ނުހައްގުން ހޯދާފައިވާ ފައިސާ މެދުވެރިކޮށް އުފައްދާ އެސެޓުތައް ދައުލަތަށް ނެގޭނެ ގޮތެއް، އިންތިޒާމުވުން މުހިންމުކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މި ހަފްތާގައި ކުރި މަޝްވަރާގެ ތެރޭގައި އެސެޓް ރިކަވަރީ ގާނޫނެއްގެ މުހިންމުކަމާއި ގުޅޭގޮތުން ވާހަކަ ދެކެވުނެވެ. އަދި ހިޔާނާތްވެ ނުވަތަ މަގާމެއްގެ ނުފޫޒު ބޭނުންކޮށްގެން ހޯދާ ފައިސާ މެދުވެރިކޮށް މުދާތައް ގަނެ، ކުޑަ އަގެއްގައި އެތަނެއް ވިއްކުމަށް ފަހު އަނެއްކާވެސް އިތުރު އެސެޓު ހޯދުން އާންމުކަމަކަށްވެފައިވާކަމަށް ނާޒިމް ފާހަގަކުރެއްވި އެވެ.
މިފަހުން ހިނގި އެފަދަ ހާދިސާއެއްގެ ގޮތުގައި ނާޒިމް ފާހަގަކުރައްވާފައި ވަނީ، ޕޮލްކޯ މެދުވެރިކޮށް އެއް މިލިއަން ޑޮލަރު ނަގައި، އެ ދިވެހި ފައިސާއަށް ބަދަލު ކުރުމަށް ފަހު 15 މިލިއަން ރުފިޔާ ދީ ހުޅުމާލެއިން ބިމެއް ގަނެފައިވުމެވެ. އަދި އެއަށް ފަހު އޭގެ ދުވަސްތަކެއް ފަހުން 12 މިލިއަން ރުފިޔާއަށް ބިން ވިއްކާލިއިރު ފަށަލަ މިފަދަ ގޮތަކަށް ދާކަން ޔަގީނަށް އެނގޭ އެތައް ކޭސްއެއް އެބަހުރިކަމަށް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ އަސްލު އޮޅުވާލުމަށް މިފަދަ އެތައްކަމެއް ހިންގަމުންދާކަމަށާއި، މައްސަލައަށް ހައްލެއް އޮތީ ރަނގަޅަށް މަޝްވަރާކޮށްގެން ގެންނަ އެސެޓް ރިކަވަރީ ގާނޫނަކާއި އެކުކަމަށެވެ. އަދި އެ މަސައްކަތާއި ގުޅޭގޮތުން ދާދިފަހުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތައްޔާރު ކުރި ކަރުދާހެއް އޮތުމާއި އެކު މަޖިލީހަށް އެ ބިލު ފޮނުވައިދިނުމަށް ބަންޑާރަ ނައިބުގެ އޮފީހުގައި އެދިފައިވާނެކަމަށް ނާޒިމް ވިދާޅުވި އެވެ.
މި މަހުގެ ނިޔަލަށް އެ ބިލު ފޮނުވުމުން ނާޒިމް ވިދާޅުވި ގޮތުގައި މޭއި މަހުގައި މެމްބަރުން މި ދައުރުގެ ޖަލްސާތައް ނިންމައި ޗުއްޓީއަށް ދާނީ ތަޅުމުން ގާނޫނު ފާސްކުރުމަށް ފަހު އެވެ.
މިސާލަކަށް ދަންނަވާ ކަމަށް ވަންޏާ އަޅުގަނޑުމެން އެންމެ ފުރަތަމަ މިހާރު ކުރަންޖެހޭ ކަމަކީ މި ނުޙައްޤު މި ހޯދައި ހުރިހާ ފައިސާއެއް މިހިރީ ހުޅުމާލޭގެ އެޕާޓްމަންޓްތަކާއި ބިންތަކަށް އިންވެސްޓްކޮށްފަ … އަޅުގަނޑުމެންނާ ހަމަ ޕޮލްކޯގެ މައްސަލަތެރެއިން އެނގިފައި އެބައޮތް އިނގޭތޯ ހަމަ ޕޮލްކޯއިން ލާރި ނެގި ގޮތަށް އެއް މިލިއަން ޑޮލަރު.. ފަނަރަ މިލިއަން ރުފިޔާ ދީފައި ހުޅުމާލޭން ބިމެއް ގަތްކަން.. އެ ކުންފުނީގެ ޑިރެކްޓަރުން އިނގޭތޯ.. ދިވެއްސެއް.. ބިމެއް ގަތްކަން ދެން އެ ބިން ފަހުން އެހެން ފަރާތަކަށް ވިއްކާލިކަން ވެސް އެބައޮތް… ވިއްކާލިޔަސް އެއަށްވުރެ ކުޑަ އަގެއްގައި ޓެކްސް ނުދައްކަން ވެގެން.. ފަނަރަ މިލިއަނަށް ގާތް އެއްޗެއް ބާރަ މިލިއަނަށް ވިއްކާލީ.. އެހެންވީމާ މި ދެންނެވި ގޮތަށް އެ ސެޓުތައް ކްރިއޭޓްކޮށްފައި އެސެޓުތައް ފަށަލަކޮށްފައި މި ހުންނަނީ.. އެހެންވީމާ އަޅުގަނޑުމެންނަށް އެކަން އެނގެން މިހާރު އޭގެ އަސްލަށް ވާސިލައެއް އޮތީ އެސެޓު ރިކަވަރީ ގާނޫނު ވުޖޫދަށް ގެނެސްގެން
ފައިސާ ނަހަމަ ގޮތުގައި ބޭނުކޮށްގެން ލިބޭ މުދާ ދައުލަތަށް ނެގޭނެ ރަނގަޅު ނިޒާމެއް ނެތް އިރު، ދައުލަތަށް ގެއްލިފައިވާ ފައިސާއާއި މުދާ ހޯދުމަށް ގާނޫނެއް ވުޖޫދު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.
އެމަނިކުފާނު ވަނީ ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ވިއްކައިގެން ކުޑަ ފައިދާއެއް ހޯދުން ފަދަ ކަންކަން ކޮށްފައިވާ މީހުންގެ އަތުން އެ ފައިސާތައް ރިކަވާރ ކުރެވޭނެ ނިޒާމެއް ގާއުމު ކުރައްވާނެކަމަށް ވިދާޅުވެފަ އެވެ. އަދި ރާއްޖެއިން ބޭރުގައި ރައްކައުކޮށްފައި ހުރި ރައްޔިތުންގެ ފައިސާވެސް ހޯދުމުގައި މިހާރަށްވުރެ ކާމިޔާބު މަސައްކަތްތަކެއް ކުރެވޭނެ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތެއްގެ މަތިން ކަންކަން ހުރި ގޮތް ބަލައިގެން އެސެޓް ރިކަވަރީ ގާނޫނެއް ފަރުމާ ކުރެވިގެން ދާނެކަމަށް ވަނީ ވިދާޅުވެފަ އެވެ.
މި ބިލުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގައި އެފަދަ ގޮތަކަށް ހޯދާފައި ހުރި ފައިސާ ހޯދި، ރާއްޖެއިން ބޭރަށް ގެންގޮސްފައިވާނަމަ އެ ފައިސާ ވެސް ހޯދޭނެކަމުގައި ރައީސް ވިދާޅުވެފައި ވެއެވެ.

