ރަޝިއާ އާއި ޔޫކްރޭން އާ ދެމެދު ވެފައިވާ ވަގުތީ ސުލްހައިގެ އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ބުނެ ދެ ގައުމުގެ އެންމެ އިސް ޑިޕްލޮމެޓުން އެކަކު އަނެކަކަށް ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތައް ކުރެވިފައިވަނީ ތުރުކީގައި ފަހުން ބޭއްވުނު ހައިލެވެލް ކޮންފަރެންސެއްގައެވެ.
އެމެރިކާ މެދުވެރިވެގެން ގާއިމުކޮށްފައިވާ މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ހަކަތަ އުފައްދާ ވަސީލަތްތަކަށް ދެމުންދާ ހަމަލާތައް ހުއްޓާލުމެވެ. ނަމަވެސް މި އެއްބަސްވުމަށް އަމަލުކުރަން ފެށުމަށްފަހު ވެސް ދެފަރާތުން އެކަކު އަނެކަކަށް ތުހުމަތުކުރަމުން ދިއުމުން، ތިން އަހަރަށް ދިގުދެމިގެންދާ މި ހަނގުރާމައަށް ހުއްޓުމެއް ގެނައުމުގައި ހުރި ގޮންޖެހުންތައް ފާހަގަވެގެން ދެއެވެ.
ދެ ގައުމުގެ ފޮރިން މިނިސްޓަރުން ވަނީ އަންޓާލިޔާ ޑިޕްލޮމެސީ ފޯރަމްގައި ވަކިވަކިން ބައްދަލުވުންތަކެއް ބާއްވާފައެވެ. މި ބައްދަލުވުންތައް ބޭއްވުނީ އެމެރިކާގެ މަންދޫބު ސްޓީވް ވިޓްކޮފްއާއި ރަޝިއާގެ ރައީސް ވްލެޑިމިއަރ ޕުޓިން އާ ދެމެދު ސުލްހަ ގާއިމުކުރުމާ ގުޅޭ މަޝްވަރާތަކެއް ކުރެވިފައިވަނިކޮށެވެ.
ރަޝިއާގެ ފޮރިން މިނިސްޓަރ ސަރގޭ ލެވްރޮވް ވިދާޅުވި ގޮތުގައި ”އެއްބަސްވުން އެކުލަވާލި ފަހުންވެސް ޔޫކްރެއިންއިން ވަނީ ދެތިން ދުވަހެއް ފިޔަވާ އެ ނޫން ހުރިހާ ދުވަހެއްގައިވެސް ހަމަލާ ދީފައި“ އެވެ. އަދި މިކަމުގެ ތަފްސީލީ މައުލޫމާތު ބައިނަލްއަގުވާމީ މުއައްސަސާތަކާ ހިއްސާކުރާނެ ކަމަށް ވިދާޅުވިއެވެ.
ރަޝިއާގެ ހާރިޖީ ވުޒާރާގެ މަންދޫބެއްގެ ބަހުން، އެ ގައުމުން ވަނީ ޔޫކްރެއިންއިން އެއްބަސްވުމާ ހިލާފަށް ހިންގާފައިވާ 60 އަމަލެއްގެ މައުލޫމާތު އެމެރިކާއާ ހިއްސާކޮށްފައެވެ. މި ހާލަތުގައި ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުން ވަނީ ޔޫކްރެއިންއަށް އިތުރު އެހީތެރިކަން ފޯރުކޮށްދޭނެކަން އިއުލާންކޮށްފައެވެ.

