މަގާމުގެ ނާޖާއިޒް ފައިދާ ނެގިކަމުގެ ކުށުގެ ތުހުމަތުކޮށް އިމިގްރޭޝަން ކޮންޓްރޯލަރުގެ ވަކިކުރި މުހައްމަދު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރު ކޮށްފައި ވަނީ މިމަހު 6 ވަނަ ދުވަހެވެ. ޝަމްއާންގެ ފަރާތުން މި މައްސަލަ އިސްތިއުނާފަށް ހުށަހަޅާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. މި މައްސަލަ ބަލައިގަތުމާއި މެދު ހައިކޯޓުން މިހާތަނަށް ގޮތެއް ނިންމާފައި ނުވެއެވެ.
މިއީ ބަންދުގެ މައްސަލައާއި ގުޅުވައި ޝަމްއާންގެ ފަރާތުން ހުށަހަޅާ ދެވަނަ މައްސަލަ އެވެ.
ޝަމްއާން މަގާމުން ވަކިކޮށް އޭނާ ހައްޔަރުކުރީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު އިމިގްރޭޝަންގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން އެ ފައިސާ އޭނާގެ ގެއަށް ގެންދިޔަ ކަމަށް ތުހުމަތުކުރާ މައްސަލައިގައެވެ.
މި މައްސަލައިގައި ޓާސްކް ފޯސް އަދި ރިސްކު މެނޭޖުމަންޓް ޑިޕާޓްމަންޓުގައި ނުހިމެނޭ ތިން އޮފިސަރަކު ވެސް ތިބީ ބަންދުގަ އެވެ.
ފުލުހުންގެ ތަހުގީގަށް ހާމަވެފައިވާ ގޮތުގައި، އެ ރެއިޑުން ހިފެހެއްޓި ބިދޭސީންގެ ތެރެއިން 530,000 ރުފިޔާއާއެކު ޑިޓެންޝަނަށް ގެންދެވުނު ބިދޭސީއަކު ދޫކޮށްލެވުނީ ޝަމްއާންގެ އެންގުމަށެވެ. އަދި އިމިގްރޭޝަންގެ މުވައްޒަފުން އެ ބިދޭސީއާ މަގުމަތިން ބައްދަލުކޮށް، އެ ފައިސާ ހިފައިގެން ގޮސްފައިވަނީ ޝަމްއާން ދިރިއުޅޭ ގެއަށެވެ.
މީގެއިތުރުން، ފުލުހުން ޝަމްއާންގެ އެޕާޓްމަންޓް ބަލައި ފާސްކުރުމުން ބައި މިލިއަނެއްހާ ރުފިޔާއާއި ޑޮލަރު އަދި އިލެކްޓްރޯނިކް ސާމާނު ވެސް ފެނިފައިވާކަމަށް މައުލޫމާތު ލިބެއެވެ. މި މައްސަލައާ ގުޅިގެން ދެ މީހަކު ފުރުން މަނާކުރުމުގެ އަމުރެއް ވެސް ކޯޓުން ނެރެފައިވާކަން ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ ހާމަކޮށްފައެވެ.

