ފޭދޫގެ ފެންބޮޑުވާ މައްސަލައަށް އަލަށް އެ ސަރަހައްދުގައި ސަރުކާރުން ފަށާ ޕްރޮޖެކްޓުގެ ތެރެއިން ދާއިމީ ހައްލެއް ލިބިގެންދާނެކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާކަމަށް ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބޭއްވި ރަސްމިއްޔާތެއްގައި އައިބީ ވިދާޅުވީ، އައްޑޫގެ މަގުތައް ތަރައްގީކުރުމަށްޓަކައި ބޮޑު ޕްރޮޖެކްޓެއް ފައްޓަވާފައިވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ޝުކުރު ދަންނަވާކަމަށާއި މިއީ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއްކަމަށެވެ. އަދި މިފަދަ ކަންކަން ޕްލޭންކޮށް ފައިނޭންސް ހޯދުމަކީ ވަގުތު ނަގާނެ ކަންކަން ގޮތުގައި ދެކިވަޑައިގަންނަވާކަމަށް ވިދާޅުވި އެވެ.
މެމްބަރު ވިދާޅުވީ، ގައުމު އޮތް ހާލަތުގައިވެސް ރައީސް ޑރ މުއިއްޒު އަތޮޅުތަކުގެ ތަރައްގީގެ މަސައްކަތްތަކަށް އިސްކަން ދެއްވާކަމަށްޓަކައި އިހުލާސްތެރި ޝުކުރެއް އަދާކުރައްވާކަމަށާއި ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބަށް ވެސް ޝުކުރު ދަންނަވާކަމަށެވެ.
މީގެއިތުރުން މެމްބަރު ވިދާޅުވީ، އައްޑޫގެ ރައްޔިތުންނާއި އެ ސަރަހައްދަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުންގެ އެދުމަކީ މިނިސްޓްރީން އެދޭ ގޮތަށް އެކަށީގެންވާ ސްޕީޑުގައި ރަނގަޅު ފެންވަރުގެ މަގުތަކެއް ހަދާ ނިންމުންކަމަށެވެ.
ޕްރޮޖެކްޓަށް 829 މިލިއަން ހަރަދުވެގެންދާނެކަމުގެ މައްޗަށް އަލިއަޅުއްވައި އިބްރާހިމް ދީދީ ވިދާޅުވީ ފެށިގެންދަނީ ވަރަށް ރަނގަޅު ބޮޑު ޕްރޮޖެކްޓެއްކަމަށާއި އެކި ދައުރުތަކުގައި ހައްލެއް ގެނެވިފައިނުވާ ފޭދޫގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުންވެސް މަސައްކަތްތަކެއް ހިމެނޭކަމަށެވެ. ނަމަވެސް މިފަހަރު އެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމުގެ ޔަގީންކަން މިނސިްޓަރ މުއްތަލިބު ދެއްވާފައިވާކަމަށާއި އާރްޑީސީއާއިއެކު ސޮއިކުރެވިފައިވަނީ ޕްރޮޖެކްޓުގެ އަމަލީ މަސައްކަތްތައް ފެށުމަށްކަމަށެވެ.

