މިސަރުކާރު ވެރިކަމަށް އައިއިރު ފެނާއި ނަރުދަމާގެ 27 ޕްރޮޖެކްޓެއް އޮތީ ހުއްޓިފައިކަމަށް މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވައިރޮމެންޓުން ބުނެފިއެވެ.
ސަންގުޓީވީގެ ”ފުރަމެންދުރު“ ޕްރޮގްރާމްގައި އެންވައިރޮމެންޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ހަސަން ހަލީލް ވިދާޅުވީ ފެނާއި ނަރުދަމާގެ ނިޒާމަކީ ވަރަށް އަސާސީ ހިދުމަތެއް ކަމަށެވެ. އަދި އެ ހިދުމަތް ލިބޭކަން ކަށަވަރު ކުރުމަކީ މިނިސްޓްރީގެ މެންޑޭޓުގެ ތެރެއިން ތަންފީޒުވާ މިންވަރު ބަލައި، ދެނެގަންނަން ޖެހޭ ދާއިރާއެއްކަމުގައި ވިދާޅުވިއެވެ. މިނިސްޓްރީގައި ޒިންމާއަމަކީ މޮނިޓަރިންގ ރޯލެއްކަން ފާހަގަކުރައްވައި ހަލީލް ވިދާޅުވީ އޭގެއިތުރަށް އެސްއޯއީތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭ ކަމަށެވެ.
ހަލީލް ވިދާޅުވީ ޕްރޮޖެކްޓެއް ކުރިއަށްދާނަމަ އެ ޕްރޮޖެކްޓެއް ކުރިއަށްދާ މިންވަރަކާއި، ޕްރޮޖެކްޓެއް ހުއްޓިފައި އޮތް ނަމަ އޭގެ ސަބަބު ބަލައި، އެ ޕްރޮޖެކްޓެއް އަލުން ފެށޭނެގޮތެއް އަބަދުވެސް މިނިސްޓްރީން ބަލާނެ ކަމަށެވެ.
ހަލީލް ވިދާޅުވީ މިނިސްޓްރީގެ މަސައްކަތްތަކާއި ހަވާލުވީއިރުވެސް ނަރުދަމާ އާއި ފެނުގެ ޕްރޮޖެކްޓުތައް ފަށާފައި ހުރިކަމަށެވެ. އެހެންނަމަވެސް އެ ޕްރޮޖެކްޓުތައް އޭރު ހުރީ ހުއްޓިފައި ކަމަށް ހަލީލް ވދާޅުވިއެވެ.
”27 ހެއްހާ ޕްރޮޖެކްޓު ހުރީ ހުއްޓުފަ. އެ ޕްރޮޖެކްޓު އަލުން ފެއްޓުމަށް ކުރި މަސައްކަތުގެ ތެރޭގައިވެސް ފުދޭވަރަކަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން އަޅުގަނޑު ފާހަގަކުރަން. އަޅުގަނޑު މިހެން ދެންނެވިޔަސް ޕްރޮޖެކްޓުތައް ކުރިއަށް ގެންދިއުމުގައި އަންނާނީ އިންފްރާސްޓްރަކްޗަރ މިނިސްޓްރީގެ ދަށުން. އަޅުގަނޑު މެންގެ މެންޑޭޓުގައި މި އޮންނަނީ އެކަންކަން ކަށަވަރު ކުރުން، އެހިދުމަތެއް ކުރިއަށް ދާއިރު“
ހަލީލް ވިދާޅުވީ މިނިސްޓްރީން ދަނީ އިންފްރާސްޓްރަކްޗަރ މިނިސްޓްރީއާއި ދައުލަތުގެ ކުންފުނިތަކާއި ގުޅިގެން ވަރަށް ގާތުން މަސައްކަތް ކުރަމުން ކަމަށެވެ. އެގޮތުން ޓެކްނިކަލް ލެވެލްގައި، ހަފްތާއަކު އެއްފަހަރު ބައެއް އެސްއޯއީ ތަކާއިއެކު ބައްދަލު ކުރައްވާކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ހަލީލް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު އައުމާއިއެކު އެންމެ ފުރަތަމަވެސް ރާއްޖޭގެ ފެނާއި ނަރުދަމާގެ ހާލަތު ބައްލަވާފައިވާނެ ކަމަށެވެ. އަދި އެކަމަށް ބެސްލައިން އެސެސްމެންޓެއްވެސް ހަދާފައިވާކަމަށް ވިދާޅުވިއެވެ.

