ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އަހަރީ ސްޓާފް އެވޯޑު ޙަފްލާގައި އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް އެވޯޑުތައް ދީފިއެވެ. މި ރަސްމިއްޔާތުގައި މި އަހަރުގެ އެމްޕްލޯޔީ އޮފް ދަ އިޔަރގެ މަގާމު ޚުޒާޢަތު ޢަލީ ވަނީ ހާސިލުކޮށްފައެވެ.
މި ރަސްމިއްޔާތުގައި އެވޯޑުތައް ހަވާލުކޮށްދެއްވީ ބީއެމްއެލްގެ ޗެއަރޕަރސަން އަޙްމަދު އަލީ ޙަބީބް، ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް އަދި ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންނެވެ. މި ރަސްމިއްޔާތުގައި ވޭތުވެދިޔަ އަހަރު އެންމެ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރި މުވައްޒަފުންނާއި ޑިޕާޓްމަންޓުތަކުގެ އަގުވަޒަންކޮށް އެވޯޑުތައް ދީފައިވެއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ ”ބޭންކުގެ އެންމެ ބޮޑު ކާމިޔާބީއަކީ މުވައްޒަފުން“ ކަމަށެވެ. އަދި ބޭންކުގެ ކާމިޔާބީތަކުގައި މުވައްޒަފުން އަދާކުރާ މުހިއްމު ދައުރު ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، ކޮންމެ މުވައްޒަފަކަށްވެސް ކުރިއެރުން ހޯދޭނެ މަގު ތަނަވަސްކޮށްދިނުމަށް ބޭންކުން އަބަދުވެސް މަސައްކަތް ކުރާނެކަމަށް ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ.
ބޭންކުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި ކުރިއަށް އޮތް އަހަރުތަކުގައިވެސް ބޭންކުގެ މުވައްޒަފުންގެ އަގުވަޒަންކުރުމަށް އެ ބޭންކުން ޚާއްސަ އިސްކަމެއްދީގެން މަސައްކަތްތައް ކުރިއަށް ގެންދާނެއެވެ.

