މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅާލުމުގެ މަޝްރޫޢު މި އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން މުހައްމަދު ވިދާޅުވެއްޖެއެވެ. މި މަޝްރޫޢު ނިމުމުން ދުވާލެއްގެ މައްޗަށް 20،000 ޓަނުގެ ފެން ދެ ސަރަހައްދުގެ ދެމެދުގައި ބަދަލުކުރެވޭނެއެވެ.
ސަންގުޓީވީގެ ”ސަރުކާރު“ ޕްރޮގްރާމްގައި މަތީން ވިދާޅުވީ ކުންފުނީގެ އެންމެބޮޑު އަމާޒަކީ ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތަކުުގެ ކަށަވަރުކަން ދެމެހެއްޓުން ކަމަށެވެ. އެގޮތުން މާލޭގައި ފެން އުފައްދާ މިންވަރާއި ފެން ރައްކާކުރެވޭ މިންވަރު އިތުރުކުރަމަކީވެސް ކުންފުނީގެ މައިގަނޑު އަމާޒެއް ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ފެން ރައްކާކުރުމުގެ މިންވަރު އަދި ފެން އުފައްދާ މިންވަރު ރަނގަޅުކުރުމަށްވެސް އަދި ފެން ފޯރުކޮށްދޭ މިންވަރު ވެސް އިތުބާރުކުރެވޭ ގޮތަކަށް އެކަން ކުރުމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް މަތީން ވިދާޅުވިއެވެ.
މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅުވާލުމަށް ކުރެވޭ މަސައްކަތްތައް މިއަހަރުގެ ތެރޭގައި ނިމޭނޭކަމަށް މަތީން ވިދާޅުވިއެވެ. އެ މަސައްކަތުގެ ތެރެއިން މާލޭގެ ޕަމްޕް ސްޓޭޝަންގެ ސިވިލް މަސައްކަތް ކުރުމަށް ބޭނުންވާ އިމާރާތުގެ މަަސައްކަތާއި އަދި ހުޅުމާލޭގެ ޕަމް ސްޓޭޝަންގެ ސިވިލް މަައްކަތް އަދި އިމާރާތުގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިމޭނެ ކަމަށް މަތީން ވިދާޅުވިއެވެ.
”ދެން އަޅުގަނޑުމެން ކުރަންހުންނާނީ އޭގެ އިލެކްޓްރޯ މެކޭނިކަލް މަސައްކަތްތައް. ޕަމްޕު ތަކުގެ މަސައްކަތްތައް. އެ މަސައްކަތްތައް ނިންމައި، އަދި މެކޭނިކަލް މަސައްކަތްތައް ނިންމައި އިރާދަކުރެއްވިއްޔާ މި އަމާޒު ކުރަނީ އޮގަސްޓު މަސް ތެރޭގައި މުޅި ނިޒާމު ހިދުމަތަށް ގެނައުމަށް. އޭރުން މާލެއާއި ހުޅުމާލެއާއި ދޭތެރޭގައި ފެން އަޅުގަނޑުމެންނަށް ފޯރުކޮށްދެވޭނެ ބޭނުންވެއްޖެ ހާލަތެއްގައި 20،000 ޓަނު ދުވާލެއްގެ މައްޗަށް“
މަތީން ވިދާޅުވީ މިހާރުވެސް މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރުން އެ ހޮޅި ޓެސްޓު ކުރެވި ސާފުކުރެވިފައިވާ ކަމަށެވެ. އަދި މިހާރަށް ބަލާއިރު އިމަޖެންސީ ހާލަތެއްގައި ދެހާހެއްހާ ޓަނު ހުޅުމާލެ ގެންދެވޭ ކަމަށް މަތީން ވިދާޅުވިއެވެ. މަތީން ވިދާޅުވީ އެއީވެސް ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
މި މަޝްރޫއު ނިމުމާއިއެކު މާލޭގެ ފެނުގެ މައްސަލައަށް ވަރަށް ބޮޑު ޔަގީންކަމެއް ލިބިގެން ދާނެ ކަމަށް މަތީން ވިދާޅުވިއެވެ. އަދި މާލޭގައި ކަމެއް ދިމާވެއްޖެ ހާލަތުގައި ހުޅުމާލެއިން މާލެއަށް އަދި މާލެއިން ހުޅުމާލެއަށް ފެން ފޯރުކޮށްދެވޭނެ ކަމަށެވެ.
މީގެއިތުރުން މަތީން ވިދާޅުވީ ކުންފުނީގެ ބައެއް މަސައްކަތްތައް ނުނިމި ދިގުލަގެން ދާ މައިގަނޑު ސަބަބަކީ އިދާރާތަކުން ކުރާ މަސައްކަތްތައް ވަގުތައް ނުނިއްމޭތީ ކަމަށެވެ.

