ދިވެހި މުޖުތަމައުގައި ހުރި އެކި ކަހަލަ ނޭދެވޭ އިޖުތިމާއީ ބަލިތަކުން މުޖުތަމަޢު ސަލާމަތް ކުރުމަކީ ކޮންމެ ދާއިރާއަކުން ކަމުގައި ވީ ނަމަވެސް އިލްމު ލިބިފައިވާ މީހުންގެ ޒިންމާއެއް ކަމަށާއި ރިވެތި އަޚުލާޤުން ޖަރީވެފައިވާ މުޖުތަމަޢަކަށް ހެދުމަށް އެންމެން އެކުގައި މަސައްކަތްކޮށްފިނަމަ، މި ކުޑަކުޑަ ދިވެހި މުޖުތަމަޢު އިޞްލާޙުކުރެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 2025 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ރައީސް ވަނީ ޤައުމުގެ ކަންކަން ހެޔޮ މަގުން ކުރިއަށް ގެންދިއުމުގެ ވިސްނުން ނެތީވިއްޔާ، ޤައުމުގެ ކަންކަން އިޞްލާޙުވެގެންދާނީ ކޮންފަދައަކުންތޯ ސުވާލު އުފައްދަވައިފައެވެ. ސައްތަ އިންސައްތަ އިސްލާމީ ޤައުމެއްގައި، އިސްލާމީ ރިވެތި އަޚުލާޤު އަށަގެންނެވުމަށް މަސައްކަތްކުރުމަކީ ޢިލްމު އުނގެނިގެން ތިބި ބައެއްގެ މައްޗަށް އޮތް ޒިންމާއެއް ކަމަށާއި، މިއީ އެކަމަކާ މެދު ސުވާލުވެވޭނެ ކަމެއް ކަމުގައިވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ޤައުމަށް ދިމާވެފައިވާ މައްސަލަތައް، ޙައްލުކުރުމުގެ ޚިޔާލާއި ފިކުރު ނެތް ކަމުގައި ވަނީ ނަމަ، ޤައުމުގެ ކަންކަން އިޞްލާޙުނުވާނެ ކަމަށާއި، މައިންބަފައިންގެ ޢަޒުމަކަށް ވާންވީ ދަރީންނަށް ލިބުނު ކާމިޔާބީއާއެކު އެ މަގު ދައްކައިދިނުން ކަމަށާއި، ތަޢުލީމީ މުއައްސަސާގެ ޒިންމާއަކަށް ވާން ވާނީ މި ރޮނގުން އިތުރު ކުރިއެރުންތައް ހޯދުމަށް މަސައްކަތްކުރުން ކަމުގައިވެސް ރައީސް ވިދާޅުވިއެވެ. ރިވެތި އަޚުލާޤުން ޖަރީވެފައިވާ މުޖުތަމަޢެއް ބިނާކުރުމަށް މަސައްކަތްތަކެއް ކޮށްފިކަމުގައިވާނަމަ، ދިވެހި މުޖުތަމަޢު އިޞްލާޙު ކުރެވޭނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. މި އުސޫލުން ކަންކަން ބައްޓަންކުރަން މަސައްކަތްކުރުމަށް ލޯމަރާލެވެން ނެތް ކަމަށާއި، މި ފިކުރު އަށަގެންނެވިގެން ނޫނީ، މުޖުތަމަޢުގައި ހުރި މުންކަރާތްތަކަށް ނޫނެކޭ ބުނެވެން ނޯންނާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
”ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ވަރުގަދަ ކުރެއްވުމަށްޓަކައި، މާތް ﷲގެ އިރާދަފުޅާއެކު، އެ މަނިކުފާނުގެ ސަރުކާރުން ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. ޖާގައާއި ވަޞީލަތުގެ ގޮތުން ޔުނިވަރސިޓީއަށް ބޭނުންވާ ކުރިއެރުންތައް ހޯއްދަވައިދެއްވާނަން“
ރޭގެ ދަސްވެނިވުމުގެ ރަސްމިއްޔާތަކީ ދިވެހިރާއްޖޭގައި މަތީ ތަޢުލީމު ފެތުރުމުގެ ތާރީޚުގައިވެސް ފާހަގަކުރެވިގެންދާ ރަސްމިއްޔާތެކެވެ. އެގޮތުން، ދިވެހިރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދޭ މުޢައްސަސާއަކުން އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ބޭފުޅަކަށް ފުރަތަމަ ފަހަރަށް އަރުވާފައި ވަނީ ރޭގެ ރަސްމިއްޔާތުގައެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އަރުވާފައި ވަނީ، ދިވެހިރާއްޖޭގައި ޢަރަބި އިސްލާމީ ތަޢުލީމު ފެތުރެއްވުމުގައި ބައި ޤަރުނަށްވުރެ ގިނަ ދުވަސްވަންދެން ޚިދުމަތްކުރައްވާފައިވާ ފަޟީލަތުއްޝައިޚް އިސްމާޢީލު މުޙައްމަދަށެވެ. ފަޟީލަތުއްޝައިޚް އިސްމާޢީލު މުޙައްމަދަށް މި ޝަރަފު ޙަވާލުކޮށްދެއްވީ ރައީސް ޑރ. މުއިއްޒުއެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ސަނަދު ޙާޞިލުކުރި ބައެއް ދަސްވެނީންނާއި، މަތީ ވަނަތައް ޙާޞިލުކުރި ދަސްވެނީންނަށްވެސް ރައީސް ވަނީ ހަނދާނީ ލިޔުމާއި އިނާމު ހަވާލުކޮށްދެއްވާފައެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން މި އަހަރު 900 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ދަސްވެނިވެފައެވެ.

