އަމާޒަކީ ކޮންމެ ޒުވާނަކީ ވެސް އުނގެނި، މަސައްކަތުގެ ހުނަރު ދަސްކުރާ މީހަކަށްވުންކަމަށް ޔޫތް މިނިސްޓަރ އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވީ މިނިސްޓްރީން ހިންގާ ”ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމް“ ގެ ދަށުން ގްރެޖުއޭޓުވި މެރިއޮޓް އިންޓަނޭޝަނަލްގެ ދެވަނަ ބެޗުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމަކީ މަސައްކަތުގެ މާހައުލުގައި ތިބެގެން އެ މަސައްކަތުގެ ތަޖުތިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލައިގެން ކުރިއަށްގެންދާ ޕްރޮގުރާމެކެވެ. އަދި ޕްރޮގްރާމް ހިންގަނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ނެޝަނަލް ސްޓޭންޑަޑްތަކާ އެއްގޮތަށެވެ.
ޕްރޮގްރާމްގެ ދަށުން ތަމްރީނުތައް ކުރިޔަށް ދާނީ މައިގަނޑު 6 ދާއިރާއަކަށް ހާއްސަ ކުރެވިގެންނެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާ، ދަތުރުފަތުރުގެ ދާއިރާ، އިމާރާތްކުރުމުގެ ދާއިރާ، އިޖްތިމާއީ ދާއިރާ، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ، އަދި އިންފޮމޭޝަން، ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ ދާއިރާ ހިމެނެއެވެ.
މިދިޔަ ޖޫން މަހު ފެށި ޕްރޮގްރާމު ނިންމި ދަރިވަރުންގެ ދަސްވެނިވުން މިއަދު ކުރިޔަށް ގެންދިޔައި، ސެޓްފިކެޓް ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އަސްވާޑު ވަނީ ހުރިހާ ދަރިވަރުންނަށް ވެސް މަރުހަބާ ކިޔާފަ އެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ ވަނީ މެރިއޮޓް އިންޓަނޭޝަނަލްއާއި ގުޅިގެން ހިންގާ މި ޕްރޮގްރާމް އިތުރަށް ފުޅާކޮށް ހިންގުމުގައި ސަރުކާރާއި މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
މިނިސްޓަރ ވިދާޅުވި ގޮތުގައި މި ޕްރޮހްރާމްގެ ސަބަބުން ދިވެހި އެތަކެއް ޒުވާނުންނަށް ކުރިޔަށް ދިއުމަށް ބޭނުންވާ ހުނަރާއި، ތަޖުރިބާއާއި އަމިއްލަ ނަފުސަށް އިތުބާރު ލިބިގެންދެ އެވެ. އެގޮތުން މިދިޔަ 10 މަސް ދުވަހުގެ ތެރޭގައި ޕްރޮގްރާމުގައި ބައިވެރިވި ޒުވާނުން ވަނީ އޮފީސް މެނޭޖްމަންޓުން ފެށިގެން ކަލިނަރީ އާޓްސްގެ ދާއިރާތަކުގެ ތެރެއިން ތަޖުރިބާ ހޯދައި ރިސޯޓުގެ ދާއިރާގެ މުހިންމު ބަޔަކަށްވެފަ އެވެ.
32 ދަރިވަރަކު ދަސްވެނިވިއިރު މިނިސްޓަރ ވަނީ މިއީ ގައުމުގެ މުސްތަގުބަލުގެ ގޮތުގައި ވެސް ފާހަގަކުރައްވާފަ އެވެ. އެއާއި އެކު އެ ދަރިވަރުންގެ މައިންބަފައިންނާއި އާއިލާތަކަކީ ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ގޮސް ދިވެހި ކުދިންގެ ޝާމިލުވުން އިތުރުކުރުމުގައި އެންމެ ބޮޑު އެހީތެރިންކަމަށް ވެސް ވިދާޅުވި އެވެ. މިނިސްޓަރ ވަނީ ހުރިހާ ދަރިވަރުން ވެސް އެ ދަރިވަރުންގެ ހުނަރުތައް ދެނެގަނެ، ގައުމަށް ބޭނުންތެރި ބަދަލުތަކެއް ގެންނަ ބަޔަކަށްވުމަށް ހިތްވަރު ދެއްވާފަ އެވެ.
މީގެއިތުރުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ ޒުވާނުންކަމަށާއި، ޒުވާނުން ބާރުވެރި ކުރުވައި ކުރިޔަށް ދެވޭނެ ގޮތް މަގުފަހިކޮށްދިނުމަށް މަސައްކަތް ކުރަން ޖެހޭކަމަށެވެ. އަދި މިފަދަ ޕްރޮގްރާމްތައް މެދުވެރިކޮށް ދެމެހެއްޓެނިވި މަސައްކަތްތަކުން ނަތީޖާ ނެރެވޭނެކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
މިނިސްޓަރ ވިދާޅުވީ އަމާޒަކީ ކޮންމެ ޒުވާނަކީ ވެސް އުނގެނި، މަސައްކަތުގެ ހުނަރު ދަސްކުރާ މީހަކަށް ވާން ބޭނުންވާކަމަށެވެ. މިފަދަ ޕްރޮގްރާމްތައް ރާއްޖޭގެ އެކު ރަށްތަކަށް ފުޅާކޮށް، ޒުވާނުންނާއި ހަމައަށް ވާސިލުވެ ބައިވެރިވުން އިތުރު ކުރުމަކީ ވެސް އެންމެ ބޮޑު އަމާޒުކަމުގައި މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.

