ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނައީމާގެ މަރު: މުއްދަތު މަޖިލީހުގެ ރެކޯޑިންގ ސިއްރުކޮށްދީފި

ނ. މަނަދޫ އިން މަރާލާފައިވާ ނައިމާ މޫސާ
ޝެއާރކޮށްލާ ކަހަލަދޯ؟

ނ. މަނަދޫ ނައީމާ މޫސާ މަރާލި މައްސަލައިގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ އަހުޒަމް އަބްދުލްޝަކޫރާއި ހަސަން ފަވާޒު އަދި އަބްދުލްވާހިދު ރިފާސްގެ މައްޗަށެވެ. އެ 3 މީހުންގެ ބައި ކުރިއަށް ގެންދަނީ ވަކިވަކިންނެވެ. ބުރާސްފަތި ދުވަހު ކުރިއަށްދިޔައީ ޙަސަން ފަވާޒްގެ ބައެވެ.

މި އަޑުއެހުމުގައި އޮތީ ދައުލަތުން އެދިފައިވާ ހެކި ރައްކާތެރި ކުރުމުގެ އަމުރަކާ ގުޅޭ ބައި ކުރިއަށް ގެންދިއުމެވެ. އެގޮތުން ދައުލަތުން މި އަމުރަށް އެދިފައިވަނީ މި މައްސަލައިގެ މުއްދަތު މަޖިލީހުގެ ރެކޯޑިންގ ހޯދުމަށް ދިފާއުން އެދިފައިވާތީއެވެ.

ދައުލަތުން ވަނީ އެ ރެކޯޑިންގ ތަކުގައި ހިމެނޭ ސިއްރު ހެކިންގެ މައުލޫމާތުތައް އުނިކުރުމަށްފަހު ދިފާއަށް ރެކޯޑިންގ ދޫކުރުމަށް އިއުތިރާޒު ނުކުރައްވާކަމަށް ބަޔާންކުރައްވާފައެވެ.

އެކަމާ ގުޅޭގޮތުން ދެފަރާތުން ދެއްކެވި ވާހަކަތަކަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، މިއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށެއް ކަމަށާއި، މި މައްސަލައިގައި ހިމެނޭ ސިއްރު ހެކިންގެ މައުލޫމާތު ހާމަވެއްޖެނަމަ ގެއްލުންތަކެއް ވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެހެންކަމުން ޝަރީއަތުން ވަނީ ހެކި ރައްކާތެރި ކުރުމުގެ އަމުރު ނެރެދެއްވާފައެވެ.

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުންތަކުގައި ދައުލަތުން ވަނީ ހެކި ހާމަކޮށްފައެވެ.

ދައުލަތުން ހުށަހެޅި ކިތާބީ ހެކިތަކުގެ ތެރޭގައި މެޑިކަލް ލިއުންތަކާއި ކްރައިމް ސީން ރިޕޯޓުގެ އިތުރުން، އެމީހުންގެ ސެލް ލޮކޭޝަން އަދި ކޯލް ޑީޓެއިލްތަކާއި، އަހުޒަމް އަދި ރިފާސްގެ އިއުތިރާފާ ގުޅޭ ލިއެކިއުންތައް ހިމެނެއެވެ.

އޭގެ އިތުރުން، އަބްދުލްވާހިދު ރިފާސް އަދި އަހުޒަމް އަބްދުލް ޝަކޫރު ތަހުގީގު މަރުޙަލާގައި އެކި ފަހަރުމަތިން ދީފައިވާ އިއުތިރާފު ބަޔާންތައްވެސް ހެކީގެ ގޮތުގައި ހުށަހަޅާފައިވެއެވެ. ދައުލަތުގެ ވަކީލު ވިދާޅުވީ، އެ ދެމީހުންގެ ބަޔާން ދިމާވާ ކަމަށާއި، އަދި ބަޔާނުގައި ހުރި ކަންކަން މި މައްސަލައިގެ ވަށައިގެން ފެންނަން ހުރި ހެކިތަކާވެސް ދިމާވާ ކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، މި މައްސަލައިގެ މުޅި ތަހުގީގު ބިނާވެފައިވަނީ މައްސަލައިގައި ދައުވާލިބޭ އަހުޒަމްއާއި ރިފާސްގެ އިއުތިރާފުގެ މައްޗަށް ކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، ފުލުހުން ގާތުގައިވެސް، އަދި ދެފަހަރެއްގެ މަތިން މުއްދަތު މަޖިލީހުގައިވެސް އަހުޒަމް އިއުތިރާފުވެފައިވާ ކަމަށާއި، އެ އިއުތިރާފުން މުޅި މި މައްސަލައިގެ އިސްކޮށް އުޅުނީ ޙަސަން ފަވާޒްކަން އެނގިގެންދާ ކަމަށެވެ.

އެހެންނަމަވެސް ފަހުން އެމީހުން ކުށަށް އިންކާރު ކޮށްފައިވާތީ ދައުލަތުން ވަނީ އެމީހުން ބަޔާން ނެގިއިރު ހާޒިރުވެ ތިބި ފުލުހުން ހެކީގެ ގޮތުގައި ހުށަހަޅަން ބޭނުންވާކަން ފާހަގަ ކުރައްވާފައެވެ.

ދައުލަތުން ހުށަހެޅި އިތުރު ހެކިތަކުގެ ތެރޭގައި ނައީމާ މޫސާ ދިރިހުއްޓާ އެންމެ ފަހުން ދިމާވި މީހާއާއި، ނައީމާ ހޯދުމުގައި އުޅުނު މީހުންގެ އިތުރުން، ނައީމާގެ ފުރާނަ ނެތް ހަށިގަނޑު ފެނުނުއިރު އެ ސަރަޙައްދުގައި އުޅުނު މީހުންނާއި، ސިއްޙީ ދާއިރާ އަދި ޤާނޫނު ތަންފީޒު ކުރާ އިދާރާގެ މުވައްޒަފުން ހިމެނެއެވެ.

ދައުވާލިބޭ ފަރާތުންވެސް ހެކި ހާމަކޮށްފައިވާއިރު، ގާޒީ ވަނީ މި މައްސަލައިގެ ދައުވާތަކަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދައުވާތަކެއްކަމަށް ކަނޑައަޅުއްވާފައެވެ. އަދި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް އޭރު ގާޒީ ވަނީ ފުރުސަތު ދެއްވާފައެވެ.

ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް ދިން ފުރުސަތުގައި ދައުލަތުން ހުށަހެޅުންތަކެއް ހުށަހަޅާފައިވީނަމަވެސް، ދިފާއުން އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައެއް ނުވެއެވެ. އެހެންކަމުން އެކަމާ ގުޅޭގޮތުން ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި ގާޒީ ވަނީ ސުވާލު ކުރައްވާފައެވެ.

ދިފާއީ ވަކީލު ވިދާޅުވީ، ދައުލަތުން ފަހުން ހުށަހަޅާފައިވާ ލިއެކިއުންތަކާ ގުޅޭގޮތުން ހުށަހެޅުންތަކެއް ހުށަހަޅަން ދިފާއުން ބޭނުންވާ ކަމަށެވެ. އެކަމަށް ދައުލަތުންވެސް އިއުތިރާޒު ނުކުރާތީ ޝަރީއަތުން ވަނީ އެ ފުރުސަތު ދެއްވާފައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ އާދަމްއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: