ދުންފަތުގެ އެކި ބާވަތްތައް ވިއްކައި ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއެއް އިހުތިޔާރު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.
މިއަދު ކުރިޔަށް ގެންދިޔަ ރައްޔިތުންނާއި އެކު ސިލްސިލާ ޕޮޑްކާސްޓުގައި ރައީސް މުއިއްޒު ވަނީ ރާއްޖޭގައި ވޭޕް މަނާކުރުމަށް ނިންމި ނިންމުމާއި ދުންފަތާއި ދެކޮޅަށް އެޅުއްވި ބައެއް ފިޔަވަޅުތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ.
ރައީސް ވިދާޅުވީ ފިޔަވަޅު އެޅުމުގައި ޓެކްސް ބޮޑު ކުރަމުން ދިއުމަކީ އޮތް ހައްލުކަމަށް ދެކިވަޑައި ނުގަންނަވާކަމަށާއި އޭގެ ސަބަބުން ނާޖާއިޒް މަންފާ ނެގޭނެ ގޮތްތައް ވެސް ހުންނާނެ ކަމަށެވެ. އޭގެ ބަދަލުގައި ޖީލެއް ސަލާމަތް ކުރުމަށް އަޅާ ފިޔަވަޅުތަކުގައި ހަރުދަނާ ވިސްނުމެއް މުހިންމުކަން ފާހަގަކުރެއްވި އެވެ.
މިއަދުގެ ޕޮޑްކާސްޓުގައި ރައީސް ވިދާޅުވީ އެމަނިކުފާނު އަދިވެސް ބާރު އަޅުއްވާނީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވުމަށް ކަމަށެވެ. އަދި ހާއްސަކޮށް ދުންފަތުގެ ވިޔަފާރި ކުރާ މީހުން ރައްޔިތުންނަށް ފައިދާ ހުރި ހިދުމަތެއް ލިބޭނެ ވިޔަފާރިއެއް ފެށުމަށް ވެސް އެމަނިކުފާނު އެދިވަޑައިގަތެވެ.
އެކަމަކު މިކަހަލަ ކަމަކުން ދުރުކުރާކަށް ފަހަރަކު ފަހަރަކު ތަންކޮޅެއް ޓެކްސް ބޮޑުކޮށްގެނެއް މިކަމެއް ނުވާނެ. އެހެންވީމާ، ސިނގިރޭޓް އެތެރެކުރާ މީހުންނަށް އެ ދެވެނީ ފުރުޞަތެއް. އެ މީހުން އެތަންކޮޅު އެޖަސްޓްކޮށްގެން ހަމަ ވިއްކަމުން ދާން އެ ވިޔަފާރި. އަޅުގަނޑު އެދެން، ސިނގިރޭޓް އެތެރެކޮށް، ސިނގިރޭޓް ވިޔަފާރިކުރާ މީހުން، އެ ވިޔަފާރި ދޫކޮށްލަން. އެހެން ކަމަކާއިގެން އުޅެން. މިއީކީ ކުރާވަރުގެ ކަމެއް ނޫނޭ. ދެން މިއީ ކުޑަކުޑަ ޤައުމެއް. މިއީކީ މިލިއަނުން، މިލިއަނުން މީހުން އުޅޭ ތަނެއް ނޫން. ކީއްކުރަން މިތާނގައި އެކަން ކުރަންވީކީ. އަޅުގަނޑުމެންގެ މި ކުޑަ މުޖުތަމަޢު ސަލާމަތްކުރިއްޔާ މާރަނގަޅެއްނު މިކަމުން.
ރައީސް ވިދާޅުވީ ސަރުކާރުން އަޅާފައިވާ އެކި ފިޔަވަޅުތައް ރަނގަޅު ގޮތުގައި ތަންފީޒުވުން މުހިންމު ކަމަށެވެ. އަދި ރައީސް އޮފީހުގައި ދާދި ފަހުން ކަމާއި ބެހޭ މުވައްސަސާތަކާއި ކަސްޓަމްސް ހިމެނޭ ގޮތަށް ބޭއްވި ބައްދަލުވުމުވައި ވެސް ވެޕްއާއި ސިނގިރޭޓުގެ މައްސަލައިގައި އެންމެން އެކުގައި މަސައްކަތް ކުރުމަށް ބާރު އެޅުއްވިކަމަށް ވިދާޅުވި އެވެ.
ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ސިޔާސީ ނަޒަރަކުން ބައެއް މީހުން ދެކޭތީ އެކަމާއި ގުޅޭގޮތުން ރައީސް ވިދާޅުވީ، އެ ވިސްނުމާއި ދެކޮޅު ހަދަނީ އިދިކޮޅު ވިސްނުން ގެންގުޅޭ ބައެއް ފަރާތްތަކުންކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ބައެއް އެފަދަ ފަރާތްތަކުގެ އެއްބާރުލުން ވެސް މުޒާހަރާތަކާއި އިހުތިޖާޖުތަކަށް ލިބެ އެވެ. މިއީ ރައްޔިތުންގެ ސިއްހަތާއި ގުޅުން ހުރިކަމަކަށް ވާތީ ސަރުކާރުގެ ނިންމުން ސިޔާސީ ނުކުރުމަށް ރައީސް އެދިވަޑައިގަތެވެ.

