ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބުޅަލާ އެއްވަރަށް އެހެން ކަންކަމަށްވެސް އަޅާލަންޖެހޭ!

މާލެގެ މަގުމަތީގައި ބުޅާތަކެއް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދުގައި ބުޅާ ގިނަވެ އެތަކެތި ހާލުގައި ޖެހެމުންދާތީއާއި އެތަކެއްޗާއި ހެދި ބައެއް އުނދަގޫތައް ދިމާވަމުންދިއުމާއި ގުޅިގެން ކެޓް ޝެލްޓަރެއް ބިނާކޮށްފިއެވެ. ވަރަށް ރަނގަޅު ކަމެވެ. ގިނަ އަދަދެއްގެ އާންމުން މިތަކެއްޗަށް އިންތިހާއަށް ލޯބިކުރެއެވެ. އަޅާލުމުގެ ގޮތުން ގެއަށް ނުގެންދެވޭކަމަށްވުމުން ގަވައިދުން މަގުތަކަށް ނުކުމެ އެތަކެއްޗަށް ކާންދިނުމުގެ މަސައްކަތްތައް ކުރެއެވެ. އެތަކެއްޗާއި އެކު ވަގުތު ހޭދަކުރެއެވެ. ފޭސްބުކާއި ވައިބަރ ގުރޫޕުތައް ހަދައިގެން ކަންކަންމަތީ ދިރިއުޅޭ ބުޅަލަށް އެހީތެރިކަން ހޯދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެއެވެ. މިކަމަށް މުޖުތަމައުގެ އެއްބާރުލުން ލިބެއެވެ. ގިނަ އަދަދެއްގެ މީހުން ބިޒީ ޝެޑިއުލްތަކުން ވަގުތު ނަގާލައިގެން މިކަންކަމުގައި ހަރަކާތްތެރިވެއެވެ. ކެޓް ޝެލްޓަރެއް ބިނާކޮށްދޭން މަޖުބޫރުވެގެންދިޔައީ ހަމަ މި މަސައްކަތްތަކުގެ ވަރުގަދަ ކަމުންނެވެ. މިފަދަ މަސައްކަތްތައް އިތުރަށްވެސް ފުޅާކުރަންވީއެވެ. ބުޅާ އެކަންޏެއް ނޫނެވެ.

ހަމަ ހޭވެރިކަން ޖެހި މުޖުތަމައުގެ ހާލަތު ހުރި ގޮތް ފަހުމްވާންފެށީއްސުރެ މާލެ ސަރަހައްދުގައި ނިކަމެތި ހާލަތެއްގައި ބަޔަކު މީހުން އުޅޭތަން ނުފެނި ނުދެއެވެ. މިކަމާއިމެދު އިންތިހާއަށް ހިތާމަކުރަމެވެ. ފެންނަމުންދަނީ ދިވެހިންތަކެއް، އިންސާނުންތަކެއް އަޅުގަނޑުގެ އަމިއްލަ ހަޔާތުގައި ދުވަހަކުވެސް ޖެހެން ބޭނުން ނުވާ ހާލަތެއްގައި ދިރިއުޅެމުންދާ މަންޒަރެވެ. މިއަދު ފެންނަމުންދާ ޖަމިއްޔާތަކުގެ މަސައްކަތްތައް ފެނުމުން މިވެރިންނަށް އަޅާލާނެ ބަޔަކު ނެތްތޯ ހިތަށް އަރައެވެ. ތިބެއެވެ. ތިބޭނެކަން ޔަގީނެވެ. ނަމަވެސް އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުންދާކަމަށް ބުނަން ދައްޗެވެ.

މަގުތައް މަތީގައި ތިބި ބުޅާތަކަށް އަޅާލުން ދިނުމަށް ހަރަކާތްތެރިވާ މިންވަރަށް އިންސާނުންނަށް އަޅާލުމަށް މަސައްކަތްކުރުން މުހިންމެވެ. ޔަގީނުންވެސް ބުޅަލަށްވުރެ މީހުން އަދަދު މަދުވާނެއެވެ. މަސްތުގައި ޖެހިފައި ތިއްބަސް މިކަމަކީ ނުކޮށް ވާން ނެތްކަމެކެވެ. މަގުތައް މައްޗަށް ގިނަވެގެން އުޅޭ ޒުވާނުންގެ އަދަދު ގިނަ ވެއްޖެއެވެ. މިފަހަކަށް އައިސް ހުރެވޭތަންވެސް ނޭނގޭ ހާލަތުގައި ތިބި ޒުވާނުންގެ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލްމީޑިއާއިން ފެންނަ މިންވަރުވެސް އިތުރުވެއްޖެއެވެ.

