ސައްޚަ ވިސާއެއް ނެތި މަސައްކަތް ކުރަމުންދިއަ 06 މީހެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކް ފޯސްއިން ކުރިއަށްގެންދާ ރެއިޑު އޮޕަރޭޝަންތަކުގައި އިއްޔެ މާލޭގައި ހުރި ކެފޭ، ހޮޓާ އަދި ޓޭކްއަވޭ ފަދަ 4 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
މި ތަންތަނުގައި ސައްޚަ ވިސާއެއް ނެތި މަސައްކަތް ކުރަމުންދިއަ 06 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
އަދި ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ވިޔަފާރިތަކުގެ ތެރޭގައްޔާއި އެހެނިހެން ކަންކަމުގައި ޙަރަކާތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތްތައް ސަރުކާރުން ގެންދަނީ ކުރަމުންނެވެ. އެގޮތުން މިހާތަނަށް 6076 އަށްވުރެ ގިނަ ބިދޭސީން ވަނީ އަނބުރާ އެމީހުން ނިސްބަތްވާ ޤައުމުތަކަށް ފޮނުވާފައެވެ.
ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް އޮޕަރޭޝަން ކުރަނގީގެ ނަމުގައިވެސް ހަރަކާތެއްދަނީ ހިންގަމުންނެވެ. އެގޮތުން މިހާތަނަށް ވަނީ އެއް ލައްކައަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފައެވެ.

