ސިފައިންގެ 133 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި ބާއްވަން ނިންމައިފިއެވެ.
މާދަމާ ހަވީރު 16:15 ހާއިރު ބަންޑާރަކޮށިން ފެށުމަށް ހަމަޖެހިފައިވާ މަގުމަތީ ހިނގާލުމުގައި ލަޝްކަރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކައިރިއަށް މަޑުކުރުމުން، އެ ހިނގާލުން ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
އެމްއެންޑީއެފްއިން ބުނެފައި ވަނީ މާލޭގެ ކަނޑައެޅިފައިވާ މަގުތަކުން މި ހިނގާލުން ކުރިއަށްގެންދަން ހަމަޖެހިފައިވާ އިރު، ފަސް ސަރަހައްދެއްގައި ލަޝްކަރު މަޑުކުރާނެ ކަމަށެވެ. އަދި ލަޝްކަރުގެ ކޮންމެ ހުއްޓުމެއްގައި ވެސް އަސްކަރީ ބޭންޑުގެ ރީތި ރާގުތައް ޕާފޯމް ކުރާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން މި ހިނގާލުމުގައި ލަޝްކަރު ހުއްޓޭނެ ސަރަހައްދުތަކަކީ، އަމީރުއަޙްމަދުމަގު، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކުރިމަތި، ސޯސަންމަގު ދިވެހިބަހުގެ އެކެޑަމީ ކުރިމަތި، މަޖީދީމަގާއި ޗާންދަނީމަގު ހަތަރު އަނގޮޅި، އަދި މަޖީދީމަގު މިލިއަން ބުކްޝޮޕް ކުރިމަތި އަދި ބޮޑުތަކުރުފާނުމަގު ކަޅުތުއްކަލާކޮށި ހުޅަނގު އުތުރު ކަންމައްޗެވެ.
މަގުމަތީ ހިނގާލުން ނިންމާލުމަށް ހަމަޖެހިފައި ވަނީ ކަޅުތުއްކަލާކޮށްޓަށެވެ.
މި މަގުމަތީ ހިނގާލުމުގައި ދިވެހި ސިފައިންގެ ލަޝްކަރުގެ އެކިއެކި ދާއިރާތަކާއި ޚިދުމަތްތައް ދައްކުވައިދޭނެ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

