން ހިދުމަތް ހޯދައި ފައިސާ ނުދައްކައި ހުރުމުގެ ސަބަބުން ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު އެ ކުންފުނިތައް އޮތީ ބަނގުރޫޓުވާ ހިސާބުގައިކަމަށް މުސްތަފާ ވިދާޅުވި އެވެ.

