އަނެއްކާވެސް ޗައިނާއިން ޓައިވާނު ސަރަހައްދުގައި އަސްކަރީ ހަރަކާތްތަކެއް ކުރިއަށް ގެންދަން ފަށައިފިއެވެ.
ބައިނަލްއަގުވާމީ ނޫސްތަކުން ބުނާގޮތުން ޗައިނާއިންދަނީ ޓައިވާނުގެ ޑިމޮކްރެޓިކް ސަރުކާރަށް އިންޒާރުތަކެއް ދިނުމުގެ ގޮތުން އަސްކަރީ ހަރަކާތްތަކެއް ހިންގަމުންނެވެ. ޗައިނާގެ އަސްކަރިއްޔާގެ ފަރާތުން މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުން އެ ގައުމުން ހިންގަމުންދާ ހަރަކާތްތަކަކީ ވަކިވެގަތުމަށް މަސައްކަތްކުރާ ބާރުތަކަށް ދެވޭ ވަރުގަދަ އިންޒާރެއްކަމަށެވެ.
މި ހަރަކާތްތަކަކީ އެ ގައުމުގެ އަސްކަރިއްޔާގެ ހަނގުރާމައަށް ތައްޔާރުކުރުމުގެ ގޮތުންވެސް ކުރެވޭ މުހިންމު މަސައްކަތްތަކެއްކަމަށް ބުނެފައިވާއިރު މި ހަރަކާތްތަކުގެ މައިގަނޑު ފޯކަސްއަކީ ނޭވީގެ ތަމްރީނާއި އެއަރފޯސް އަދި ރޮކެޓުގެ ބޭނުންކުރާ ސިފައިންގެ ތަމްރީނުތަކާއި އެ ޑިޕާޓުމެންޓުތައް ގުޅިގެން ކުރެވޭ މަސައްކަތްތައްކަން މީޑިއާތަކުން ފާހަގަކުރެއެވެ. ނޫސްތަކުން ބުނާގޮތުން ޗައިނާއިންދަނީ ޓައިވާނުގެ ވަށައި އެކި ސަރަހައްދުތަކުގައި މިފަދަ މަސައްކަތްތައް ކުރިއަށް ގެންދަމުންނެވެ.
ޓައިވާނުގެ ރައީސް އޮފީހުންވަނީ ޗައިނާގެ އަމަލުތައް ކުށްވެރިކޮށްފައެވެ. އަދި އެ ގައުމުގެ ޑިފެންސް މިނިސްޓްރީންވަނީ ޗައިނާގެ އަސްކަރީ އުޅަނދުތަކުގެ ހަރަކާތްތައް މޮނީޓާރކުރުމަށްޓަކައި މަސައްކަތްތައް ކުރިއަށް ގެންދާނެކަން ހާމަކޮށްފައެވެ. ރިޕޯޓުތަކުގައިވާގޮތުން ޓައިވާނަކީ އަމިއްލައަށް ކަންކަން ނިންމާ ޑިމޮކްރެސީއެއްގެ ގޮތުގައި ޗައިނާއިން ބަލައިގަނެއެވެ. ނަމަވެސް އެއީ އެ ގައުމުގެ ސަރަހައްދުން ބައެއްގެ ގޮތުގައި ވަކާލާތުކުރާއިރު ގަދަބާރުގެ ބޭނުން ހިފައިގެންވެސް ކޮންޓްރޯލް ނަގާނެކަމުގެ އިންޒާރުތައް ދީފައިވެއެވެ.