މަގުމަތިވާން ދިމާވީ އަމިއްލަ ނިންމުންތަކެއްގެ ހިތި ނަތީޖާގެ ސަބަބުން ނަމަވެސް ވީހާލެއްގައިވާން ދޫކޮށްލުމަކީ މުޖުތަމައަށް އެކަމުގެ ސަބަބުން ފައިދާއަށްވުރެ ގެއްލުން ބޮޑު ކަމެކެވެ. މިކަމުން ދިމާވާ މައްސަލަތައް މަދެއް ނޫނެވެ. ނިދާނެ ތަނެއް ނެތުމުން ކަންކަންމަތީ ފޮށިގަނޑުތައް އަޅައިގެން ނިދާ ހަދާ މަންޒަރު ފެނިގެންދާއިރު ދެކެން ބޭނުން ނޫން މަންޒަރުތައްވެސް ފެނިގެންދެއެވެ. ފެންވަރާ ތާހިރުވާނެ ތަނެއް ނުލިބުމުން މިސްކިތްތަކުގެ ބޭނުން އެބަ ހިފައެވެ. އެތަންތަނުގައި މަސްތުވާތަކެތި ބޭނުންކުރާކަމުގެ އަޑުވެސް އިވެއެވެ.

ބަނޑުފުރާނަ މުއްތިކުރުމަށް ފިހާރަތަކަށްވަދެ ވައްކަން ކުރާއިރު ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރު ދެއްކުމުގެ މައްސަލަތައް އެބައޮތެވެ. އިތުރު ގޯސްތަކެއް ވެގެންދިއުމުގެ ފުރުސަތު އޮވެއެވެ. މިއަދު ހާލަތު ގޯސްވެފައިވާ މިންވަރަކީ ގެއެއް ބަންދުކޮށްފައި ޗުއްޓީއަކަށް ގޮސް އަންނައިރު ފާރުގައި އަޅާފައި ތިބި ނަރުފަށްތައް ތިބޭނެކަމާއިމެދު ޝައްކުވުމެވެ. ގޭގެތެރެއަށްވަދެ ވައްކަން ކުރާއިރު ބޭރު މީހުން ދިރިއުޅޭ ކޮށިތަކަށްވެސް ވަންނަ އަދަދާއި ބިރު ދައްކައި މާރާމާރީ ހިންގުމުގެ މައްސަލަތައްވެސް މަދެއް ނުވާނެކަން ޔަގީނެވެ. ބިދޭސީންގެ ފަރާތުން މިފަދަ މައުލޫމާތުތައް ލިބިފައިވެއެވެ.

ފޭރުމަކީވެސް އާންމު ކަމަކަށްވެފައިވާއިރު މަގުމަތީގައި ބަހައްޓާފައި ހުންނަ ސައިކަލުގެ މަޑި ހަލާކުކޮށްގެން މުދަލެއް ހުރިނަމަ ނެގުމުގެ މައްސަލަވެސް ފާހަގަކުރެވެއެވެ. އަޅުގަނޑު ދިރިއުޅޭ ސަރަހައްދުގެ ވައިބަރ ގުރޫޕުގައިވެސް މިފަދަ މައްސަލަތައް ހިއްސާކޮށްފައިވެއެވެ. މަގުމަތީގައި އެކި ސަރަހައްދުތަކަށް ކަރަންޓު ދޭން އަޅާ ބޮޑެތި ނަރުތައް ބުރިކޮށްގެން ކަރަންޓު ދިޔަ މައްސަލަތައް ފެންމަތިވެފައިވާއިރު ކަރަންޓު ދޭން ބަހައްޓާފައި ހުންނަ ވަސީލަތްތަކުގެ ތެރެއަށްވަދެ ވައްކަން ކުރަން އުޅުމުގެ ސަބަބުން ކަރަންޓު ޖެހި މީހުން ނިޔާވި ހާދިސާތައްވެސް ފެންމަތިވެއްޖެއެވެ. ހައްލެއް ބޭނުންވާކަން ޔަގީނެވެ.

