ގުޅި ލާމެހިފައިވާ ޑިޖިޓަލް ނިޒާމެއް ރާއްޖޭގައި ބިނާކުރުމަކީ ކޮރަޕްޝަން ނައްތާލުމަށްޓަކައި ކޮންމެހެން ބޭނުންތެރި ފިޔަވަޅެއްކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންނާއިއެކު ނަމުގައި ކުރިއަށް ގެންދިޔަ ޕޮޑްކާސްޓްގައި ރާއްޖޭގެ ޑިޖިޓަލައިޒޭޝަން މަސައްކަތްތަކާއި ގުޅޭގޮތުން ރައީސް މުއިއްޒު ވަނީ މައުލޫމާތު ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޭޓީއެމްގެ ހިދުމަތް ފުޅާކުރުމަކީ ޑިޖިޓަލައިޒޭޝަންއާއި ދެކޮޅަށް އެޅިގެންދާ ފިޔަވަޅެއް ނޫންކަމަށެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ހިދުމަތެއް ޑިޖިޓަލް ކުރުމަކީ ސަރުކާރުގެ އިސް ސިޔާސަތެއްކަމަށާއި ދާދި ފަހުން ދުނިޔޭގައި އެންމެ ފެންވަރު ރަނގަޅު އެއް ޑިޖިޓަލް ނިޒާމު އޮންނަ އެއް ގައުމުކަމަށްވާ އެސްޓޯނިއާއަށް ޒިޔާރަތްކުރެއްވިކަމަށްވާއިރު އެ ގައުމުގެ އެހީތެރިކަމާއި ތަޖުރިބާގެ އަލީގައި ސަރުކާރާއި ބެންކިންގް ނިޒާމާއި ޕްރައިވެޓް ސެކްޓާރ ހިމެނޭހެން ގުޅިފައިވާ ޑިޖިޓަލް ނިޒާމެއްގެ ތެރެއިން ރާއްޖޭގެ ހިދުމަތްތައް ހަރުދަނާކުރުމަށް ނިންމާފައިވާކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، އެފަދަ ނިޒާމެއް ބިނާކުރުމަކީ ކޮރަޕްޝަން ނައްތާލުމަށްޓަކައިވެސް ކޮންމެހެން ކުރަން ޖެހިފައިިވާ މަސައްކަތްތަކެއް ކަމަށާއި އިސްނާނުން އަމިއްލައަށް ކަންކަން ކުރަން ޖެހޭ މިންވަރު ކުޑަކުރެވުމުން ކޮރަޕްޝަންގެ މައްސަލަ ކުޑަވެގެންދާނެކަމަށެވެ. ރައީސް ވިދާޅުވީ، ސަރުކާރު ހިނގަމުންދަނީ އެމަގުންކަމަށާއި ނަމަވެސް ބެންކިންގް ނިޒާމުގެ ތެރެއިން އަމިއްލައަށް ފައިސާ ނެގޭނެ މަގު ފަހިވެފައި އޮތުމަކީ ރައްޔިތުންނަށް މުހިންމުކަމެއް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، އެކަމަކީ މިވަގުތުވެސް ރައްޔިތުންނަށް މުހިންމު ކަމެއްކަމަށާއި ކުރިއަށް އޮތް އަހަރުތަކުގައިވެސް އެކަމަކީ ރައްޔިތުންނަށް މުހިންމު ހިދުމަތަކަށް ވެގެންދާނެކަމަށެވެ. ހާއްސަ ގޮތެއްގައި ކުދި ރަށްތަކުގައި އެކަމުގެ ބޭނުން ވަރަށް ބޮޑަށް ޖެހިފައިވާކަމަށާއި އެހެންކަމުން އޭޓީއެމްގެ ހިދުމަތް ގާއިމުކޮށްދިނުމަކީ ކުރަންޖެހިފައިވާ މަސައްކަތްތަކެއްކަމަށެވެ. ރައީސް ވިދާޅުވީ، ޑިޖިޓަލައިޒޭޝަންގެ މަގުން ކުރިއަށް ދާއިރުވެސް އަތް ފޯރާ ފަށުގައި އޭޓީއެމްއާއި ބެންކިންގް ހިދުމަތް ހުރުމަކީ ކޮންމެހެންވެސް ބޭނުންތެރިކަމެއްކަމަށެވެ.

