އެކި ދައުރުތަކުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ބަހުސްތައް ކުރެވިފައިވެއެވެ. މަޖިލީހުގައި ތިއްބަވާ މެންބަރުން އަމިއްލަ މުސާރައާއި އިނާޔަތްތައް ކުޑަކުރުމަށް އިންކާރުކުރާ ނަމަވެސް، އެ މެންބަރުން މަޖިލީހުން ބޭރުގައި ތިބޭއިރު މުސާރައާއި އިނާޔަތްތައް ކުޑަކުރުމަށް އަބަދުވެސް ވަކާލާތު ކުރާ މަންޒަރު ފެނެއެވެ.
ދާދިފަހުން އަނެއްކާވެސް ވަނީ މިކަމަށް ބަހުހެއް ފެށިފައެވެ. އެންމެ ރަނގަޅު ގޮތަކީ މެމްބަރުންގެ މުސާރަ ކުޑަ ކުރުންތޯ ނުވަތަ ނޫންތޯ އެކަމަށް ވަރަށް ފުޅާ ދާއިރާއެއްގައި ބަހުސްތަކެއް ސޯޝަލް މީޑިއާގައި ވަނީ ފެށިފައެވެ. ރައްޔިތުންގެ ނަޒަރުން ބަލާއިރު، ކޮންމެ ދާއިރާއަކަށް މެންބަރުން ތިބޭއިރު، އެ ދާއިރާގެ ރައްޔިތުންނަށް އެކަށީގެންވެކަށީގެންވާ ހިޚިދުމަތް ނުދެވުމަކީ ނުހަނު ބޮޑު ކަންބޮޑުވުމެކެވެ. 5 އަހަރުގެ ދައުރެއް ނިމިގެންދާއިރު ރަށުގެ އަސާސީ ހިދުމަތްތައް ނުލިބި އޮތުމާއި، މިކަމަށް މަޖިލީހުގައި އަޑުއުފުލާނެ ހިތްވަރު މެމްބަރުގެ ކިބައިން ނުފެނުމަކީ ރައްޔިތުން ކަންބޮޑުވާ މައްސަލައެކެވެ.
ރައްޔިތުންގެ ދެކޭގޮތުގައި، އަމިއްލަ ދާއިރާއާއި، ތިމާގެ އުފަން ރަށުގެ ހައްގުގައތަޅުމުގައި ވަކާލާތުނުކުރާ މެންބަރުންނަށް މިހާ ބޮޑު މުސާރައެއް ލިބުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. މެންބަރުންނަށް މުސާރަ ލިބެންވާނީ، މެމްބަރުގެ ފަރާތުން އެ މަސައްކަތް ފެނަނަ ހާލަތުގައެވެ. އެހެންނޫން ނަމަ ރައްޔިތުންގެ ނަޒަރުގައި ދައުލަތުގެ ބަޖެޓުން އެ ކުރަނީ ބޭކާރު ހަރަދުތަކެކެވެ.
ރަށްރަށުގައި ހިންގަން ޖެހޭ މަޝްރޫއުތައް ނުހިނގާނަމަ އެކަމާ މެދު މެމްބަރުން ވެރިންނަށް ސުވާލު ކުރަން ޖެހެއެވެ. އެހެންނަމަވެސް އެކަން މިދިޔަ ދައުރުތަކުގައި ހިނގީ ކިހާ މިންވަރަކަށްތޯ މިއީ އުފައްދަން ރަނގަޅު ސުވާލެވެ.
ދެން އޮތީ މެމްބަރުންގެ ނަޒަރުން މިކަން އޮތް ގޮތެވެ. ޖުމްލަކޮށް ހުރިހާ މެމްބަރުންނަކީ ރައްޔިތުންގެ އަޑު އެންމެ އެދެވޭ ގޮތުގައި މަޖިލީހުގައި ނީންވާ ބަޔެކޭބުނެ ހުރިހާ މެމްބަރުންގެ މުސާރަ އަދި އިނާޔަތްތައް ކުޑަ ކުރުމަކީ އެއީ ހައްލު ނޫން ކަމަށް މެމްބަރުން ދެކެއެވެ. މެމްބަރުންގެ ނަޒަރުގައި އެމީހުންނަށް ވެސް ދައުލަތުން ކޮންމެވެސް ރައްކާތެރިކަމެއް ލިބެންޖެހެއެވެ. އަދި ރައްޔިތުންގެ ހާދިމުންނަށް ވީތީ އެމީހުންނަށް ހިދުމަތްތައް ލިބުމުގައި ފަސޭހަ ގޮތެއް އޮންނަން ޖެހޭކަމަށް ގަބޫލުކުރެއެވެ.
އާއްމު ދިރިއުޅުމަށް ބަލާއިރުވެސް ކޮންމެ މެމްބަރަކީ މަހުޖަނެއް ކަމަށް ވިސްނާ ވިސްނުން ބަދަލުވާން ޖެހެއެވެ. އަދި ތަކެތީގެ އަގު އެހާ ބޮޑުވެފައިވާ ޒަމާނެއްގައި މެމްބަރުންގެ މުސާރަ ކުޑަ ކުރަން މެމްބަރުން ނޭދެއެވެ. ކޮންމެ މެމްބަރަކީ އެ ދާއިރާއެއްގެ ރައްޔިތުންނަށް އަޅާ ނުލާ ބަޔަކަށް ނުވާނެއެވެ. ބައެއް މެމްބަރުން އެ ދާއިރާތަކުގެ ހާލަތު ވަރަށް ކައިރިން ބަލައެވެ. އަދި ހިދުމަތްތައް ފޯރުކޯށްދިނުމުގައި ލަސްތަކެއް ވާނަމަ އެކަން ކޮށްދިނުމަށް ވަރަށް ބޮޑަށް މަަސައްކަތްވެސް ކުރެއެވެ.
އަޅުގަނޑުގެ ހިޔާލުގައި ދައުލަތުގެ ކެރި ފޯރުންތެރިކަމެއް ހުރި ނަމަ އެވަރުގެ މުސާރައެއް ދިނުމަކީ މައްސަލައެއް ނޫނެވެ. އެހެންނަމަވެސް މެމްބަރުން އަމިއްލަ ޒިންމާ އަދާ ނުކުރާނަމަ އެ މުސާރައިންވެސް އުނިވާނެ ގޮތެއް އޮންނަންނ ޖެހޭނެއެވެ. އަދި މެމްބަރުން މަޖިލީހުގެ ޖަލްސާތަކަށް ނުވަތަ ކޮމިޓީތަކަށް ހާޒިރު ނުވާނަމަ އެ މެމްބަރެއްގެ މުސާރައިން ކެނޑެން ޖެހެއެވެ. އަދި މެމްބަރުން ކުރަނީ އެކަށީގެންވާ މަސައްކަތްތަކެއް ނަމަ ބޮޑު މުސާރައެއް ދިނުމަކީ ރަނގަޅު ކަމެކެވެ. އެހެންނަމަވެސް އެވަރުގެ މަސައްކަތްތަކެ ނުކުރެވޭ ނަމަ އެކަށީގެންވާ ވަރަކަށް ދަށް ކުރުމަކީ އެންމެ ރަނގަޅު އެއް ފިޔަވަޅެވެ.

