ރާއްޖެއަށް މަސްޖިދުލް ނަބަވިގެ އިމާމަކު ވަޑައިގަތުމަކީ ދެ ގައުމުގެ ދެމެދު އޮތް ވަރުގަދަ ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ޝަހީމް ވިދާޅުވީ، ދިވެހިރާއްޖޭގެ އިސްމާލީ ޝަހުސިއްޔަތު ވަރުގަދަކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި އިސްލާމީ އުންމަތުގެ އިސް ޝަހުސިއްތުތަކަށް ރާއްޖެއަށް އައުމަށް ދައުވަތު ދެއްވުން ހިމެނޭކަމަށެވެ. އަދި އެފަދަ ބޭފުޅުން ރާއްޖެއަށް ވަޑައިގަތުމުގެ މަސައްކަތްތައް ފެށިފައިވާކަމަށް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ، އެ މަސައްކަތްތަކުގެ ތެރެއިން މަސްޖިދުއް ނަބަވީގެ އިމާމު ރާއްޖެއަށް ވަޑައިގަތުމުގެ ކަންކަން ހަމަޖެހިފައިވާކަމަށާއި ދެ ހަރަމްފުޅުގެ އިމާމަކަށް ދަތުރު ކުރެއްވޭނީ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްގެ ހާއްސަ ހުއްދައެއް ލިބިވަޑައިގެންކަމަށެވެ. އަދި އެ ނޫން ހާލަތެއްގައި ބޭރު ގައުމަކަށް ދަތުރު ނުކުރެވޭ އިރު ރާއްޖެއަށް ދަތުރުކުރެއްވުމަށް މަސްޖިދުން ނަބަވިގެ އިމާމަށް ހުއްދަ ދެއްވާފައިވާކަން ހާމަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ، މީގެ ކުރިން ރާއްޖެއަށް ހަރަމްފުޅުގެ އިމާމަކު ވަޑައިގެންފައި ވަނީ 40 ވަރަކަށް އަހަރުކުރިން އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށްކަމަށެވެ. އަދި އެއަށްފަހު ހަރަމްފުޅުގެ އިމާމަކު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންފައިނުވާކަމަށާއި ރަސްމީ ދަތުރެއް ކުރައްވަނީ ދެ ގައުމުގެ ދެމެދު އޮންނަ ރަސްމީ ގުޅުންތަކުގެ މަތިންކަން ފާހަގަކުރެއްވި އެވެ. މިނިސްޓަރ ވިދާޅުވީ، މިކަމުގެ ސަބަބުން ދެ ގައުމުގެ ދެމެދު އޮތް ވަރުގަދަ ގުޅުން ރަމްޒުކޮށްދޭކަމަށާއި އިމާމަކު ވަޑައިގަތުމަކީ ރާއްޖެއަށް ލިބިގެންދާ ވަރަށް ބޮޑު ޝަރަފެއްކަމަށެވެ.
އެހެންކަމުން މިކަން މިންވަރު ކުރެއްވީތީ މާތްﷲ އަށް ހަމްދުކޮށް ޝުކުރުކުރައްވާކަމަށް ފާހަގަކުރެއްވިއެވެ. ޝަހީމް ވިދާޅުވީ 40 ވަރަކަށް އަހަރު ފަހުން ރާއްޖެއަށް ވަޑައިގަންނަވަނީ މަސްޖިދުލް ނަބަވިގެ އިމާމް ފަޟީލަތުއް ޝައިހުލް ޑރ. ސަލާހު އަލް ބުދައިރް ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، އެމަނިކުފާނުގެ މި ދަތުރުފުޅުގެ ސަބަބުން ރާއްޖޭގެ އިސްލާމީ ކަންތައްތަކަށް ކުރިއެރުން އަންނާނެކަމަށެވެ. އަދި ސައުދީ އަރަބިއްޔާގެ އިސްލާމީ ކަންތައްތަކާއި ބެހޭ އިދާރާއާއި ދެ ހަރަމްފުޅާ ރާއްޖެއާއި ދެމެދު އޮތް ގުޅުން ވަރުގަދަވެގެންދާނެކަމަށެވެ. ޝަހީމް ވިދާޅުވީ، އެމަނިކުފާނަކީ ދެ ހަރަމްފުޅުގައިވެސް އިމާމްވެ ވަޑައިގަންނަވާ ބޭފުޅެއްކަމަށެވެ. އެހެންކަމުން އެފަދަ މުހިންމު ޝަހުސިއްޔަތެއް ރާއްޖެއަށް ވަޑައިގަތުމަކީ އުފާކުރަންޖެހޭ ކަމެއް ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، އިމާމް ސަލާހު އަލް ބުދައިރް ރާއްޖޭގައި ފަސް ވަރަކަށް ދުވަސް ހޭދަކުރައްވާނެކަމަށެވެ. އަދި މި ފަސް ދުވަހުގެ ތެރޭގައި އެކި ރަސްމީ ބައްދަލުވުންތައް ކުރިއަށް ގެންދަވާނެއިރު ސަލްމާން މިސްކިތުގައި އިމާމުވެ ނަމާދުކުރައްވާނެކަންވެސް ފާހަގަކުރެއްވިއެވެ.

