ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައާއި ބައެއް އިނާޔަތްތައް ކުޑަކުރުމަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.
މި ޕެޓިޝަންގައި އޮންލައިންކޮށް އެކި ފަރާތްތަކުން ދަނީ ސޮއިކުރަމުންނެވެ.
އެ ޕެޓިޝަންގައި ބުނެފައި ވަނީ ރާއްޖޭގެ އިޤްތިޞާދަށް މާލީ ބުރަ ބޮޑު ވެފައި ވާއިރު، ރާއްޖޭގެ ކަންކަމާއި މެދު ކަންބޮޑުވާ ރައްޔިތުންގެ ހައިސިއްޔަތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބޭ ބޮޑު މުސާރަ އާއި، ކޮމިޓީ އެލަވަންސް އާއި، ޕްރީމިއަމް ހެލްތު އިންޝުއަރެންސްގެ އިނާޔަތްތަކާއި މެދު ކަންބޮޑުވާ ކަމަށެވެ.
ވަކިން ޚާއްސަކޮށް ޤައުމު އިޤްތިސާދީ ގޮތުން ގޮންޖެހުންތަކާ ކުރިމަތިލަމުންދާއިރު، އެފަދަ ބަދަލުތަކެއް ގެނައުމަކީ މުހިއްމު ކަމެއްކަމަށް ދެކޭކަމަށް ޕެޓިޝަންގައި ބަޔާންކޮށްފައިވެއެވެ.
ހަމައެއާއެކު، މެންބަރުންނަށް ލިބޭ ޕްރިމިއަމް ހެލްތު އިންޝުއަރެންސް ކަނޑާލައި އާންމު ރައްޔިތުންނެކޭ އެއްހަމައަކުން އާސަންދައިގެ ހިދުމަތް ދޭންވެސް ޕެޓިޝަނުގައި ވަނީ ގޮވާލާފައެވެ. އަދި ދިވެހިންގެ ޤައުމީ ދަރަނި ބޮޑުވުމާއި، ބަޖެޓް ޑެފިސިޓް ބޮޑުވުން ހިމެނޭ ގޮތަށް، ބޮޑެތި އިޤްތިޞާދީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ މި ފަދަ ދަނޑިވަޅެއްގައި، ސަރުކާރުން ކޮންމެހެން ކުރަން ނުޖެހޭ ޚަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތައް އެޅުން ކޮންމެހެން ބޭނުންތެރި ކަމަށް ޤަބޫލުކުރާ ކަމަށް އެ ޕެޓިޝަންގައި ވަނީ ބުނެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ކުޑަކޮށް އިނާޔަތްތައް ކުޑަކުރަން ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް މީގެ ކުރިންވެސް އެކި ފަރާތްތަކުން ކުރިއަށް ގެންގޮސްފައިވެއެވެ.
މިވަގުތު މަޖިލިސް މެމްބަރުންނަށް މުސާރައިގެ އިތުރުން ބޮޑެތި ކޮމިޓީ އެލަވަންސްތައް ލިބެމުންދާ އިރު އެކަމުގެ ސަބަބުން މެމްބަރުންގެ ޖުމްލަ އާމްދަނީ ވަރަށް ބޮޑަށް އިތުރުވެގެންދާ ކަމަށް އެ ޕެޓިޝަންގައި ވަނީ ބަޔާންކޮށްފައެވެ. މީގެ އިތުރުން އާންމު ރައްޔިތުންނަށް ލިބޭ އާސަންދަ ސްކީމަށް ވުރެ ރަނގަޅު މޮޅު ޕްރީމިއަމް ހެލްތު އިންޝުއަރެންސް ޕެކޭޖެއް ވެސް އެމީހުންނަށް ލިބޭނެކަން އެ ޕެޓިޝަންގައި ފާހަގަކޮށްފައިވެއެވެ.

