”ހޮޅުދޫ ބޯޓުން“ ގެއްލުނު ޢަލީ މުޝްފިޤް މުޙައްމަދު ޝަރީފް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑުން އަދިވެސް ކުރަމުންދާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އޭނާ ގެއްލިފައިވަނީ ތ.ހިރިލަންދޫން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށް އަލިފާން ރޯވި ހޮޅުދޫ ބޯޓުންނެވެ.
އެމްއެންޑީއެފުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޢާޒީ، އެފްއައިސީ މާފަތް، އެޗްޕީ 114 ގެ އިތުރުން، ޑައިވަރުންނާއި އެއާރ ކޯރގެ ޑްރޯން އަދި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން ގުޅިގެން ކަނޑުމަތިންނާއި ޑައިވްކޮށްގެން އަދި ވައިގެ މަގުން ޢަލީ މުޝްފިޤް ޝަރީފް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
18 މީހުންނާ އެކު ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓުގައި އަލިފާން ރޯވިކަމުގެ މަޢުލޫމާތު ބުދަ ދުވަހުގެރޭ 21:07 ހާއިރު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑަށް ލިބުމުން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑު ވަނީ ބޯޓު އޮތް ސަރަހައްދަށް ގޮސްފައެވެ.
ބޯޓުން ދަތުރުކުރި 18 މީހުންގެ ތެރެއިން 17 މީހުން ވަނީ ސަލާމަތްކޮށްފައެވެ. މި މަސައްކަތުގައި، ތ.އަތޮޅު ޕޮލިސް ސްޓޭޝަނުގެ ފަރާތުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑަށް ބޮޑު އެހީތެރިކަމެއް ލިބެމުންދާކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން، މުޝްފިޤް ހޯދުމަށް އެމްއެންޑީއެފްގެ ޑްރޯންވެސް ދަނީ ބޭނުންކުރަމުންނެވެ.
މި ހާދިސާގައި އަލިފާން ރޯވި ”ހޮޅުދޫ ބޯޓް“ ވަނީ ދަންވަރު 02:07 ހާއިރު އަޑިއަށް ގޮސްފައެވެ. ބޯޓުގެ ބައިތައް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުމަށާއި ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

