2025 ވަނަ އަހަރުގެ ގައުމީ އިނާމުގައި އާ ކެޓެގަރީއެއް ހިމެނޭނެކަމަށް ގައުމީ އިނާމާއި ބެހޭ ކޮމިޓީން އިއުލާންކޮށްފިއެވެ.
މިއަދު ރައީސް އޮފީހުން ނެރުނު އިއުލާނުގައި ބުނެފައިވަނީ، ގައުމީ އިނާމާއި ބެހޭ ކޮމިޓީން މި އަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގައި އަލަށް ތައާރަފު ކުރި ކެޓެގެރީއަކީ، ޕޭސްޓްރީ އެންޑް ބޭކިންގ ކަމަށެވެ. އެގޮތުން، އެ ކޮމިޓީން މި ދާއިރާގެ ތެރޭގައި ކޭކު ހެދުމާއި، ކޭކު ޒީނަތްތެރިކުރުމުގެ ފަންނުވެރިކަމާއި އެ ދާއިރާއިން ލިބިފައިވާ ކުރިއެރުންތަކުގެ އިތުރުން ޕޭސްޓްރީއާއި ތަފާތު އެކި އުފެއްދުމަށް ބަލާނެކަމަށް ވެއެވެ.
މީގެއިތުރުން، ގައުމީ އިނާމާއި ބެހޭ ކޮމިޓީން މިއަހަރު ދޭ އިނާމުތަކުގެ ތެރޭގައި، ނޭޝަނަލް އެވޯޑް އޮފް އޮނާ އަދި ނޭޝަނަލް އެވޯޑް އޮފް ރެކޮގްނިޝަން ހިމެނެއެވެ. އެގޮތުން، ނޭޝަނަލް އެވޯޑް އޮފް އޮނާ ލިބިގެންދާ ފަރާތްތައް ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން އައްޑަނައެއް ލިބެގެންދާނެކަމަށް އެ ކޮމިޓީން ވަނީ ބުނެފައެވެ.
ނޭޝަންލް އެވޯޑް އޮފް ރެކޮގްނިޝަނަން ބަލާއިރު، އެ އެވޯޑް ލިބޭ ފަރާތަކަށް ހަނދާނީ ލިޔުމަކާއި ސެޓްފިކެޓެއް ލިބިގެންދާނެ އެވެ.
ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފައިވާއިރު، ގައުމީ އިނާމަށް އެދޭ ފޯމާއި އެކަމަށް ބޭނުންވާ ބާރުދޭ ޑޮކިއުމެންޓްތައް އޮންލައިން ޕޯޓަލް މެދުވެރިކޮށް ނުވަތަ އަމިއްލަ ފަރާތްތަކުން ރައީސް އޮފީހަށް ޒިޔާރަތްކޮށްވެސްް ހުށަހެޅޭނެ އެވެ. އެގޮތުން، އޮންލައިންކޮށް އެޕްލިކޭޝަން ހުށަހަޅަން ބޭނުންފުޅުވާނަމަ، https://apply.presidency.gov.mv މެދުވެރިކޮށް އެޕްލައިކުރެވޭނެއެވެ. ނުވަތަ، ރައީސް އޮފީހަށް ޒިޔާރަތްކޮށް، ނަން ހުށަހަޅާނަމަ، ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއި ބާރުދޭ ލިޔެކިޔުންތައް ރައީސް އޮފީހުގެ ރިސެޕްޝަން ޑެސްކަށް ހަވާލުކޮށްލެވޭނެކަމަށްވެސް ރައީސް އޮފީހުން ބުނިއެވެ.

