ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި 2020، ޖޫން މަހުގެ ތެރޭގައި ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލަ އޮއްބާލިކަމަށް އަޑު ފެތުރިފައިވާއިރު، އެފަދަ ގޮތަކަށް މި ސަރުކާރުގައި ކަންކަން ނުހިނގާނެކަމަށް ހޯމް މިނިސްޓަރ އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އެފަދައިން ވިދާޅުވީ ދާދި ފަހުން މާލޭ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓުނު އަންހެން މީހާގެ މައްސަލައިގައި ނުފޫޒު ފޯރުވަމުންދާކަމުގެ ތުހުމަތުތަކެއް އާންމުން ކުރަމުންދާތީ އެކަމާ ގުޅިގެން ބުދަ ދުވަހުގެ މަޖިލިސް ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
މިނިސްޓަރ ވިދާޅުވީ، މީގެ ކުރިން ސަފާރީގައި ހިނގި ކަންކަމުގައި ކަން ހިނގާ ދިޔަ ގޮތް ރައްޔިތުންނަށް ފެންނަން އޮންނާނެ ކަމަށާއި، ނަމަވެސް މިހާރު އެފަދަ ގޮތަކަށް ކަންކަން ނުވާނެކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.
މީގެ ކުރިން އެނގިވަޑައިގަންނަވާނެ ބައެއް ސަފާރީއާ ތަންތަނުގައި ހިނގި ބައެއް ކަންކަމާ ގުޅިގެން ކަން ހިނގާ ދިޔަ ގޮތް، އަޅުގަނޑަށް ޔަޤީންކަމާއެކު ކަށަވަރުކަމާއެކު ދެންނެވިދާނެ މިހާރު އެފަދަ ކަމެއް ނުހިނގާނެކަން،
މިނިސްޓަރ ވިދާޅުވީ، ފުލުހުންގެ އިދާރާއާއި، ރައީސުލްޖުމްހޫރިއްޔާ އަދި ހޯމް މިނިސްޓްރީންވެސް އެއްވެސް މައްސަލައަކަށް ނަހަމަ ގޮތުގައި ނުފޫޒެއް ނުފޯރުވާނެކަން ކަށަވަރު ކުރައްވާނެ ކަމަށާއި، ފުލުހުންގެ އެއްވެސް ތަހުގީގަކަށް ނުފޫޒެއް ނެތްކަން ކަށަވަރު ކުރައްވާނެ ކަމަށެވެ.
ހަމައެއާއެކު، އެއްވެސް މައްސަލައަކާ ގުޅިގެން ތަހުގީގު ވަކި ދިމާއަކަށް ބައްޓަން ކުރުމަށް ނުފޫޒެއް ނޯންނާނެކަންވެސް ކަށަވަރު ކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވަނީ މިހާރު ފެންމަތިވެފައިވާ މައްސަލައިގައިވެސް، ޤާނޫނީ ގޮތުން ދޭންޖެހޭ ރައްކާތެރިކަން ދެއްވާނެކަމަށް އާއިލާއަށް ޔަޤީންކަން ދެއްވާފައެވެ.
ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނެއް ރޭޕް ކުރި ކަމަށް ބުނާ މައްސަލައިގައި ކުށުގެ ވެށިން ހައްޔަރު ކުރި ދެ މީހުން ވަނީ އެ މީހުން ހައްޔަރުގައި ބަހައްޓަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ބުނެ ދޫކޮށްލާފައެވެ. 39 އަހަރުގެ ދިވެހި ދެ ފިރިހެނުން އެ ކޭސްއާއި ގުޅިގެން ހައްޔަރު ކުރިއިރު އެ މީހުން ހައްޔަރު ކުރިތާ މާ ގިނަ އިރުތަކެއް ނުވެ ދޫކޮށްލާން ޖެހުނީ ”މަތީން އައި ފޯނު ކޯލެއް“ ގެ ސަބަބުން ކަމަށް ވާހަކަތައް ފެތުރޭއިރު އޭގެ ތެރެއިން އެކަކު އެއީ ރައްޔިތުންގެ މަޖިލީހުގެ ހިންވަރު ދާއިރާގެ މެންބަރު ޖީހާންގެ ފިރިމީހާ ޝާންކަމަށް އޭރު މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
އެ ހާދިސާ ތަހުގީގު ކުރުމުގައި ފުލުހުން ތަފާތުކުރުން ގެންގުޅޭކަމުގެ ތުހުމަތު ކޮށްފައިވެއެވެ. އަދި އެ މައްސަލައިގައި ވަކި ގޮތަކަށް އަމަލު ކުރަމުންދާކަމާއި، ކޭސްގައި އޮޅުވާލުންތަކެއް ގެންގުޅޭކަމުގެ ތުހުމަތު އާއްމުން ކުރެއެވެ.

