ރާއްޖެއަށް ޖެނެރޭޝަނަލް ބޭންއެއް ގެނައުމަށް މިއަދު ބޭއްވޭ ކެބިނެޓު ބައްދަލުވުމުގައި ގޮތެއް ނިންމަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިކަން ނިންމަވަން ޖެހުނު މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރެއްވީ މޯލްޑިވްސް ހެލްތު ސްޓެޓިކްސް ސާވޭ 2022 އިން ދައްކާ ގޮތުގައި ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް ފެތުރެން ދިމާވާ އެންމެ ބޮޑު ސަބަބަކީ ދުންފަތުގެ އިސްތިއުމާލު ކުރުން ކަމަށްވާތީއެވެ.
ރައީސް މުއިއްޒު ހިއްސާކުރެއްވި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި މަރުވާ މީހުންގެ 84 އިންސައްތައަކީ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ޖެހޭ ގައިންގަޔަށް ނާރާ ބަލިތަކުންނެވެ. އަދި 15 އަހަރާއި 29 އަހަރާ ދެމެދުގެ 21.8 އިންސައްތަ ޒުވާނުންނަކީ ދުންފަތުގެ އިސްތިއުމާލުކުރާ ފަރާތްތަކެވެ.
”ގްލޯބަލް ޔޫތު ޓޮބޭކޯ ސާވޭއިން ދައްކާގޮތުގައި ސްކޫލު އުމުރުފުރައިގެ ކުދިންގެ ތެރެއިން 45 އިންސައްތަ ކުދިންނަކީ ދުންފަތް ނުވަތަ ކޮންމެވެސް ކަހަލަ ނިކޮޓިންއެއް ބޭނުންކުރާ ކުދިން،“ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރާއްޖޭގެ އާބާދީގެ ތެރެއިން 2007 ޖެނުއަރީ 1 އިން ފެށިގެން އުފަންވެފައިވާ މީހުންގެ އަދަދަކީ 124,002 ކަމަށާއި، މިއީ މުޅި އާބާދީގެ 31 އިންސައްތަ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މި ޖީލު ދުންފަތުގެ ނުރައްކަލުން ސަލާމަތްކުރުމަށް ޖެނެރޭޝަނަލް ބޭންއެއް ގެނައުމަކީ މުހިންމު ކަމެއްކަމަށް ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ސާވޭތަކެއް ހަދައި، ޑަބްލިޔުއެޗްއޯ އަދި ޔުނިސެފް ފަދަ ބައިނަލްއަޤްވާމީ އިދާރާތަކާއެކު މަޝްވަރާކުރެވިފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. މުޖުތަމައު ދުންފަތުގެ އިސްތިއުމާލުކުރުމުން ސަލާމަތްކުރުމަށްޓަކައި މިއަދުގެ ކެބިނެޓު ބައްދަލުވުމުގައި މަޝްވަރާކޮށް ގޮތެއް ނިންމަވާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

