ދިވެހިރާއްޖޭގެ ސަރަހައްދު ބެެލެހެއްޓުމުގައި ސިފައިންގެ އަމިއްލަ ބާރު ހުރި ބައެއްގެ ގޮތުގައި މި ދައުރުތެރޭގައި ވެގެންދާނެކަމަށާއި ރާއްޖޭގެ ސަރަހައްދު ބެެލެހެއްޓުމަށް ބޭރަށް ބަރޯސާވުން ބަދަލުކުރެވިގެން ދާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވެއްޖެއެވެ.
ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ހިލްމީ ވިދާޅުވީ ސިފައިންގެ އަހަރީ ދުވަހުގެ ގޮތުގައި ފާހަގަކުރާ 21 އޭޕްރިލް އަކީ 1892 ވަނަ އަހަރު ސިފައިން އުފެދުނު ތާރީހެއް ކަމުގައި ބަލައި 1992 ވަނަ އަހަރުން ފެށިގެން ފާހަގަކުރަމުން އަންނަ ދުވަހެއް ކަމަށެވެ. އޭގެކުރިން އަހަރީ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އައިސްފައި ވަނީ 6 ޖޫން ކަމަށާއި އެއީ 1947 ވަނަ އަހަރުން ފެށިގެންކަމަށް ހިލްމީ ވިދާޅުވިއެވެ.
ހިލްމީ ވިދާޅުވީ އެ ތާރީހުތައް އެހެން ހުރިކަމުގައި ވީނަމަވެސް މީގެކުރީގައިވެސް ރާއްޖެ ދިފާއު ކުރުމަށްޓަކައި ދިވެހި ސަފައިންނަކީ މަތިވެރި ގުރުބާނީތަކެއް ވެފައިވާ ބައެއް ކަމަށެވެ. އަދި ތާރީހުން އެނގޭ ގޮތުގައި 1892 ވަނަ އަހަރުގެ ކުރިންވެސް ރާއްޖޭގެ މިނިވަންކަން ދިފާއު ކުރުމަށްޓަކައި ދިވެހި ސިފައިން ވަނީ މަތިވެރި ގުރުބާނީ ތަކެއް ވެ ހަނގުރާމަތަކުގައި އެތަކެއް ބައެއް ވަނީ ޝަހީދުވެގެން ގޮސްފައި ކަމަށް ހިލްމީ ވިދާޅުވިއެވެ.
ދިވެހި ގައުމަށް ދިމާވާ ކޮންމެ ކާރިސާއެއްގައި ނުވަތަ ބޮޑު ކަމެއްގައި އެންމެ ކުރީސަފުގައި ނުކުމެ ހިދުމަތް ފޯރުކޮށްދެމުން އައިސްފައިވަނީ ސިފައިން ކަމަށް ހިލްމީ ވިދާޅުވިއެވެ.
އަޅުގަނޑުމެންނަކީ އޭރުވެސް ރާއްޖޭގައި ކޮންމެ ކަމެއްގައިވެސް ސާބިތުކަން މަތީގައި މަސައްކަތްކުރި ސިފައިންނަށް ވީތީ މިއަދުވެސް ހަށިގަނޑުގައި ހިނގަނީ ހަމަ އެ ލޭ. އަޅުގަނޑުމެންނަކީ އަޅުގަނޑުމެން ކޮށްފައިވާ ހުވާގެ މަތީގައި ސާބިތުވެ ތިބެ ރާއްޖޭގެ މިނިވަންކަން ދިފާއު ކުރުމަށްޓަކައި 24 ގަޑިއިރު އަބަދުވެސް ތައްޔާރަށް ތިބި ބައެއް
ހިލްމީ ވިދާޅުވީ ސިފައިން ޔުނިފޯމް އަޅައިގެން މަސައްކަތް ކުރަނީ ސިފައިން އެކަން ގަބޫލުކޮށް 24 ގަޑިއިރު ހިދުމަތުގައި ދެމި ތިބޭ އަދި ދެމި ތިބެން ޖެހޭ ބައެއްގެ ގޮތުގައި ގަބޫލުކޮށްގެން ކަމަށެވެ. ސިފައިންނަކީ އެމީހުން ކޮށްފައިވާ ހުވާގެ މަތީގައި ސާބިތުވެ ތިބެންޖެހޭ ބައެއްގެ ގޮތުގައި ދެމިތިބުމަށް އެދިވަޑާއިގަންނަވާ ކަމަށް ހިލްމީ ވިދާޅުވިއެވެ.
ގައުމަށް ދިމާވާ ކޮންމެ ކަމެއްގައި ވެސް ގައުމަށް އެހީތެރިަކން ފޯރުކޮށްދިނުމަށްޓަކައި 4 ގަޑިއިރު ހިދުމަތުގައި ދެމިތިބޭ ބައެއްގެ ގޮތުގައި ތިބުމަށް ހިލްމީ އެދިވަޑައިގަތެވެ. މި ދައުރުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަަވަނީ ސިފައިންގެ ގާބިލްކަން އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަމުންކަމަށް ހިލްމީ ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ކުރައްވާ ބުރަ މަސައްކަތުގެ ނަތީޖާ ފެންނަން ފަށާފައިވާ ކަމަށާއި އަދި އަސްކަރީ ގޮތުން ގިނަ މަސައްކަތްތަކެއް ކުރެވިގެން ދާއިރު ސިފައިންނަކީ ގާބިލް ބައެއްގެ ގޮތުގައި ވާނެ ކަމަށް ހިލްމީ ވިދާޅުވިއެވެ.

