ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުފޫޒާއި ބާރުގެ ބޭނުން ކުރާތީ ރައްޔިތުން ނޫނެކޭ ބުނީ އެމްޑީޕީއަށް: މަމްދޫހު

ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙު/ ފޮޓޯ: ހުލާސާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވި ފުރަތަމަ ދުވަހުން ފެށިގެން ޖުޑިޝަރީގެ ތެރެއަށް ނުފޫޒު ފޯރުވުން ނިމުމަކަށް އައިކަމަށް ށ. ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު (މަންޑޭ) ވިދާޅުވެއްޖެ އެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި މަމްދޫހު ވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަމަށް އަހަރެއް ވެގެންއައި އިރު މިހާތަނަށް ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން ކުރެއްވި އެއްވެސްކަމެއް އިދިކޮޅަށް ދެއްކެން ނޯންނާނެކަމަށެވެ. ޝަރުއީ ނިޒާމަށް ސަރުކާރުން ނުފޫޒު ފޯރުވާކަމަށް ބުނެ ވާހަކަތައް ދައްކާއިރު މަމްދޫހު ވަނީ، އެކަން އެގޮތަށް ކުރީ ކޮން ގޮތަކުން ތޯ ސުވާލު ކުރައްވާފަ އެވެ. އަދި ވިދާޅުވީ މިހާތަނަށް ވެސް އެއްވެސް ކޯޓެއްގެ ހުކުމެއްގެ މައްޗަށް ނުވަތަ ސުޕްރީމް ކޯޓުގެ ނިންމުމެއް ބަދަލު ކުރުވުމަށްޓަކައި ސަރުކާރުން އެއްވެސް މަސައްކަތެއްކޮށްފައި ނުވާނެކަމަށެވެ.

މަމްދޫހު ވިދާޅުވީ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން މަސައްކަތް ކުރާކަމަށް ވާހަކަތައް ފަތުރަނީ އެމްޑީޕީކަމަށާއި، އެއީ އެމްޑީޕީ ބޭނުންވާ ގޮތްކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީއަކީ އަދުލު އިންސާފާއި ޖުޑިޝަރީގެ ވާހަކަ ދެއްކުމުގެ އެއްވެސް ހައްގެއް އޮތް ޕާޓީއެއް ނޫންކަމަށެވެ.

އެމްޑީޕީގެ ސަރުކާރުގެ ހިނގި ބައެއް ކަންކަމުގެ މިސާލު ނަންގަވައި މަމްދޫހު ވިދާޅުވީ، އެ ޕާޓީ ބޭނުންވި ގޮތަށް މުވައްސަސާތަކުން ފެށިގެން ގޮސް ކޯޓުތަކުގެ ފަނޑިޔާރުން އައްޔަނު ކުރަމުން ދިޔަކަމަށެވެ.

ރައްޔިތުން އެ އޮތީ ނިންމާފައި އެމްޑީޕީ ކަންކަން ކުރީ ގޯސްކޮށްކަމަށް ވޯޓުން.. ރައްޔިތުން އެ އެ އޮތީ 2024 ގައި ނިންމާފައި މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް މެޖޯރިޓީއެއް ނުދެވޭނެ އޭ… އެމްޑީޕީއަށް ބާރު ދިނީމަ ކަންކަން ހިނގީ ގޯސްކޮށްނޭ އެ އޮތީ ޖަވާބު ދީފައި..

މީގެއިތުރުން މަމްދޫހު ވިދާޅުވީ، ކޯޓުތަކަށް ބާރު ފޯރުވައި ސުލޫކީ މައްސަލަތައް ފުލުފުލުގައި ބެލުމުގެ ތާރީހެއް އޮތީ އެމްޑީޕީގެ ކަމަށެވެ. ފަނޑިޔާރުން ވަކިކޮށް، ބިރު ދެއްކުމުގެ އެތައް މައްސަލަތަކެއް އެމްޑީޕީގެ ފަސް އަހަރުގެ ދައުރުގައި ފެނިގެން ދިޔައިރު އަމިއްލައަށް ހެދި ގޯސްތައް ނޭނގެނީތޯ މަމްދޫހު ސުވާލު ކުރެއްވި އެވެ.

