މި ހަފްތާގައި ސްކޭމްގެ މައްސަލަތައް ހުށައެޅުނު މިންވަރު ދަށް ކަމަށް ފުލުހުންގެ ސްކޭމް ސެންޓަރުން ބުނެފިއެވެ.
ސަންގުޓީވީގެ ”ފުރަމެންދުރު“ ޕްރޮގްރާމްގައި ފުލުހުން ކުރަމުންގެންދާ މަސައްކަތަކާއި ގުޅިގެން ވާހަކަދައްކަމުން ސަބް އިންސްފެކްޓަރ މުހައްމަދު ސަލީމް ވިދާޅުވީ ސްކޭމަކީ އަމިއްލައަށް މީހާ ހުށަހެޅިގަންނަ ހަމައެކަނި ކުށް ކަމަށެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް މިކަން އޮންނަނީ އަމިއްލަޔަށް ހުށައެޅޭކުށެއްގެ ގޮތުގައި ކަމަށް ސަލީމް ވިދާޅުވިއެވެ. ފުލުހުންގެ ސްކޭމް ސެންޓަރުގެ ތެރޭގައި މަސައްކަތް ކުރަނީ އެއްބަޔަކު އަނެއް ބަޔަކާއި ގުޅިގެން މަސައްކަތްކުރުމަށް ކަމަށް ސަލީމް ވިދާޅުވިއެވެ.
މިހަފްތާގެ ތަފާސް ހިސާބުތަކަށް ބަލާއިރު މައްސަލަތައް ހުށައެޅިފައިވާ ރޭޓު ދަށް ކަމަށް ސަލީމް ވިދާޅުވިއެވެ. އަދި މިހާރު ގިނަ މުވައްސަސާތަކާއި އެކުވެސް މަސައްކަތްތަކެއް ކުރަމުންގެންދާކަމަށް ވިދާޅުވިއެވެ. ސްކޭމް ސެންޓަރުގެ މަސައްކަތް ފެށުމުގެ ކުރިއަށް އެކައުންޓެއް ފްރީޒް ނުވެ އިން ނަމަވެސް ސެންޓަރުގެ މަސައްކަތްތައް ފެށުމާއިއެކު އެކައުންޓުތައް ފްރީޒް ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ނަތީޖާތައް ރަނގަޅުޥާން ދިމާވި ސަބަބަކީވެސް އެއީ ކަމަށް ވިދާޅުވިއެވެ.
ސީނިއަރ ސާރޖަންޓް އަބްދުﷲ ޝަހުނީޒް ވިދާޅުވީ ސްކޭމް ސެންޓަރ ސެންޓްރަލައިޒް ކުރެވިގެން ދިޔައީ މާރޗް މަހުގެ 17 ވަނަ ދުވަހު ކަމަށެވެ. އެއީ ޖިނާއީ އިޖުރާތުގެ ގާނޫނަށް ގެނެވުނު 5 ވަނަ އިސްލާހާއި އެކުކަމަށް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މީގެކުރިން އަތޮޅުތަކުން ސްޓޭޝަންތަކުންވެސް މި މައްސަލަތައް ދިޔައީ ބަލަމުން ކަމަށް ޝަހުނީޒް ވިދާޅުވިއެވެ.
ޝަހުނީޒް ވިދާޅުވީ 72 ވަނަ މާއްދާއަކީ ސްކޭމްގެ ކަންކަމަށް ވަރަށް ބޮޑު އިސްކަމެއް ދީފައިވާ ކަމަށެވެ. އެގޮތުން އެކައުންޓުތައް ފްރީޒް ކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންގޮސްފައިވާ ކަމަށް ޝަހުނީޒް ވިދާޅުވިއެވެ.
”48 ގަޑިއިރަށް އެކައުންޓުތައް ފްރީޒްކޮށްފައި އޭގެ އިތުރަށް ހިފަހައްޓަން ޖެހޭކަމުގައި ވެއްޖެނަމަ ކޯޓުއަމުރަކުން އެދިގެން ނަމަވެސް އެކައުންޓުތައް ޕްރީޒްކޮށްގެން ކުރިއަށް މިގެންދަނީ. އަޅުގަނޑު ފާހަގަކޮށްލަން ބޭނުން މި ފުރުސަތުގައި މި ވަންނަ ފައިސާއަކީ ކިހިނެތް ވަންނަ ފައިސާއެއްތޯ ރައްޔިތުން ވަރަށް ބޮޑަށް ކަށަވަރު ކުރައްވަން އެބަޖެހެއޭ. ނޫނީ ހަމަ ވަރަށް ދެރަ ގޮތެއް ދިމާވެދާނެއޭ“
މީގެއިތުރަށް ސަލީމް ވިދާޅުވީ ފޭސްބުކް މާކެޓު ޕްލޭސްގެ މައްސަލަ އެބަ އޮތް ކަމަށާއޮ މާކެޓު ޕްލޭސްއިން މުދާ ގަނެގެން ހުށައެޅޭ މައްސަލަތައް އަދި މުދާ ނުލިބޭ މައްސަލަތަކަކީވެސް ގުޅައިގެން ނުވަތަ ފޭސްބުކުން މެސެޖްކޮށްގެން އަދި އެފަދަ މުއާމަލާތްތަކެއް ހިންގައިގެން ހިނގާމައްސަލަ ކަމަށެވެ.

