ނ. މަނަދޫ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލަ ކުރިޔަށް އޮތް 4 މަސްދުވަހުގެ ތެރޭގައި ޙައްލު ކުރެވިގެންދާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.
ފެނަކައިން މައުލޫމާތު ދިންގޮތުގައި، މަނަދޫ ނަރުދަމާ ނިޒާމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކާ ގުޅޭ ސަރވޭ މިހާރުވަނީ ނިންމާލެވިފައެވެ. އަދި ކުރިޔަށް އޮތް ހަފުތާގެ ތެރޭގައި ޑިޒައިން ތައްޔާރުކޮށް، ކަމާބެހޭ އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ނެގުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
މީގެއިތުރުން، ފ. ނިލަންދޫގެ އައު ނަރުދަމާ ނިޒާމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރިޔަށް ގެންދަމުންނެވެ. މި މަޝްރޫއުގެ މަސައްކަތް މުޅިން ނިމޭނެ ކަމަށް އަންދާޒާކުރެވެނީ 2026 ވަނަ އަހަރުގެ ފަހުކޮޅުގައި ކަމަށް މަޝްރޫއު ހިންގުމާ ހަވާލުވެފައިވާ އެމްޑަބްލިއުއެސްސީން ބުނެފައިވެއެވެ.
މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، އެކި ސަބަބުތަކާ ހުރެ ހުއްޓިފައި ހުރި މަޝްރޫއުތައް ކުރިޔަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ. ”ކުރީގެ ސަރުކާރުން ޕްރޮޖެކްޓުތައް ހަވާލުކޮށްފައި ހުރީ އެންމެ ރަނގަޅަށް ނޫން. މަސައްކަތުގެ އެކި ފޭސްތައް، ތަފާތު ކުންފުނިތަކާއި ހަވާލުކޮށްފައި ހުރުމުގެ ސަބަބުން މުޅި ޕްރޮޖެކްޓު އޮތީ ހުއްޓިފައި،“ ރައީސް މުއިއްޒު ވިދާޅުވިއެވެ.

