ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ މުދާ އެތެރެނުކުރެވޭތާ މަހަކަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށް އދ. އިން ހާމަކޮށްފިއެވެ. އދ. ގެ ފަރާތުން ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަރަކާތްތެރިވާ އަންރާއިން ބުނެފައިވަނީ، މި ސަރަހައްދުގައި 2.1 މިލިއަނަށްވުރެ ގިނަ ރައްޔިތުން ތާށިވެފައިވާއިރު، އެ ސަރަހައްދަށް ކޮމާޝަލް މުދަލާއި އިންސާނީ އެހީތެރިކަން ފޯރުކޮށްނުދެވި އޮތުމުން ބަނޑުހައިހޫނުކަމާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
އަންރާއިން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ބޭނުންކުރާ ސަރަހައްދުތަކުގައި ބޭސްފަރުވާއަށް ބޭނުންވާ ސާމާނާއި، ހަކަތައިގެ ވަސީލަތްތަކާއި، ބޯހިޔާވަހިކަމަށް ބޭނުންވާ ސާމާނު ޖަމާވަމުންދާއިރު، މި މުހިންމު މުދާތައް އެތެރެކުރެވޭނެ މަގެއް މިހާތަނަށް ފެނިފައެއް ނުވެއެވެ. އަދި ސުލްހަ އެއްބަސްވުން ނިމުމަކަށް އައި ފުރަތަމަ ހަފުތާގައި އެކަނި 1,000 އަށްވުރެ ގިނަ ކުޑަކުދިން މަރުވެފައިވާ ކަމަށްވެސް އެ ޖަމްޢިއްޔާއިން ފާހަގަކޮށްފައިވެއެވެ.
އަންރާއިން ހާމަކޮށްފައިވާ ގޮތުގައި، ކައްކަން ބޭނުންކުރާ ގޭހާއި ފުށްފަދަ އަސާސީ ތަކެތި ނެތުމުގެ ސަބަބުން، ވޯލްޑް ފުޑް ޕްރޮގްރާމްގެ އެހީތެރިކަމާއެކު ހިންގަމުންދިޔަ 25 އަށްވުރެ ގިނަ ބޭކަރީ ހުއްޓާލަން ޖެހިފައިވެއެވެ. މީގެއިތުރުން، ޣައްޒާގެ ސިއްހީ ނިޒާމު ވަނީ އިންތިހާއަށް ނާޒުކު ހާލަތަކަށް ވެއްޓިފައެވެ. ”ކޮންމެހެން ބޭނުންވާ ބޭސްތަކާއި، ބޮޑެތި އަނިޔާތަކަށް ފަރުވާދިނުމަށް ބޭނުންވާ ސިއްހީ ވަސީލަތްތައް ވަނީ ހުސްވުމާ ކައިރިވެފައި،“ އަންރާއިން ބުނެފައިވެއެވެ.
އެންމެ ފަހުން 60 ދުވަހުގެ މުއްދަތަށް ގާއިމުކުރެވުނު ސުލްހަ އެއްބަސްވުމުގެ ދަށުން، 470 ދުވަހުގެ ތެރޭގައި ނުކުރެވުނު އެތައް މަސައްކަތްތަކެއް ކުރެވުނު ކަމަށް އަންރާއިން ފާހަގަކޮށްފައިވެއެވެ. ނަމަވެސް މިހާރު އަލުން ފެށިފައިވާ ހަނގުރާމައިގެ ސަބަބުން އިންސާނީ ކަރާމާތަށް އެއްވެސް ގަދަރެއް ނެތި އެތައް އަނިޔާވެރި ޢަމަލުތަކެއް ހިންގަމުންދާ ކަމަށް އެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ.
އިސްރާއީލްގެ ހަމަލާތަކުގެ ސަބަބުން މިހާތަނަށް 408 އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ މަސައްކަތްތެރިން މަރުވެފައިވާއިރު، މީގެ ތެރޭގައި އަންރާއަށް ނިސްބަތްވާ 280 މުވައްޒަފުން ހިމެނޭކަން އެ ޖަމްޢިއްޔާއިން ހާމަކޮށްފައިވެއެވެ. އަދި ޣައްޒާގައި މިވަގުތު ރައްކާތެރި އެއްވެސް ސަރަހައްދެއް ނެތްކަމަށާއި، އެއްވެސް މީހަކަށް ސަލާމަތްތެރިކަމެއް ނެތްކަންވެސް ފާހަގަކޮށްފައިވެއެވެ.

