ގައުމު މި ނޫން މަގަކަށް ގެންދަން އެންމެ ބޮޑު ޒިންމާއެއް އޮތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ގެކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި ކުރާނެ މަސައްކަތެއް ނެތްކަމަށް ވިދާޅުވެ ޒިޔާދު ކަންބޮޑުވުން ފާޅުކުރެއްވިއިރު، މިއަދުގެ އެޖެންޑާގައި އޮތީ މަޖިލީހުގެ ރައީސް މޭޒުން ހުށައަޅާ ކަންތައްތަކާއި، ކޮމިޓީތަކުން ހުށައަޅާ ކަންތައްތަކެވެ.
ޒިޔާދު ވިދާޅުވީ ދައުލަތުގެ ބަންޑާރަ ނައިބަށް މަޖިލީހަށް މަސައްކަތް ނުފޮނުވޭކަމަށެވެ. ޒިޔާދު އިލްތިމާސްކުރެއްވީ މަޖިލީހުން އަމިއްލައަށް ނަމަވެސް ބިލް ހަދައިގެން ހުށައެޅުމަށެވެ. މިކަމަށް ބޭނުންވާ ގާނޫނީ ބާރުވެރިކަން އެބައޮތްކަމަށް ޒިޔާދު ވިދާޅުވިއެވެ.
ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އެމަނިކުފާނުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށްޓަކައި މަޖިލީހަށް ހުށައަޅަން ޖެހޭ 200 އަށްވުރެ ގިނަ ބިލު އެބައޮތްކަމަށް ޒިޔާދު ވަނީ ފާހަގަކޮށްފައެވެ.
އަޅުގަނޑުމެންނަށް އެކަން ކުރަން ކުޑަކޮށް ދަތި، އަޅުގަނޑުމެންނަށް އެ ވައުދުފުޅުތައް ފަހުމު ނުވާތީ.
ޒިޔާދު ވިދާޅުވިއެވެ.
އެ ވައުދުތަކާއި ގުޅޭ މައުލޫމާތު ނޭގޭތީ މި މަސައްކަތް ކުރުމަށް އެމްޑީޕީގެ މެންބަރުންނަށް ދަތިކަމަށާއި ނަމަވެސް ޕީއެންސީގެ މެންބަރުނަށް މި މަސައްކަތް ކުރެވޭނެކަމަށް ޒިޔާދު ވިދާޅުވިއެވެ.
މި މައްސަލައިގައި ރައްޔިތުންގެ ކަންބޮޑުވުންވެސް އެބައޮތްކަމަށް ވިދާޅުވިއެވެ. މި ދައުރުގެ ތެރޭގައި އަދި ބަންޑާރަ ނައިބު ހުށައެޅި މަސައްކަތެއް ކޮށްފައިނުވާކަމަށެވެ. މިނިސްޓްރީތަކަށްވެސް މަސައްކަތްތައްވެސް ނުކުރެވޭކަމަށް ޒިޔާދު ވިދާޅުވިއެވެ. ގައުމު މި ނޫން ހާލަތަކަށް ގެންދެވޭނީ މަޖިލީހުގެ މެންބަރުންގެ ހިތްވަރުންކަމަށް ޒިޔާދު ވިދާޅުވިއެވެ.
އެއާއިއެކު ވެލިދޫ ދާއިރާގެ މެންބަރު އައްބާސް ޝަރީފް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާ ބަހުސް ކުރައްވަމުން ދަނީ ހުށައެޅިފައި އޮތް ރިޕޯޓަށް ނޫންކަން ފާހަގަކޮށްފައެވެ. މި ނިޒާމީ ނުކުތާ ރިޔާސަތުން ވަނީ ބަލައިގެންފައެވެ.
ދެންވެސް ޒިޔާދު ވަނީ ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން އެބައޮތްކަމަށް ފާހަގަކޮށްފައެވެ.

