އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން މަންފާ ނަންގަވައި، ލޯންޑާރ ކުރެއްވިކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުމެއް އޭޕްރީލް 28، އަށް ތާވަލުކޮށްފި އެވެ.
މި މައްސަލައިގައި އަޑު އެހުމެއް އެންމެ ފަހުން ތާވަލުކުރީ މިދިޔަ އޯގަސްޓު މަހުއެވެ. އެފަހަރު އެ މައްސަލަ ތާވަލުކުރީވެސް އަހަރަކަށްވުރެ ގިނަ ދުވަސް ފަހުންނެވެ.
ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވި 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓުން ބާތިލުކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގައެވެ. ހައިކޯޓުގެ ހުކުމް އިއްވުމުގެ މަޖިލީހުގައި ފަނޑިޔާރުން އެންމެ ބޮޑަށް ފާހަގަކުރެއްވީ ދަށު ކޯޓުގައި މައްސަލަ ބެއްްލެވި ފަނޑިޔާރު ހައްދަވާފައިވާ ގޯސްތަކެވެ.
ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ވަނީ މަނީ ލޯންޑްރިންގެ ދައުވާ އެމަނިކުފާނުގެ މައްޗަށް އުފުލާފައި ވަނީ ރިޝްވަތުގެ ފައިސާ ލޯންޑާރ ކުރެއްވިކަމުގެ ތުހުމަތާއި ގުޅުވައިކަމަށްވުމާއި އެކު އެ މައްސަލައިގެ ހުކުމް ބާތިލު ކުރުމުން މަނީ ލޯންޑްރިންގެ ކުށުުގެ އުންސުރު ނެތިގެން ދާކަމަށެވެ.
ހުކުމުގައި ވަނީ މައްސަލައިގައި ފަނޑިޔާރު އަމަލު ކުރެއްވި ގޮތުގެ ސަބަބުން، ރައީސް ޔާމީނަށް ދިފާއަށް ލިބެން ޖެހޭ އެތައް ފުރުސަތުތައް ގެއްލި ހައްގުތައް ނިގުޅައިގަނެވިފައިވާކަމަށެވެ. ހުކުމުގައި ވަނީ އެމްއެމްޕީއާރުސީގެ ފައިސާއިން، ފައިސާ ލިބިވަޑައިގެންނެވިކަމަށް މާލީ ބަޔާނުގައި އޮތް އޮތުން އެއީ އެމަނިކުފާނާ ދެކޮޅަށް ބޭނުން ކުރެވޭނެ ހެއްކެއްކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައި ވަނީ ވެސް ގޯސްކޮށްކަމަށް ހުކުމުގައިވެއެވެ.
ބުދަ ދުވަހަށް އަޑުއެހުމެއް ތާވަލުކުރިއިރު ރައީސް ޔާމީންގެ މައްޗަށް ހުށަހެޅިފައިވާ ފުއްގިރި މައްސަލައިގެ އަޑުއެހުމެއް، ގިނަ ދުވަސްތަކަކަށް ފަހު އަންނަ އަންގާރަ ދުވަހު ވެސް އޮންނާނެއެވެ.

