ކުރީ ސަރުކާރުގައި ކޮރަޕްޝަނާއި ގުޅުން ހުރި ގިނަ ތުހުމަތުތަކެއް ކުރެވި މައްސަލަތައް ބަލަމުން ގެންދާ ފެނަކަ ކޯޕަރޭޝަންގެ ޕޭޓީ ކޭޝް ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާކޮށްދިނުމަށް އެދި ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އޭސީސީން މި މައްސަލަ ޕީޖީއަށް ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ދައުވާއާއި ގުޅުން ހުރި މައުލޫމާތުތައް ހާމަކޮށް އެ ކޮމިޝަނުން ބުނީ، ޕީޖީ އޮފީހަށް ފޮނުވީ ފެނަކައިގެ ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ކުރީގެ ޑެޕިއުޓީ ޑިރެކްޓަރ ހަސީނީވިލާ،/ އައްޑޫ ފޭދޫ އަހުމަދު ސާތިޝް ސައީދާއި، ޕްރޮޖެކްޓު ޑިޕާޓްމަންޓުގެ ސީނިއަރ އިންޖީނިއަރުގެ މަގާމުގައި އޭރު ހުރި ނޮރޮޅުމާގެ/ ތ. ތިމަރަފުށި، މުހައްމަދު އާސިދުގ އިތުރުން ސުޕަވައިޒަރުގެ މަގާމު އަދާކުރަމުން ދިޔަ ފަޅޯމާގެ/ އައްޑޫ ފޭދޫ، ހުސެއިން އާސަރުގެ މައްޗަށް ކަމަށެވެ.
ކޮމިޝަނުން ބުނި ގޮތުގައި ފެނަކައިގެ އައްޑޫ، ހިތަދޫ ސެންޓްރަލް ޕަވާ ސްޓޭޝަން (ސީޕީއެސް) ޕްރޮޖެކްޓުގެ ޕެޓީކޭޝް ފައިސާގެ ގޮތުގައި ކުންފުނިން ދޫކޮށްފައިވާ ފައިސާ ޕެޓީ ކޭޝް ބެލެހެއްޓުމާއި ބެހޭ ގަވައިދާއި ހިލާފަށް އެ ތިން މީހުން ވެސް ވަނީ އަމިއްލަ ބޭނުންތަކަށް ނަގާފަ އެވެ.
މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ހުށަހަޅާފައި ވަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުޤޫބާތުގެ 81 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުށެއް ކުރުމަށް އެދުމުގެ ކުށުގެ ދައުވާއާއި 82 ވަނަ މައްދާގެ (ހ) ގެ ދަށުން ކުށެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއާއި 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިދިނުމުގެ ކުށުގެ ދައުވާގެ އިތުރުން 516 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލައިގައި 623،208 (ހަ ލައްކަ ތޭވީސް ހާސް، ދުއިސައްތަ އަށެއް) ރުފިޔާ އަނބުރާ ހޯދުމަށް އޭސީސީން ވަނީ ފެނަކައަށް އަންގާފަ އެވެ. އަދި މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކުން ފޯޖަރީގެ ައމަލުތަކެއް ހިންގާފައިވާކަމަށް ކޮމިޝަނުގެ ތަހުގީގަށް ފާހަގަ ކުރެވޭތީ، އެކަން ހުގީގުކޮށްދިނުމަށް އެދި ފޮނުވުމަށް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.