މަމްދޫހު ވިދާޅުވީ އެމްޑީޕީއަށް ގަބޫލު ކުރެވޭ ގޮތުގައި، ރައީސް މުއިއްޒު ވެސް ގެންގުޅުއްވަނީ އެ ޕާޓީ ބޭނުން ކުރި ގޮތަށް ނުފޫޒާއި ބާރު ބޭނުން ކުރައްވާނެ ކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރުގެ ކަންކަން ބައްޓަން ކުރެވިފައިވަނީ، އެމްޑީޕީގެ ވިސްނުމާއި ހިޔާލުތަކާއި އޭރު ހިނގަމުން ދިޔަ ކަންކަމުގެ މައްޗަށް ނޫންކަމަށް މަމްދޫހު ވިދާޅުވި އެވެ.

އެމްޑީޕީ ބޭނުންވާ ގޮތަށް އަޅުގަނޑުމެން ސަރުކާރު ހިންގާނަމަ ޖުޑިޝަރީގެ ތެރެއަށް ވެސް އަތް ބާނާނެ.. އެމްޑީޕީ ބޭނުންވާ ގޮތަށް މި ސަރުކާރުގެ ކަންކަން ހިންގާނަމަ ފަނޑިޔާރު ގެތަކަށް ވެސް އަތް ބާނާނެ.. އެހެން ނަމަވެސް އަޅުގަނޑުމެން މި ސަރުކާރު ހިންގަމުން މި ދަނީ އެމްޑީޕީ ބޭނުންވާ ގޮތަކަށް ނޫން..

މަމްދޫހު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވި ފުރަތަމަ ދުވަހުން ފެށިގެން ޖުޑިޝަރީގެ ތެރެއަށް ނުފޫޒު ފޯރުވުން ނިމުމަކަށް އައިކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގެ ޖުޑިޝަރީއާއި ފަނޑިޔާރުންގެ ހައްގުގައި ވަކާލާތުކޮށް ވާހަކަ ދެއްކޭނެ ހިސާބެއްގައި އޮތް ޕާޓީއެއް ނޫންކަމަށް ވިދާޅުވި އެވެ.

އެމްޑީޕީގެ ސަރުކާރުގައި ފަނޑިޔާރުންތައް ވަގަށް ނަގައި، ހައްޔަރުކޮށް ވުޖޫދުން ވެސް ގެއްލުވާލަން މަސައްކަތް ކުރިކަމަށް މަމްދޫހު ވިދާޅުވި އެވެ. ސުޕްރީމް ކޯޓުގެ ބެންޗު އެއްކޮށް ބަދަލު ކުރުމުގެ ނިޔަތުގައި ފެށި މަސައްކަތާއި އެކު އެ ކޯޓުގައި އޭރު ތިއްބެވި ފަނޑިޔާރުންގެ މައްޗަށް ޖިނާއީ ތުހުމަތުތައްކޮށް ވަކި ކުރީކަން މަމްދޫހު ފާހަގަކުރެއްވި އެވެ.

މަމްދޫހު ވިދާޅުވީ މި ސަރުކާރުގައި ފެންނަނީ ތިން ބާރުވަކިވެފައިވާ ނިޒާމެއްކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ވެސް ވެރިކަން ހިންގުމުގެ ބާރުން އެއްވެސް ނުފޫޒެއް ނުފޯރުވާކަމަށެވެ.

މީގެއިތުރުން މަމްދޫހު ވިދާޅުވީ ޖުޑިޝަރީ އިސްލާހުގެ ޓެގު ބޭނުކޮށްގެން ބޭނުންވި ގޮތަށް ސުޕްރީމް ކޯޓު ބަދަލުކޮށްލުމަށް އެމްޑީޕީ މަސައްކަތް ފެށީ ވެސް ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: