އަންހެނަކު ރަހީނުކޮށް ވަޅިން ބިރު ދައްކައި ފުލުހުންނަށް އިންޒާރު ދިން މައްސަލައިގެ ހައްޔަރުގައި ހުއްޓައި އާދަމް އަތުހަރު މަރުވި މައްސަލައާ ގުޅިގެން ދެ ފުލުހަކަށް ދައުވާކޮށްދިނުން އެދި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީމް) އިން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް (ޕީޖީ އޮފީހަށް) ފޮނުވި މައްސަލަ ބޭރުކޮށްލައިފިއެވެ.
ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރ އަހުމަދު ޝަފީއު ”ސަންގަށް“ ވިދާޅުވީ، އެ މައްސަލަ ބޭރުކޮށްލާފައިވަނީ ދައުވާ ކުރެވޭ މިންވަރަށް ހެކި ނެތުމުގެ ސަބަބުން ކަމަށެވެ.
މި މައްސަލައިގައި ފުލުހުންގެ މަސައްކަތާއި މެދު ސުވާލު އުފައްދާ ދެކަމެއް އޮތް އިރު އެއީ އަންހެން މީހާ ސަލާމަތް ކުރުމަށް އަތުހަރުގެ ބޮލަށް މުގުރުން ހަމަލާ ދިން ގޮތާއި، ޖަލު ބަންދުގައި ހުރި އަތުހަރު މޮނީޓާރ ނުކުރުމެވެ.
އަންހެނަކު ރަހީނުކޮށް ވަޅިން ބިރު ދައްކައި ފުލުހުންނަށް އިންޒާރު ދިން މައްސަލައިގެ ހައްޔަރުގައި ހުއްޓައި އާދަމް އަތުހަރު މަރުވެފައި ވަނީ ދަންޖެހިގެންކަމަށް އޭނާގެ އޮޓޮޕްސީ ރިޕޯޓުން ދައްކާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ޝަރީއަތް ނިމެންދެން ބަންދުގައި ހުރި އަތުހަރު ޖަލު ގޮޅީގައި ދަންޖެހިފައި އޮއްވާ ފެނިގެން ފަރުވާދެމުން ދަނިކޮށް މަރުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 2 ގައެވެ. އަތުހަރު މަރުވީ ދަންޖެހިގެން ނޫންކަމަށާއި، އޭނާއަށް ޖަލު ގޮޅީގައި އަނިޔާ ކުރިކަމަށް ތުހުމަތު ކުރެވުމުން ހޯމް މިނިސްޓަރ އަލީ އިހުސާން ވަނީ އަތުހަރު ގޮޅީގެ ސީސީޓީވީ ނޫސްވެރިންނަށް ދައްކާފައެވެ.
މީގެ އިތުރުން، ފުލުހުންގެ ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ އަތުހަރުގެ އޮޓޮޕްސީ ރިޕޯޓުގައިވާ ގޮތުގައި މަރުވާން މެދުވެރިވި ސަބަބަކީ ދަންޖެހުން ކަމަށެވެ.
އަތުހަރަކީ މީހަކަށް އަނިޔާއެއް ދީފާނެކަމަށް އިންޒާރު ދީ، އަމިއްލަ މީހާއަށް ޒަހަމް ދީފާނެކަމަށް އިންޒާރު ދިން މީހެއްކަމުން އޭނާ މޮނީޓަރ ކުރަން ޖެހުނު ނަމަވެސް، ޖަލު ގޮޅީގައި ދަންޖެހިފައި ހުއްޓާ އަތުހަރު ފުލުހުންނަށް ފެނިފައި ވަނީ 30 މިނެޓު ފަހުންނެވެ. މިއީ ފުލުހުންގެ އިހުމާލެއްކަމަށް ބަހުސްތަކެއް ފަށައި، މައްސަލައިގައި ވަނީ ހިޔާލުތައް ދެކަފިވެފައެވެ.

