ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅައިގެން ފާސްކޮށްފައިވާ ބިލުތަކަކީ ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލު ކުރުމަށްޓަކައި ކުރީގެ ސަރުކާރުތަކަށް އަޅަން ނުކުރެނު ފިޔަވަޅުތައްކަމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން ވިދާޅުވެއްޖެ އެވެ.
ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އައިފާން ވިދާޅުވީ ސަރުކާރުގެ ސުޕަ މެޖޯރިޓިއެއް ރައްޔިތުންގެ މަޖިލީހުގައި އޮތުމަކީ ނުފޫޒާއި ބާރު ބޭނުންކޮށް މަސައްކަތް ކުރާނެކަމަށް ބަޔަކު ތުހުމަތު ކުރަން އޮތް ޖާގައެއް ނޫންކަމަށެވެ. 20 ވަނަ މަޖިލީހަކީ ތަފާތު މަޖިލީހެއްކަމަށް ފާހަގަކުރައްވައި އައިފާން ވިދާޅުވީ މީގެ ކުރީގެ އަހަރުތަކާއި ހިލާފަށް މިހާރު ހުރިހާ މަސައްކަތެއް ވެސް ބައްޓަންވެފައި އޮންނަނީ ރައްޔިތުންގެ ހެވާއި ލާބައަށް ކަމަށެވެ.
އައިފާން ވިދާޅުވީ މިދިޔަ އަހަރެއްގެ ތެރޭގައި މަޖިލީހުން ފާސްކުރި ބިލުތަކާއި، މަސައްކަތް ކުރަމުންދާ އިސްލާހުތަކަށް ބަލައި ވެސް މެމްބަރުން ކުރީ ރައްޔިތުންނާއި ގުޅުން ހުރި މަސައްކަތްތައްކަން އެނގޭނެކަމަށެވެ. އަދި މުޅި ގައުމުގެ ނިޒާމު ހަރުދަނާ ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފާސްކުރި ބައެއް ބިލުތަކެއްގެ ގޮތުގައި އައިފާން ވިދާޅުވީ ފިސްކަލްގެ ގާނޫނާއި ދަރަންޏަށް ޒިންމާވުމުގެ ގާނޫނުގެ އިތުރުން އިންޝުއަރެންސާއި ބެހޭ ގާނޫނު ފަދަ ބިލުތަކެވެ.
އައިފާން ވަނީ ޒަމާންތަކެއް ވަންދެން ހައްލު ނުވެ އޮތް ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް، މި ސަރުކާރުން ގެނައި ބޭރު ފައިސާއާއި ބެހޭ ގާނޫނު ވެސް ފާހަގަކުރައްވާފަ އެވެ. އައިފާން ވިދާޅުވި ގޮތުގައި މިއީ ވެސް ރައްޔިތުންގެ ހައްގުގައި ސަރުކާރުން އަޅާފައިވާ ވަރަށް މުހިންމު ފިޔަވަޅެކެވެ.
މި ދައްކަނީ މީގެ ކުރީގެ އެއްވެސް ސަރުކާރަކުން، ގައުމު ހަރުދަނާ ކުރުމަށްޓަކައި ނުކުރާ މަސައްކަތްތަކެއްގެ ވާހަކަ.. މީގެ އިތުރުން ބޭރު ފައިސާ ބޭރު ކުރުމުގެ މަސައްކަތް.. މިވެސް ރައްޔިތުންގެ ހައްގުގައި ނިންމި ވަރަށް މުހިންމު ނިންމުމެއްކަމަށް އަޅުގަނޑަށް ފެންނަނީ..
ސަރުކާރުގެ އެއްވެސް ނުފޫޒެއް މަޖިލީހަށް ނެތްކަމަށް ތަކުރާރު ކުރައްވައި އައިފާން ވިދާޅުވީ ހަމަ އެ އުސޫލުން ސަރުކާރުން ދައުލަތުގެ އެއްވެސް އިދާރާއަކަށް ނުވަތަ މުވައްސަސާއަކަށް ވެސް ނުފޫޒެއް ފޯރުވަފާނެކަމަށް ގަބޫލު ނުކުރާކަމަށެވެ.
