ހަންގޭރީއިން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) ގެ މެމްބަރު ކަމުން ވަކިވުމަށް ނިންމައިފިއެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެ ޤައުމުގެ ކުރީގެ ދިފާޢީ ވަޒީރު ޔޯވް ގަލަންޓް ހައްޔަރުކުރުމަށް އައިސީސީ އިން ނެރުނު އަމުރާ ގުޅިގެން ހަންގޭރީންވެސް ވަނީ އައިސީސީއަށް ފާޑުކިޔާފައެވެ. އަދި އެ އަމުރު ހަންގޭރީގައި ނުހިނގާނެކަމަށް އެ ޤައުމުގެ ބޮޑުވަޒީރު ވިކްޓަރ އޮރްބާން ވަނީ ވިދާޅުވެފައެވެ.
ހަންގޭރީއަކީ އައިސީސީގެ ފައުންޑިންގ މެމްބަރެކެވެ. އެގޮތުން އައިސީސީއަކީ 125 މެމްބަރުންގެ މައްޗަށް ހިމެނޭ ކޯޓަކަށްވާއިރު، ހަންގޭރީ އައިސީސީން ވަކިވެއްޖެނަމަ އެ ޤައުމު ވެގެންދާނީ ޔޫރޮޕިއަން ޔޫނިއަންގެ ޤައުމުތަކުގެ ތެރެއިން އައިސީސީން ވަކިވާ ފުރަތަމަ ޤައުމަށެވެ.
ދަ ހޭގްގައި ހުންނަ އައިސީސީ އަކީ ހަނގުރާމައިގެ ކުށްތަކާއި، އިންސާނިއްޔަތާ ދެކޮޅު ކުށްތަކާއި، ނަސްލު ނައްތާލުމުގެ ކުށްތަކާއި އަދި އުދުވާނީ ކުށްތަކަށް ވަކިވަކި ފަރުދުންގެ މައްޗަށް ދަޢުވާކުރުމަށް އުފައްދާފައިވާ ބައިނަލް އަގްވާމީ ކޯޓެކެވެ.
ފަލަސްޠީނުގެ ދައުލަތަކީ 2015 ވަނަ އަހަރުން ފެށިގެން އައިސީސީ ގެ މެންބަރެކެވެ. އަދި އިސްރާއީލުންނާއި ހަމާސްގެ އޮފިޝަލުން އެ ސަރަޙައްދުގައި ހިންގާފައިވާ ކުށްތަކާ ގުޅޭ ތަޙުގީގެއްއް ފަށާނެ ކަމަށް ކޯޓުން ފުރަތަމަ އިޢުލާނުކުރީ 2019 ވަނަ އަހަރުއެވެ.

