ޖާހު އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުގެ އެކައުންޓުތަކުގައި ހުރި ފައިސާތައް ހިފެހެއްޓުމަށް ސިވިލް ކޯޓުން ރާއްޖޭގެ ބޭންކުތަކަށް އަމުރުކޮށްފިއެވެ.
ސިވިލް ކޯޓުން ކުރި އަމުރުގައި ވަނީ ޖާހުގެ ނަމުގައި އެއްވެސް ބޭންކެއްގައި އެކައުންޓެއް ހުޅުވާފައި ވާނަމަ އެ އެކައުންޓެއްގެ ތަފުސީލުތައް ފޯރުކޮށްދިނުމަށެވެ. އެގޮތުން އެ އެކައުންޓުތަކުގައި ހުރި ފައިސާގެ އަދަދު ބެލުމަށްފަހު، އެކައުންޓުތަކުގައި ފައިސާ ހުރި ނަމަ އެ ފައިސާ ހިފެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ. އަދި އެކަން އަންނަ ހަފްތާގެ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެ ކޯޓަށް އެންގުމަށް ސިވިލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ސިވިލް ކޯޓުން ކޮށްފައިވާ މި އަމުރު ބޭންކް އޮފް ސިލޯން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، ހަބީބް ބޭންކް، މޯލްޑިވްސް އިސްލާމިކް ބޭންކް، ސްޓޭޓް ބޭންކް އޮފް އިންޑިއާ، ދަ މޮރިޝަސް ކޮމާޝަލް ބޭންކް އަދި ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސްގެ މައްޗަށްވެސް ހިނގާނެއެވެ.
ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ހަދަމުން އަންނަ ފްލެޓުތައް ފަހުގެ އެންގުމުގައި ދިން މުއްދަތުގައި ވެސް، ނިންމާފައި ނުވާތީ އެ ކުންފުންޏާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) މެދުވެފައިވާ އެއްބަސްވުން ބާތިލްކޮށް ތަން ހަވާލުކުރަން އެޗްޑީސީން ދާދި ފަހުން ވަނީ އަންގާފައެވެ.
ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުޅުމާލޭގައި 2017 ވަނަ އަހަރު ތަރައްގީކުރަން ފެށި ”ދަ ގާޑަންސް“ ޕްރޮޖެކްޓް ނިންމުމަށްޓަކައި އެކި ފަހަރު މަތިން މުއްދަތު އިތުރުކޮށްދީފައި ވެއެވެ. އެހެން ނަމަވެސް ޕްރޮޖެކްޓު ނިންމާފައި ނުވާތީ، އެޗްޑީސީއާއި ޖާހު އިންވެސްޓްމަންޠު ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލު ކުރުމަށް ނިންމާފައި ވަނީ މިދިޔަ ޖެނުއަރީ މަހު އެވެ.
އެޗްޑީސީން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، އެއްބަސްވުން ބާތިލު ކުރުމުގެ އެންމެ ފަހު މަރުހަލާގެ ދަށުން ދެވޭ ގާނޫނީ ނޯޓިސް ދިނުމަށް، ބޯޑުން ނިންމައި، އެ ނޯޓިސް ދިނީ ޖެނުއަރީ 27 ގައިކަމަށެވެ. އަދި އެ ނޯޓިސްގައި ބަޔާން ކުރާ މުއްދަތުކަމަށްވާ 45 ދުވަހުގެ ތެރޭގައި ޖާހުގެ ފަރާތުން ޕްރޮޖެކްޓްގެ ނުނިމި ހުރި މަސައްކަތްތައް ނުނިންމާ ހާލަތުގައި، އެއްބަސްވުން ބާތިލުކޮށް ޕްރޮޖެކްޓް ޖާހުގެ އަތުން ނަގާނެކަން އެންގިކަމަށް ބުންޏެވެ.
އެޗްޑީސީ ބުނީ އެ ކުންފުންޏަށް ދިން މުއްދަތުގެ ތެރޭގައި، ފޮނުވާފައިވާ ގާނޫނީ ނޯޓިސްގައި ބަޔާންކުރެވުނު މުއްދަތުގައި ޕްރޮޖެކްޓުގެ މަސައްކަތް ނިންމާފައި ނުވާކަމަށެވެ. އެހެންވެ އެ މައްސަލައިގައި، އެ ކުންފުންޏާއި އެޗްޑީސީ ދެމެދުވެފައިވާ އެއްބަސްވުން ބާތިލްކޮށް، ތަން ހަވާލުކުރުމަށް މާޗު 16 ގައި އަންގާފައިވާކަމަށް މައުލޫމާތު ދިނެވެ.