އައިފާން ވިދާޅުވީ އެމްޑީޕީގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ގައުމު ވެއްޓިފައި އޮތީ ފުން އަނދަވަޅަކަށްކަން ރައްޔިތުން ވެސް ގަބޫލު ކުރާނެކަމަށެވެ. އަދި ރައްޔިތުންނަށް ހިދުމަތް ދިނުމަށްޓަކައި އެގްޒެކެޓިވް އެކި ބާރުތަކާއި އިދާރާތަށް އޮތް އިރު ރައީސުލްޖުމްހޫރިއްޔާ އެކަނި ގައުމު ހިންގަވާނެ ގޮތެއް ނެތްކަމަށް އައިފާން ވިދާޅުވި އެވެ.
އެމްޑީޕީން ހަދާފައި ހުރި ގޯސްތައް ރަނގަޅު ކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ވެސް ބޮޑުކަން ފާހަގަކޮށް އައިފާން ވިދާޅުވީ، އެ މަސައްކަތުގައި މިހާތަނަށް ރަނގަޅު ކުރިއެރުންތައް ލިބިފައިވާކަމަށެވެ. އަދި އެންމެން ގުޅިގެން ހުރިހާ މުވައްސަސާތައް ހިމެނޭ ގޮތަށް ސަރުކާރަށް ބޮޑު އެއްބާރުލުމެއް ބޭނުންވާކަމަށް އައިފާން ވިދާޅުވި އެވެ.
އައިފާން ވިދާޅުވީ ރައްޔިތުންގެ މަންފާއަށްޓަކައި ސަރުކާރެއްގެ ހައިސިއްޔަތުން ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާތަކާއި އަލަށް ވުޖޫދު ކުރަން ޖެހޭ ގާނޫނުތައް ހުރިއިރު މަޖިލީހުން އެކަމަށް ދެކޮޅުވެރިވެގެން ވާނެކަމަށް ގަބޫލު ނުކުރާކަމަށެވެ.
އެހެންވީމަ ސަރުކާރުން ރައްޔިތުންގެ ހައްގުގައި ފޮނުވާ ބިލުތައް އެހެން ނޫނީ، ރައްޔިތުންގެ މަންފާއަށް ފޮނުވާ.. މި ގެންނަން ޖެހޭ ބަދަލުތައް.. އެކަންކަން ހިފަހައްޓައި.. ހިފަހައްޓައި ހުރުމުން މީގެއިން ހުރިހާ ގެއްލުމެއް މި ކުރަނީ ރައްޔިތު މީހާއަށް..
އައިފާން ވިދާޅުވީ ސަރުކާރުން ރައްޔިތުންގެ ހައްގުގައި ފޮނުވާ ބިލުތަކާއި ހުށަހަޅާ އިސްލާހުތަކަށް އެއްބާރުލުން ނުދީ މަސައްކަތް ލަސްކޮށް، ހިފަހައްޓާނަމަ ހުރިހާ ގެއްލުމެއް ލިބޭނީ ރައްޔިތުންނަށް ކަމަށެވެ.
އެހެންކަމުން ރައްޔިތުންގެ ހައްގުގައި ކުރާ އެއްވެސް މަސައްކަތަކީ، ރަބަރ ސްޓޭމްޕް ޖެހުންކަމަށް އެމްޑީޕީން ދެކުމަކީ ރައްޔިތުންގެ ހައްގުގައި އެ ޕާޓީން ދުވަހަކު ވެސް ވިސްނުމެއް ނުގެންގުޅޭކަން އެނގޭ ހެއްކެއްކަމަށް އައިފާން ވިދާޅުވި އެވެ.

