1 ޖަނަވަރީ 2007 އިން ފެށިގެން އުފަންވެފައިވާ އަދި މި ތާރީޚުގެ ފަހުން އުފަންވާ ހުރިހާ ކުދިން، ދުންފަތުގެ ބާވަތްތައް ގަތުމާއި، ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް ”ޖެނެރޭޝަނަލް ބޭން“ އެއް ތަންފީޒުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޒީރުންގެ މަޖިލީހުން މިފަދައިން ނިންމެވީ، މިއަދު އޮތް ބައްދަލުވުމުގައި ކުރެވުނު މަޝްވަރާގެ އަލީގަ އެވެ.
ދުންފަތުން ރައްކާތެރިކުރެވިފައިވާ ޖީލެއް ބިނާކުރުމަށް، ”ޖެނެރޭޝަނަލް ބޭން“ ތަޢާރަފުކުރުމާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި ކުރިއަށް ގެންދެވި މަޝްވަރާތަކަށް ފަހު 01 ޖަނަވަރީ 2007 އިން ފެށިގެން އުފަންވެފައިވާ އަދި މި ތާރީޚުގެ ފަހުން އުފަންވާ ހުރިހާ ކުދިން ދުންފަތުގެ ބާވަތްތައް ގަތުމާއި، ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށް ”ޖެނެރޭޝަނަލް ބޭން“ އެއް ތަންފީޒުކުރުމަށް ވަނީ ނިންމަވާފަ އެވެ.
މި ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމަށް ގާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށްޓަކައި، ތަންފީޒީ އިދާރާތަކުން ކުރަންޖެހޭ ކަންކަން ކުރުމަށްވެސް ވަނީ ނިންމަވާފައެވެ.
މިގޮތުން ގާނޫނަށް އިސްލާހު ގެނެސް، ތަސްދީގު ކުރާ ތާރީޚުން ފެށިގެން ޤާނޫނަށް ޢަމަލުކުރަން ފެށުމަށް 6 މަސްދުވަހުގެ މުއްދަތެއް ދެއްވުމަށްފަހު، 1 ނޮވެންބަރު 2025 ގައި މި ޤާނޫނު ތަންފީޒުކުރަން ފެށުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.
ޓޮބޭކޯ ސިޒޭޝަންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއާ މިނިސްޓްރީ އޮފް ހެލްތު ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރިޔަށްގެންދާނެއެވެ.
ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް އެކަށައަޅުއްވާފައިވާ ”ޖެނެރޭޝަނަލް ބޭން“ ކަނޑައަޅުއްވާނޭ ގޮތާމެދު ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް، ރައީސް މުއިއްޒު، އެމަނިކުފާނުގެ ރަސްމީ ”އެކްސް“ އެކައުންޓުން ހުޅުވާލެއްވިއެވެ.
މިއީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަކު ދައުރުގެ ތެރޭގައި، މުހިންމު ނިންމެވުމަކާ ބެހޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް، މީސް މީޑިއާ މަންސައެއްގައި ހުޅުވާލެއްވި މިފަދަ ފުރަތަމަ ޕޯލެވެ. ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ގޮވާލައްވާފައެވެ.