މީގެއިތުރުން އެޗްޑީސީން ބުނެފައި ވަނީ އެއްބަސްވުން ބާތިލު ކުރުމަށް ފަހު ޕްރޮޖެކްޓުގެ މަސައްކަތް ނިންމުމުގެ ކަންކަން ރޭވިފައިވާ ގޮތުގެ މައުލޫމާތު ޕްރޮޖެކްޓުން އެޕާޓްމަންޓް ބައްލަވައިގަނެފައިވާ ފަރާތްތަކާއި ހިއްސާކުރާނެ ކަމަށެވެ.
މި އެޅި ފިޔަވަޅު އެޅި ސަބަބެއްކަމަށް އެޗްޑީސީ ބުނެފައި ވަނީ ޖާހު އިންވެސްޓްމަންޓުން އެޕާޓްމަންޓު ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް، ވީ އެންމެ އަވަސް މުއްދަތެއްގައި، އެޕާޓްމަންޓްތައް ހަވާލުކުރެވޭނެ މަގުފަހިކުރުމުގެ ބޭނުމުގައެވެ.
އެޗްޑީސީން މި ފިޔަވަޅު އަޅާފައިވަނީ، އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް ވީ އެންމެ އަވަސް މުއްދަތެއްގައި އެޕާޓްމަންޓްތައް ޙަވާލުކުރެވޭނެ މަގު ތަނަވަސްކުރުމުގެ ބޭނުމުގައި ކަމަށް ބަޔާންކޮށްފައިވެއެވެ. މި ޕްރޮޖެކްޓް ޖާހު އިންވެސްޓްމަންޓާ ޙަވާލުކުރެވުނީ 2017 ވަނަ އަހަރުއެވެ. އޭރު ދެ އަހަރުގެ މުއްދަތެއްގައި ނިންމުމަށް ހަވާލުކުރެވުނު ނަމަވެސް، މިހާރު ވަނީ 7 އަހަރު ފާއިތުވެފައެވެ.
މި މައްސަލައިގައި ހިމެނޭ ފަރާތްތައް ތަމްސީލުކުރާ ޤާނޫނީ ވަކީލުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި، އެޗްޑީސީން ރިއަލް އެސްޓޭޓް ކުންފުނިތަކާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގައި ވެފައިވާ އިހުމާލުތަކުގެ ސަބަބުން ގިނަ ބަޔަކަށް ގެއްލުން ލިބެމުންދާކަން ފާހަގަކޮށްފައިވެއެވެ. އަދި ފްލެޓްތައް ވިއްކުމަށް ބޮޑެތި އަދަދުތަކުން ފައިސާ ނަގާފައިވާއިރު، އާންމުންނަށް ގެއްލުން ނުވާނެ ގޮތަށް މަޝްރޫޢު ކުރިއަށްދޭތޯ ބެލުމަކީ އެޗްޑީސީގެ ޒިންމާއެއް ކަމަށް ވެސް އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު، އެޗްޑީސީން ވަނީ އެ ފްލެޓުތަކުގެ 10 ވަނަ ފަންގިފިލާއިން ތިރީގެ ހުރިހާ ފަންގިފިލާތަކުގެ ފިނިޝިންގ މަސައްކަތް ފަށާފައިވާ ކަމަށް މަޢުލޫމާތު ދީފައެވެ. މީގެ ތެރޭގައި ޕްލާސްޓަރިންގ، ޕުޓީގެ މަސައްކަތް، މުށި އަދި ސީލިންގުގެ މަސައްކަތްތައް ހިމެނެއެވެ. އަދި އެ އިމާރާތުގައި ނުނިމި ހުރި ހުރިހާ މަސައްކަތްތަކެއް ވެސް 6 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެޗްޑީސީން އޭރު ބުނެފައިވެއެވެ.
އޭރު ހަދަމުންދިޔަ 83 އެޕާޓްމަންޓްގެ ފްލެޓްތައް 30 ދުވަހުގެ ތެރޭގައި ނިންމައި، އޭރުގެ އާބަން ކޯއަށް ބިމުގެ އަގު ދެއްކުމަށް 30 ދުވަހުގެ ނޯޓިސްއެއް ވެސް ދީފައިވެއެވެ. ނަމަވެސް، މުއްދަތު ހަމަވިއިރު ފައިސާ ދައްކާފައިނުވާކަން ވަނީ ފާހަގަކުރެވިފައެވެ.

