ސިއްހީ ދާއިރާގެ މަސައްކަތްތެރިން ލައްވައި ރަސްމީ ގަޑީގެ އިތުރުން ކުރުވާ މަސައްކަތްތަކަށް ފައިސާ ދިނުމުގައި ދައުލަތުގެ ޕޭ ފްރޭމްވޯކުގައި މިހާރު ކަނޑައަޅާފައިވާ ކެޕް އުވާލައި އިތުރު ގަޑީގެ ފައިސާ ހަމައަށް ދިނުމަށް ސިއްހީ ހިދުމަތްތެރިންގެ ޖަމިއްޔާ، މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ގޮވާލައިފިއެވެ.
އެމްއެޗްޕީޔޫ އިން މިގޮތަށް ގޮވާލީ ހެލްތު މިނިސްޓްރީ އާއި މާލޭ ސިޓީ ގްރޫޕްސް އޮފް ހޮސްޕިޓަލްެސްގައި މަސައްކަތްކުރާ ހިދުމަތްތެރިން ލައްވައި އިތުރު ގަޑީގައި މަސައްކަތް ކުރުވައި، އިތުރު ގަޑީގެ ފައިސާ ހަމައަށް ނުދޭ މައްސަލާގައި އަނެއްކާ ވެސް ކަންބޮޑުވުން ފާޅުކޮށް ނެރުނު ނޫސް ބަޔާނެއްގައެވެ.
އެ ޖަމިއްޔާއިން މިއަދު ގޮވާލީ:
-
ރަސްމީ ދުވަސްތަކުގެ އިތުރުން ބަންދު ކަމަށް ސަރުކާރުން ކަނޑައަޅާ ދުސްވަތަކުގައި ވެސް މަސައްކަތްކުރުވާ ނަމަ ވަަޒީފާއާ ބެހޭ ގާނޫނު ބުނާ ގޮތުގެ މަތިން އިތުރު ގަޑި އަދި ބަންދު ދުވަސްތަކުގެ އެލަވަންސް ދިނުމަށް
-
ސިއްހީ ދާއިރާގެ މުވައްޒަފުން ލައްވައި މަޖުބޫރުން މަސައްކަތް ކުރުވުން ހުއްޓާލުމަށް
-
އިތުރު ގަޑީގެ ފައިސާ ދިނުމުގައި ދައުލަތުގެ ޕޭ ފްރޭމްވޯކުގައި މިހާރު ކަނޑައަޅާފައިވާ 10 އިންސައްތައިގެ ކެޕް އުވާލުމަށް
-
ރަސްމީ މަސައްކަތު ގަޑީގެ އިތުރުން މަސައްކަތް ކުރުވާ ނަމަ އިތުރު ގަޑީގައި މަސައްކަތް ކުރުވައި ހުރިހާ ވަގުތަކަށް އިތުރު ގަޑީގެ ފައިސާ ދޭން ވީހާވެސް އަވަހަކަށް ފެށުމަށް
-
1 މެއި 2023 ފެށިގެން މިދިޔަ މުއްދަތުގައި އިތުރު ގަޑީގެ ފައިސާ ނުދީ ސިއްހީ މަސައްކަތްތެރިން ލައްވައި ކުރުވާފައިވާ މަސައްކަތަށް ދޭންޖެހޭ ފައިސާ ހަމަޔަށް ދިނުމަށް
އެ ޖަމިއްޔާއިން ބުނީ އިތުރު ގަޑީގެ ފައިސާ ނުދޭ މައްސަލާގައި މިދިޔަ މާޗު 20ގައި އެ ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކުރުމުން ސަރުކާރުން ވަނީ ދައުލަތުގެ ޕޭ ޕްރޭމް ވޯކްގެ މިންގަނޑުތަކަށް ގެނައި އިސްލާހު އާންމުކޮށް އަމަލުކުރަން ފަށާފައި ކަމަށެވެ. އެކަމަކު ކަމާބެހޭ އިދާރާތަކުން އެ އިސްލާހު މާނަކުރަމުންދާ ގޮތުން ރަސްމީ ގަޑީގެ ބޭރުން ސިއްހީ ހިދުމަތްތެރިން ލައްވާ ކުރުވާ މަސައްކަތަށް ހަމަ ހުޖޫރަ ނުލިބުމުގެ މައްސަލައަށް ފުރިހަމަ ހައްލެއް ލިބިފައި ނުވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