ފުލުހުން އާންމުކުރާ ކުށްތަކުގެ މައުލޫމާތުތަކަށް ބަލާއިރު މިއަދު ވަކި އުމުރުފުރައެއް ނެތްކަން އެނގެއެވެ. ވަކި ޖިންސެއްވެސް ނެތެވެ. ހަރު އުމުރުފުރާތަކުގެ މީހުންނާއި ޒުވާނުން ހިމެނެއެވެ. އަންހެނުންނާއި ފިރިހެނުން ހިމެނެއެވެ.

ރީހެބުތައް ހުންނަކަމަށްވުމުން މަގުމަތީގައި އިތުރު ގޮތެއް ނެތި ދިރިއުޅޭ މީހުން އަމިއްލަ އިހުތިޔާރުގައި ނުދާނަމަ ދައުލަތުން ނިންމާ ގޮތެއްގެ މަތިން ގެންދަންވީއެވެ. ޖީލެއް ހަލާކުވެގެންދާން ދޫކޮށްލެވިގެން ނުވާނެއެވެ. ކުށުގެ ވެށިން ސަލާމަތްނުކުރެވޭނަމަ ބަންދުކުރަންވީއެވެ. މިއަދު މުޖުތަމައުގެ ތެރެއިން ފެންނަމުންދާ މަންޒަރުތައް ބަލަމުންދާ ޒުވާން ޖީލުތަކަށް ލިބެމުންދަނީ ނުބައި މެސެޖެކެވެ.

ރާއްޖެއަކީ ފަތުރުވެރިކަމަށް މަޝްހޫރު ގައުމެކެވެ. ސޯޝަލްމީޑިއާގައި އާންމުވަމުންދާ މަންޒަރުތައް ފެންނާނީ ހަމައެކަނި ދިވެހިންނަށް ކަމަށް ދެކުމަކީ ކުރެވެން ނެތްކަމެކެވެ. ތަންތަނުން ނެރޭ ޓްރެވެލް އެޑްވިސޮރީތަކުގައިވެސް މިއަދު މިފަދަ ކަންބޮޑުވުންތައް ހުރިކަން ހިއްސާކޮށްފައިވެއެވެ. ރާއްޖޭގެ ހާލަތަކީ މިއީކަމަށް ފަތުރުވެރިންނަށް ފެނިއްޖެ ހާލަތެއްގައި ނޭދެވޭ އަސަރުތަކެއް ނުކޮށް ނުހުންނާނެއެވެ. ބުޅަލަށްވުރެ މީހުންނަށް އަޅާލުން މުހިންމެވެ.

ހާއްސަ ގޮތެއްގައި ރާއްޖެއަކީ އިސްލާމީ ގައުމެއްކަމަށްވުމުން މިފަދަ ހާލަތެއްގައި ބަޔަކު މީހުން ދިރިއުޅެމުންދާއިރު އުހުވަންތަކާއި އަވަށްޓެރިކަމަކީ ކޮންމެހެންވެސް ފެންނަންޖެހޭ ސިފަތަކެއްކަން ޔަގީނެވެ. އަނެއްކާއަށް އަޅާލުންދީ އެންމެނަށްވެސް ގަދަރުވެރި ދިރިއުޅުމެއް ލިބިގެންދާކަން ކަށަވަރުކުރުމަށް މުޖުތަމައެއްގެ ގޮތުގައި ހަރަކާތްތެރިވާންޖެހެއެވެ. ނަމަވެސް ރާއްޖޭގައި މިއަދު މި މަންޒަރު ފެނިގެންދާ މިންވަރު މަދުވުމަކީ ދެރަ މައްސަލައެކެވެ. މިފަދަ ހާލަތްތަކުގައި ދިރިއުޅޭ މީހުންނަށް އަޅާލުން ކުޑަވުމަކީވެސް އެ ހާލަތު ދެމެހެއްޓިގެންދާނެ މެދުވެރިވާ ސަބަބެކެވެ. އާންމު އާދައިގެ ކަމެއްގެ ގޮތުގައި ބެލުމަކީވެސް އިހުމާލެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: