ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ކުޑަ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ބިލު ހުށަހެޅުއްވި އިރު އޮތީ ތަފާތު ހާލަތެއްކަމަށް ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު ވިދާޅުވެއްޖެ އެވެ.
ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުގައި ހިނގަމުން ދަނިކޮށް ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލަތަކެއް ފެންމަތިކޮށް ސަސްޕެންޑު ކުރުމުން ސަރުކާރަށް ބޮޑެތި ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ. އޭގެ ފަހުން ކޯޓުގެ ބެންޗު ކުޑަ ކުރުމަށް ވެސް އިސްލާހު ގެނައުމުން ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބިލު ތަސްދީގު ނުކުރައްވައި ތަޅުމަށް އަނބުރާ ފޮނުވާލައްވާފަ އެވެ.
ފަނޑިޔާރުން ސަސްޕެންޑު ކުރި ވަގުތު ދިމާވީ، ސުޕްރީމް ކޯޓުގެ ބެންޗު 7 އިން 5 އަށް ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދުވަހާއި އެވެ. އަދި އެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ސައްތާރެވެ. މިއީ ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލެއް ނޫން ނަމަވެސް، ޕީއެންސީގެ ހުރިހާ މެމްބަރުން ވެސް އިސްލާހަށް ތާއީދު ކުރި އެވެ.
ބިލު ފާސްކުރުމުގެ ކުރިޔަށް ތަޅުމުގައި މެމްބަރުން ވަނީ، އެ އިސްލާހު ގެންނަން ޖެހޭ ސަބަބާއި މެދު ވާހަކަ ދައްކައި ބިލު ދިފާއު ވެސް ކުރައްވާފަ އެވެ. އެހެން ނަމަވެސް ބިލު ތަސްދީގު ނުކުރައްވައި 14 ދުވަސް ހަމަވުމުން ރައީސުލްޖުމްހޫރިއްޔާ ބިލު އަނބުރާ ފޮނުވާލެއްވި އެވެ.
ފަނޑިޔާރުގެއަށް އޮތް ނުފޫޒުގެ ތުހުމަތުތަކަށް ސަންގުޓީވީގެ ”ޚަބަށްރަށްފަހު“ ޕްރޮގްރާމްގައި ދެއްވި ރައްދުގައި ސައްތާރު ވިދާޅުވީ މި ސަރުކާރުގެ ހިންގުން ކުރިޔަށް ދަނީ ރައްޔިތުން އެދޭ ގޮތަށްކަމަށާއި ޖުޑިޝަރީގެ ތެރެއަށް ބާރުފޯރުވުމުގެ އެއްވެސް އަމަލެއް ނުހިނގާކަމަށެވެ.
ސައްތާރު ވިދާޅުވީ، އޭނާ ބިލު ހުށަހެޅި އިރު އޮތީ ސުޕްރީމް ކޯޓާއި ގުޅޭ ތަފާތު ހާލަތެއް ކަމަށެވެ. ބިލާއި މެދު އަދިވެސް ވަކި ގޮތެއް ނިމިފައި ނުވާކަން ފާހަގަކުރައްވައި ސައްތާރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ޗުއްޓީއަށް ފަހު ފެށުމާއި އެކު ކޮމިޓީގެ މަސައްކަތްތައް ވެސް ކުރިޔަށް ދާނެކަމަށެވެ.
ސައްތާރު ވިދާޅުވީ ކޮމިޓީގެ މަސައްކަތް ކުރިޔަށް ދާނެގޮތެއް، މުގައްރިރު ނިންމަވާނެކަމަށާއި އެހެންކަމުން ބިލާއި މެދު ވަކި ގޮތެއް ނިންމައި ތަޅުމަށް ފޮނުވުމާއި މެދު ގިނަ ދުވަސް ނަގާފާނެކަމަށް ނުބެލެވޭކަމަށެވެ.
ސައްތާރު ވިދާޅުވީ ބިލު އަލުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން، ފާސްވުމަށް ބޮޑު އަޣުލަބިއްޔަތެއް ބޭނުންވާނެކަމަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުވާލެއްވި ބިލެއްކަމަށްވާތީ އޮންނަ އުސޫލުގެ ތެރެއިން އަމަލު ކުރަން ޖެހޭނެކަން ވެސް ސައްތާރު ފާހަގަކުރެއްވި އެވެ.
މިހާރު ރައީސުލްޖުމްހޫރިއްޔާ މި ބިލު އަނބުރާ ފޮނުވާލެއްވި އިރުގައި ފާހަގަކުރައްވާފައި ހުރި ކަންކަން އެ ހާލަތެއް ނޫން އަޅުގަނޑު ހުށަހެޅިއިރު ބިލު ހުށަހެޅިއިރު އޮތީ އިނގޭތޯ. ދެން އަދި އެއް ޙަޤީޤަތުގެ ބިލަކަށް ވަކި ގޮތެއް ނުއެއް ނިމޭ އިނގޭތޯ. ބިލު މިހާރު އޮތީ ކޮމިޓީ މަރުޙަލާ. މާދަމާ ޖުޑީޝިއަރީ ކޮމިޓީގެ މި ބައްދަލުވުން ވެސް އެބަ އޮތް. ދެން ކޮމިޓީތަކަށް އަޅުގަނޑު ކުރިން މި ދެންނެވި ން އެ ހުށަހަޅާ މައްސަލަތަކުގައި ކޮމިޓީގެ މުޤައްރިރާއި އަދި ކޮމިޓީގެ އިދާރީ މޭޒާ ވާހަކަ ދެކެވި މަޝްވަރާ ކުރެވިގެން އެޖެންޑާ ކުރެވިގެން ކުރިއަށް ދާނެ. އެހެންވީމާ
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ސަސްޕެންޑު ކުރުމުން ހުސްނުއްސުއޫދު ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އަދި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ މައްޗަށް ކުރާ ތުހުމަތުތަކާއި ގުޅުވައި ދެ ފަހަރެއްގެ މަތީން ޖުޑިޝަލް ސާވިސް ކޮމިޝަނަށް ވަނީ ހާޒިރުކޮށްފަ އެވެ.
ކޯޓުގައި ހިނގަމުންދާ މައްސަލައަށް ސަރުކާރުން ނުފޫޒު ފޯރުވާފައިވާކަމަށް އެ ތިން ބޭފުޅުން ވެސް ވަނީ ވިދާޅުވެފަ އެވެ.

