އިންތިހާބީ މަސައްކަތްތަކަށް އިސްލާހުގެނައުމަކީ، ވޯޓަރުންގެ އަޑު ކަނޑުވާލުމަށް ބޭނުންކުރެވޭ ހުއްޖަތަކަށްވެގެންނުވާނެކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ހަރަދު ކުޑަކުރުމުގެ ސިޔާސަތުތަކުގެ ތެރެއިން ގެނައުމަށް ގަސްދު ކުރައްވާ ބައެއް ބަދަލުތަކުގެ ތެރޭގައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުމާއި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށް ހުށަހެޅުއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މި ބަދަލު ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައި، ގާނޫނުއަސާސީއަށް އެ އިސްލާހު ގެނެސްގެންނެވެ.
މިދިޔަ އަހަރު އޮތް ޖަލްސާއެއްގައި އެ ވިސްނުން ހާމަކުރެއްވި ފަހުން، ރައީސް މުއިއްޒު އެ މައުޟޫއުއަށް ވާހަކަ ދައްކަވާފައި ނުވެއެވެ. އަދި މިފަހުން އަނެއްކާވެސް ދެވަނަ ބުރު އުވާލާ ގޮތަށް ވާހަކަ ދެކެވެން ފެށީ، އެ އިސްލާހު ގެނައުމަށް ރައީސް މުއިއްޒު ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ މެމްބަރުންގެ އަރިހުގައި ތާއީދަށް އެދިވަޑައިގަތުމުންނެވެ.
ހިޔާލުތައް ދެކެފިވެފައިވާ މި މައްސަލައިގައި ފައްޔާޒު ވިދާޅުވީ، ދިވެހިރާއްޖެ ފަދަ ކުޑަ ގައުމެއްގައި ވޯޓު ގުނުމުގެ މަސައްކަތް ވޯޓުލާ ދުވަހު ނިމިގެންދާއިރު، ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބުވާންވާނީ ރައްޔިތުންގެ ސާފު އަޣުލަބިއްޔަތުން ނިންމާ ގޮތުގެ މައްޗަށް ކަމަށެވެ.
އިންތިޚާބީ ނިޒާމަށް ގެންނަން ހުށަހަޅާ ބަދަލުތަކަކީ ވޯޓުލާ މީހުންގެ ހައްގުތައް ހަނިކުރެވޭ ބަދަލުތަކަކަށް ވެގެން ނުވާނެ. ރާއްޖެ ފަދަ ކުޑަ ގައުމެއްގައި، މަދު ގަޑިއިރުތަކެއް ތެރޭ ވޯޓު ގުނައި ނަތީޖާ އިއުލާނު ކުރެވޭއިރު، އިންތިހާބީ ރައީސަކު ހުވާ ކުރައްވަން ޖެހިވަަޑައިގަންނަވާނީ ވޯޓުލާ އާބާދީގެ އަޣުލަބިއްޔަތު ލިބި، ސާފު މެންޑޭޓަކާއެކު. ކޮރަޕްޝަނަށް އެތައް މިލިއަން ރުފިޔާއެއް ގެއްލި، ބޭކާރު ސިޔާސީ ހަރަދުތައް އާދަޔާ ހިލާފަށް އިތުރުވެފައިވާއިރު، ”ހަރަދު ކުޑަކުރުން“ ނަމުގައި ގެންނަން ހުށަހެޅި މި ބަދަލުގެ ފަހަތުގައި އެއްވެސް އިހުލާސްތެރިކަމެއް ނެތް.
އިތުރަށް ފައްޔާޒު ވިދާޅުވި ގޮތުގައި، ސިޔާސީ ދާއިރާގައި މާލީ އިސްރާފު މަތީ މިންވަރެއްގައި ހުރިއިރު، މި ސަރުކާރުން ވޯޓުލުމުގެ ނިޒާމަށް މިފަދަ ބަދަލެއް ގެނައުމަކީ އިހުލާސްތެރިކަމުން އެއްކިބާވެފައިވާ ކަމެކެވެ.
ފައްޔާޒް ވިދާޅުވީ ރިޔާސީ އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމުން، މަޖިލީހުން ސަރުކާރަށް ފާރަވެރިވެ ޖަވާބުދާރީ ކުރުވުމަށް ހުރަސްއެޅޭނެ ކަމަށެވެ. އެހެން ނަމަވެސް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށް ބޭއްވުމުގައި ފައިދާތަކެއް އެބަހުރިކަމަށް ފައްޔާޒް ވިދާޅުވި އެވެ.
ސަރުކާރާއި ކައުންސިލްތަކުގެ ވިސްނުން އެއް މަގަކަށް އެޅިގެން ދިޔުމަކީ ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި ހަރުދަނާކަން އިތުރުވެގެންދާނެ ކަމެއްކަމުގައި ފައްޔާޒު ވިދާޅުވެފައިވެއެވެ.

