އުތުރު ގާޒާގެ ރައްޔިތުންތައް އެމީހުންގެ ވަޒަން ދޫކޮށް ދިއުމަށް އިޒްރޭލުން އަނެއްކާވެސް މަޖުބޫރުކުރަން ފަށައިފިއެވެ.
އަލްޖަޒީރާގައި ރިޕޯޓު ކޮށްފައިވާ ގޮތުން އިޒްރޭލުން ގެންދަނީ އުތުރު ގާޒާގެ ބެއިތް ހަނޫން، ބެއިތް ލަހްޔާ އަދި އިތުރު އެކި ސަރަޙައްދުތަކުގެ އާންމުން އެމީހުންގެ ވަޒަން ދޫކޮށް ދިއުމަށް މަޖުބޫރު ކުރަމުންނެވެ. އެގޮތުން ރެއިޑް ހިންގައި އަސްކަރީ އޮޕަރޭޝަންތައް ހިންގުމުގެ ނަމުގައި އިޒްރޭލުން ލާއިންސާނީ އެތައް ޖަރީމާތަކެއް އެ ސަރަޙައްދުތަކުގައި ދަނީ ހިންގަމުންނެވެ.
މީގެ އިތުރުން އިޒްރޭލުން ވަނީ ލުބުނާންގެ ވެރިރަށް ބެއިރޫތަށް ބޮންވެސް އަޅާފައެވެ. އަލްޖަޒީރާގައި ރިޕޯޓު ކޮށްފައިވާ ގޮތުން އެ ޙަމަލާގައި މިހާތަނަށް 4 މީހަކު މަރުވެފައިވެއެވެ.
އަލްޖަޒީރާގައި ރިޕޯޓު ކޮށްފައިވާ ގޮތުން އިޒްރޭލުން ދާދި ފަހުންވެސް ވަނީ ލުބުނާނުގައި ޙަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުގެ އަސްކަރީ ޓާގެޓުތަކަށް ކަމަށް ބުނެ ވައިގެ ޙަމަލާތައް އެ ޤައުމަށް އަމާޒުކޮށް ފޮނުވާލާފައެވެ. އެގޮތުން މި ޙަމަލާތައް ފޮނުވާލާފައިވަނީ އެ ޤައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޯޑަރަކަށެވެ.
މީގެ ކުރިންވެސް އިޒްރޭލުން ވަނީ އެކި ފަހަރުމަތިން ލުބުނާނަށް އަމާޒުކޮށް އެކި ވަރުގެ ޙަމަލާތައް ދީފައެވެ.

