ކުށުގެ މާހައުލަށް ހުށަހެޅޭ ކުދިން ރިހެބިލިޓޭޓު ކުރުމަށް ހަދާ ”ހޯޕް އައިލެންޑު“ ގިރާވަރު ފަޅަށް ބަދަލު ކުރުމަށް ނިންމާފައިވާކަމަށް ބުނެވުނީ އޮޅުމަކުންކަމަށާއި ރަނގަޅު ގޮތަކީ ކ.ގިރާވަރު އުތުރުފަޅުކަމަށް ހޯމް ލޭންޑް މިނިސްޓްރީން ބުނެފި އެވެ.
ހޯޕް އައިލެންޑް ހިންގަން ކަނޑައަޅައި އެންމެ ފުރަތަމަ އިއުލާނު ކުރީ ދ. ވާނީ ނަމަވެސް އޭގެ ފަހުން އެކި ރަށްރަށަށް އެ ޕްރޮޖެކްޓު ބަދަލުކޮށްފައި ވެއެވެ. މިދިޔަ ރޯދަ މަހުގެ ތެރޭގައި ވެސް އާންމު ކުރި މައުލޫމާތުތަކުގައި ވަނީ، ހޯޕް އައިލެންޑު ތަރައްގީ ކުރާނީ އުތުރުތިލަފަޅުގައިކަމަށެވެ.
މި މަޝްރޫއުގެ މައުލޫމާތުތަކެއް އޮޅުން އެރީ، ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ހޯމް ލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ، އަހުމަދު ސިއްދީގު ހިއްސާ ކުރެއްވި ބައެއް މައުލޫމާތުތަކުންނެވެ. އެ ޕްރޮގްރާމްގައި ސިއްދީގު ވިދާޅުވީ ޕްރޮޖެކްޓު ސަރުކާރުން ކުރިޔަށް ގެންދާނީ ގިރާވަރު ފަޅު ހިއްކައިގެން ކަމަށެވެ.
ޕްރޮޖެކްޓު އަނެއްކާވެސް އެހެން ރަށަކަށް ބަދަލުކޮށްފައިވާކަމަށް މީޑިއާތަކުން ރިޕޯޓު ކުރުމުން، ސިއްދީގު މިއަދު ކުރައްވާފައިވާ ޕޯސްޓެއްގައި ވަނީ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ހޯޕް އައިލެންޑު ތަރައްގީ ކުރަނީ ”ގިރާވަރު“ ގައިކަމަށް ވިދާޅުވެވުނީ އޮޅުމަކުން ކަމަށެވެ. އެ މައުލޫމާތުތަކުން އޮޅުން އަރާފައި ވާތީ، މައާފަށް އެދި ސިއްދީގު ވިދާޅުވީ ރަނގަޅު ގޮތަކީ ކ. ގިރާވަރު އުތުރުފަޅު (އުތުރުތިލަފަޅު) ކަމަށެވެ.
ސަރުކާރުން ނިންމާފައި ވަނީ މި ޕްރޮޖެކްޓުގެ ދަށުން 700 ކުދިންގެ ޖާގައިގެ ތަނެއް ތަރައްގީ ކުރުމަށެވެ. އަދި ރަށް ތަރައްގީ ކުރާނީ ކުދިންގެ މުދައްރިސުންނާއި އިންސްޓްރަކްޓަރުން އަދި ފުލުހުންނަށް ވެސް ބޭނުން ކުރެވޭނެ ވަސީލަތްތަކާއި އެކުކަމަށް ވިދާޅުވި އެވެ.
ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިންނާއި އެކި ސަބަބުތަކަށް ޓަކައި ކުށަށް އަރައިގަންނަން މެދުވެރިވާ ކުޑަކުދިންނަށް ބޭނުންވާ ފަރުވާއާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ބަޔާންކުރާ ”ލޯންގް ޓާރމް ރެސިޑެންޝަލް ކެއަރ ފެސިލިޓީ“ މީހުން ދިރިނޫޅޭ ވަކި ރަށެއްގައި ގާއިމުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ.
ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވީ ވިދާޅުވީ، ހޯޕް އައިލެންޑަށް ގެންދާ ކޮންމެ ކުއްޖަކު ވެސް 18 އަހަރު ވަންދެން އެތަނުގައި އުޅޭނެ ކަމަށެވެ. އެއަށްފަހު ދިވެހި ފުލުހުން ނުވަތަ ދިވެހި ސަފައިންގެ ޚިދުމަތުންކުރެ ތަނެއްގައި ވަކި މުއްދަތެއް ވަންދެން އެކުދިން ހިދުމަތް ކުރަންޖެހޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
އެއަށްފަހު އެކުދިން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމަށް ފުރުޞަތު ދެވޭނެކަންވެސް ފާހަގަ ކުރެއްވިއެވެ. އަދި ޖިނާޢީ ކުށެއް ކޮށްގެން ކުޑަކުދިން ޒިންމާވާން ޖެހޭ އުމުރު ކުޑަކުރުމުގެ މަސައްކަތް ފަށާފައިވާކަން ވެސް ހާމަކުރެއްވި އެވެ.
ކުށުގެ ވެށިން ކުޑަކުދިން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، ސަރުކާރުން ވަނީ ކުޑަކުދިންގެ އަދުލުގެ ނިޒާމް ފުރިހަމަ ކުރުމަށްޓަކައި ޖިނާއީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު ކަމަށް މިހާރު ކަނޑައަޅާފައިވާ 15 އަހަރުގެ ބަދަލުގައި 12 އަހަރަށް ދަށްކުރުމަށް ނިންމައިފައެވެ. ޒިންމާ ނަގަންޖެހޭ ޢުމުރު 12 އަހަރަށް ކުޑަ ކުރެވުމާއެކު 12 އަހަރުގައި ކުށަށް އަރައިގަންނަ ކުދިންވެސް ރީހެބިލިޓޭޓްކުރުމަށް ހޯޕް އައިލެންޑަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

