ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ބޭނުމުގައި ގޭންގުތައް އުފެދި މުޖުތަމައު ހަމަނުޖެހުމުގެ ތެރެއަށް ހުށައެޅެމުން އައިސްފައިވާކަމަށް ހޯމްލޭންޑް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އިހުސާން ވިދާޅުވީ، ގައުމެއްގެ ގޮތުގައި ގައުމެއް ދެމިއޮތުމުގެ އެންމެ މުހިންމު އެއްކަމަކީ އެ ގައުމެއްގެ ދާހިލީ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުވެފައި އޮތުންކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ރާއްޖެއަކީ މުޅި އިގްތިސާދު ގައުމުގެ ހަމަޖެހުމުގެ މައްޗަށް ބިނާވެފައިވާ ގައުމެއްކަމަށާއި އިންވެސްޓަރުންގެ ޔަގީންކަމުން ފެށިގެން ރައްޔިތުންގެ ހިތްހަމަޖެހުންވެސް ބިނާވެފައިވަނީ އެ އިހުސާސްގެ މައްޗަށްކަމަށެވެ.
އިހުސާން ވިދާޅުވީ، ފުލުހުންގެ ހިދުމަތަކީ އެ ސަލާމަތާއި ރައްކައުތެރިކަން ގާއިމުކުރުމުގެ އެންމެ އިސް ގާނޫނީ ޒިންމާ ހަވާލުވެފައިވާ އިދާރާކަމަށެވެ. އަދި ފާއިތުވި އަހަރުތަކުގެ ތެރޭގައި އިސްވެ ދެންނެވި މާހައުލު ދެމެހެއްޓުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުން އަންނަކަމަށް ހިއްސާކުރެއްވިއެވެ. އެގޮތުން މަސްތުވާތަކެތީގެ ވަބާގައި އެތައް ޒުވާނުންނަކާއި އެ ޒުވާނުންގެ އާއިލާތައް ޖެހި ދިރިއުޅެމުން އަންނަނީ ވޭނާއި އުނދަގުލުގައިކަމަށެވެ.
އިހުސާން ވިދާޅުވީ، މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކުގެ ސަބަބުން ކުށުގެ ވެއްޓަށް ބޮޑެތި ބަދަލުތަކައް އައިސްފައިވާކަމަށެވެ. އެގޮތުން މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ބޭނުމުގައި ކުށްކުރާ ގޭންގުތައް އުފެދި މުޖުތަމައު ހަމަނުޖެހުމުގެ ތެރެއަށް ހުށައެޅެމުން އައިސްފައިވާކަމަށާއި މައުސޫމު އެތައް ފުރާނައެއް މި މާހައުލުގެ ޝިކާރައަކަށް ވަމުން އައިސްފައިވާކަމަށް މައުލޫމާތު ދެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ، ތުއްތު ކުދިންވެސް ކުށުގެ ވެށްތަށް ހުށައެޅެމުންދިޔަކަމަށާއި ކުށްކުރާ ކުޑަކުދިންގެ އަދަދުތައް އިންތިހާއަށް އިތުރުވަމުންދިޔަކަމަށެވެ. އަދި ރާއްޖޭގައި އެންމެ ބޮޑު ނުރައްކަލަކަށް ވެފައިވާ އެއް މައްސަލަކަމަށްވާ ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ ސަބަބުންވެސް ކުށުގެ ވެއްޓަށް ބޮޅުތަކެއް އިތުރުވަމުން އައިސްފައިވާކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، ސަރުކާރުތަކާއި ވެރިން ބަދަލުވަމުންދިޔަަކަމަށެވެ. ނަމަވެސް އެ މައްސަލަތަކަށް އެކަށީގެންވާ ހައްލުތަކެއް އަންނާނެކަމުގެ އުންމީދެއް ރާއްޖޭގެ ރައްޔިތުންނަށް ލިއްބައި ނުދެވުންކަމަަށެވެ. އިހުސާން ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމާއިއެކު އިސްވެ ފާހަގަކުރެއްވި މައްސަލަތަކަށް އިންގިލާބީ އަދި ދާއިމީ ހައްލެއް ގެނައުމަށް ނިންމެވިކަމަށެވެ.
އެހެންކަމުން ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ ތާރީހުގައި ދާހިލީ ސަލާމަތާއި ބެހޭ ހުރިހާ ވުޒާރާއެއް އެއް ފުރާޅެއްގެ ދަށަށް ގެންނަވައި ދިވެހި ފުލުހުން އިސްވެ ތިބޭ ގޮތަށް ހާއްސަ ޓާސްކް ފޯސްއެއް އެމަނިކުފާނު އެކުލަވާލެއްވިކަމަށް ހިއްސާކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ، މޫލާފައިހުރި މައްސަލަތަކަށް ހައްލުތައް ގެނައުމުގެ ގޮތުން ބޭނުންވާ ގާނޫނީ ބަދަލުތައް ގެނައުމަށްޓަކައި ބިލުތައް ޑްރާފްޓުކުރުމުގެ މަސައްކަތްތައް ސީދާ ރައީސްގެ ބެއްލެވުމުގެ ދަށުން ކުރެވެމުންދާކަމަށޭވެ.

