ރާއްޖޭގެ ފަތުރުވެރިކަމުގެ ކެމްޕެއިން ފަށާ ފުޓުބޯޅަ މެޗު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްލަވާލައްވައިފިއެވެ.
އިނގިރޭސި ޕްރިމިއަރ ލީގުގައި އެވަރޓަން އާއި ލިވަރޕޫލް ފުޓްބޯލް ކްލަބް (އެލް.އެފް.ސީ) ބައްދަލުކުރި މި މެޗުގައި، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) / ވިޒިޓް މޯލްޑިވްސް އާއި އެލް.އެފް.ސީ ގުޅިގެން ކުރިއަށްގެންދާ ރާއްޖޭގެ ފަތުރުވެރިކަމުގެ ކެމްޕެއިން ރަސްމީކޮށް ފަށައިފިއެވެ.
ވިޒިޓް މޯލްޑިވްސް އާއި އެލް.އެފް.ސީގެ މި ކެމްޕެއިންގެ ދަށުން، ބްރޭންޑް ވާސިލުވާ މިންވަރު އިތުރުކުރުމާއި ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމުގެ އިތުރުން ދިވެހިރާއްޖެއަށް މުހިންމު އިޤްތިޞާދީ މަންފާތައް ހޯދޭނޭ މަގުފަހިވެގެންދާނެއެވެ. ލިވަރޕޫލް އެފް.ސީގެ ރަސްމީ ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކީ އެމް.އެމް.ޕީ.އާރް.ސީ/ ވިޒިޓް މޯލްޑިވްސް ކަމަށް، ނިމިދިޔަ މާރިޗު މަހުގެ 13 ވަނަ ދުވަހު ވަނީ އިޢުލާންކޮށްފައެވެ.
މި ޕާޓްނަރޝިޕްގެ ދަށުން ތިން އަހަރާއި ހަ މަސްދުވަހުގެ ބައިނަލްއަޤުވާމީ ކެމްޕެއިނެއް ކުރިއަށްގެންދާނެއެވެ. އެލް.އެފް.ސީ އާ އެކު ޤާއިމުކުރި ޕާޓްނަރޝިޕްގެ ދަށުން، މާރިޗު މަހުގެ 27 ވަނަ ދުވަހު ވިޒިޓް މޯލްޑިވްސް އިން ވަނީ އިނގިރޭސިވިލާތުގައި ފުޅާ ދާއިރާއެއްގައި އައުޓްޑޯ ކެމްޕެއިނެއްވެސް ފަށާފައެވެ.
ތިން މަސް ދުވަހުގެ މި ކެމްޕެއިންގެ ދަށުން އިނގިރޭސިވިލާތުގެ އިސްތިރާޖީ ބައެއް ސަރަޙައްދުތަކުގައި އައުޓްޑޯ އަދި ޑިޖިޓަލް އެޑްވަރޓައިޒިންގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ލަންޑަންގެ 100 ޓެކްސީއެއްގައްޔާއި، ބަސްތަކާއި ލަންޑަން އަންޑަރގްރައުންޑް، ވައިގެބަނދަރުތައް، އަދި ބިޒްނަސް ކްލާސް ލައުންޖުތަކުގައި ވިޒިޓް މޯލްޑިވްސް ބްރޭންޑް އިޝްތިހާރުކުރުން ހިމެނެއެވެ.
މީގެ އިތުރުން ޕްރިމިއަރ ލީގް މެޗުތައް އެންފީލްޑްގައި ކުޅޭ ދުވަސްތަކުގައި، ސްޓޭޑިއަމްގައި ލެޑް ސައިނޭޖް ދައްކައި، އެލް.އެފް.ސީގެ ރަސްމީ ލުއިފޮތްތަކާއި ޔޫރަޕުގެ އެކި ސަރަޙައްދުތަކުގައި ހުންނަ ބިލްބޯޑުތަކުގައި ރާއްޖޭގެ ބްރޭންޑް އިޝްތިހާރުކޮށް، ބައިނަލްއަޤުވާމީ ފެންވަރެއްގައި ފަތުރުވެރިކަން ކުރިއަރުވަން މަސައްކަތްކުރާނެއެވެ.

